މި އަހަރުގެ ސްކްރީން އެކްޓާޒް ގިލްޑް (އެސްއޭޖީ) އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް "އެވްރިތިންގް އެވްރިވެއާ އޯލް އެޓް ވަންސް" ހޮވައިފި އެވެ.
އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ކާސްޓްގެ އެވޯޑް ވެސް އެ ފިލްމަށް ލިބުނެވެ. އަދި ފިލްމުގެ ތަރިންނަަށް ވެސް ވަކިވަކި އެވޯޑުތައް ލިބުނެވެ.
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބުނީ އެ ފިލްމުން މިޝޭލް ޔެއޯ އަށެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އަދި އެކްޓްރެސްގެ އެވޯޑް ވެސް ލިބުނީ އެ ފިލްމުން ކޭ ހުއި ކުއާން އާއި ޖޭމީ ލީ ކާޓިސް އަށެވެ.
މާޗް 12 ވަނަ ދުވަހު އޮންނަ އޮސްކާ އެވޯޑުގެ ގިނަ ކެޓެގަރީތަކުން ވެސް "އެވްރިތިންގް އެވްރިވެއާ އޯލް އެޓް ވަންސް" ނޮމިނޭޓްވެފައިވެ އެވެ.
މީގެ ކުރިން އެއް ފިލްމަށް ހަތަރު އެސްއޭޖީ އެވޯޑް ލިބިފައެއް ނުވެ އެވެ. އެހެންކަމުން، އޮސްކާގައި ވެސް އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އެސްއޭޖީ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ "ދަ ވޭލް" އިން ބްރެންޑަން ފްރޭޒާ އެވެ. ކޮންމެ އަހަރަކު އޮންނަ އެސްއޭޖީ އެވޯޑްގައި އެންމެ މޮޅު ފަރާތްތައް ހޮވަނީ އެހެން އެކްޓަރުންގެ ވޯޓުންނެވެ.










