ބާސެލޯނާ (ފެބްރުއަރީ 27) - ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ ކުުޅުނު މެޗުން އަލްމޭރިއާ އަތުން 1-0 އިން ބަލިވެ، ލީގުގެ ރޭހުގައި ފައިދާނަގަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.
މިއީ އަލްމޭރިއާ އިން ބާސެލޯނާގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.
ސްޕެނިޝް ލީގުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނަގަން ފުރުސަތު އޮތް ބާސެލޯނާ ބަލިވުމުން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 23 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 23 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.
އަލްމޭރިއާ އިން މިރޭގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ މެޗުގެ 24 ވަނަ މިނިޓްގައި އަލް ބިލާލް ޓޫރޭ އެވެ. ބާސެލޯނާ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހޯދައި، ޓޫރޭ އޭރިއާތެރެއިން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. ފުރަތަމަ ހާފުގައި، ލީޑުފުޅާކުރަން އަލްމޭރިއާ އިން ކޯނަރުތަކުގައި ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއްނުވި އެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ކުރިއަށް ޖެހިގެން ކުޅެ، ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ބެލި އެވެ. އެ ގޮތުން އޭރިއާތެރެއިން ބާސެލޯނާގެ ރަފީނިއާ ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ބާސެލޯނާގެ ފެރާން ޓޮރޭޒް ނެގި ހުރަހެއްް ގޯލު ކުރިމަތިން ދިޔައިރު، ޖަހަން އެރި އެއްވެސް ކުޅުންތެރިއަކު ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އަދި ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަށް އަލްމޭރިއާ އޭރިއާތެރެއިން މުޅިން ހުސްކޮށް ލިބުނު ބޯޅަ ވެސް ރަނގަޅަށް ފޮނުވާނުލެވި ފުރުސަތު ގެއްލުނީ އެވެ.
އަލްމޭރިއާ އަށް ދެ ވަނަ ހާފުގައި ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ބަދަލަކަށް ކުޅެން އެރި، އަދްރީ އެމްބާބާ އަށެވެ. ހުސްކޮށް އޭރިއާތެެރެއަށް ވަދެ، އެމްބާބާ ޖެހި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
ލީގުގެ މެޗުތަކުގައި ބަލިނުވެ 13 މެޗު ހަމަކުރުމަށް ފަހު، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން ފުރަތަމަ ފަހަރަށް ބާސެލޯނާ މި ވަނީ ލީގުގައި ބަލިވެފަ އެެވެ.
މިރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް "ރުޅިގަދަވެފައި" ހުރި ކަމަށެވެ. އަދި މިއީ ހުރިހާ ގޮތަކުން ބެލިޔަސް މުޅި ސީޒަނުގައި ވެސް ބާސެލޯނާގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނުނު ދުވަސް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.
ބާސެލޯނާ ބަލިކުރި އަލްމޭރިއާ އޮތީ 23 މެޗުން 25 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.












