މިއުނިކް (ފެބްރުއަރީ 27) - ހުނަރުވެރި މިޑްފީލްޑަރު، ޖަމާލް މުސިއާލާ އަށް 20 އަހަރު ފުރުނު އުފަން ދުވަހުގައި، އޭނާ ޖެހި ގޯލާ އެކު 3-0 އިން ޔޫނިއަން ބާލިން ބަލިކޮށް، މިރޭ ބަޔާން މިއުނިކް އަލުން ޖަރުމަނު ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ހޮފެންހައިމް 1-0 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް އެއް ވަނަ އަށް އެރި ނަމަވެސް މިރޭ ބަޔާނާއި ޔޫނިއަން ބާލިން ކުޅެގެން މޮޅުވާ ޓީމަކަށް އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ. ބަޔާނުން ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ޑޯޓްމަންޑާ އެއްވަރަށް 22 މެޗުން 46 ޕޮއިންޓާ އެކު އެވެ. ލަނޑުގެ ތަފާތުން ބަޔާން އޮތީ ޑޯޓްމަންޑަށް ވުރެ ކުރީގަ އެވެ. ތިން ވަނައިގައި އޮތް ޔޫނިއަން ބާލިން އަށް ވަނީ 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ.
ބަޔާން ދަނޑުގައި މިރޭ ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ކެމަރޫންގެ ފޯވާޑް، އެރިކް މެކްސިމް ޗުޕޯ މޯޓިން އެވެ. މިއީ ކިންގްސްލީ ކޯމަން ނެގި ހުރަހަަކަށް ފުންމައިގެން އަރައި، ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޗުޕޯ މޯޓިން ޖެހި ގޯލެކެވެ.
ފުރަތަމަ ގޯލު ޖެހިތާ ނުވަ މިނިޓް ފަހުން، ކޯމަން ވަނީ ބަޔާނަށް ލީޑުފުޅާކޮށްދީފަ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ތޯމަސް މުލާ ދިން ބޯޅައެއް ހިފައިގެން ހުސްކޮށް އޭރިއާތެރެއަށް ވަދެ، ކޯމަން މި ގޯލު ޖެހީ ޔޫނިއަން ބާލިން ކީޕަރު ފްރެޑެރިކް ރޮނޯ ކައިރިން ނައްޓާފައި ގޮހެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ މުލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް އެއް ފަހަރުން ގޯލަށް ވައްދާލައިގެން މުސިއާލާ ޖެހި ގޯލެކެވެ. މިއީ މި ސީޒަނުގައި މުސިއާލާ ޖެހި 11 ވަނަ ގޯލެވެ.
ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖަހަން ބަޔާނުން ތަނަވަސްކުރި ފުރުސަތުތަކުގައި އެދެވޭ ކަމެއް ހާސިލެއް ނުކުރެވުނެވެ.
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ޔޫނިއަން ބާލިން އަކީ ލީގުގެ ރޭހުގައި ވާދަކުރަމުން އަންނަ ޓީމަކަށްވާއިރު، އެ ޓީމު އަތުން ތިން ޕޮއިންޓް ލިބުނަސް ފަރުޖައްސައިލެވޭނެ ކަމަށެވެ. އެކަމަކު، ބަޔާނުން މި މެޗުގައި ތިން ޕޮއިންޓް ހޯދީ މޮޅަށް ކުޅެ، މެޗު ވެސް ޑޮމިނޭޓްކޮށްގެން ކަމަށްވާތީ ކުރިއަށްދާން ހިތްވަރު ލިބިފައިވާ ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ބަޔާންގެ ފޯވާޑް، ސަޑިއޯ މާނޭ ވަނީ ރޭގެ މެޗުގައި ކުޅުމަށް އެނބުރި އަތުވެފަ އެވެ. ނާގަލްސްމަން ބުނީ މާނޭ އެނބުރި އައުމަކީ މުޅި ޓީމު ވެސް އުފާކުރާ ކަމެއް ކަމަށެވެ.












