ސިންގަޕޫރު އަތުން ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ފުރަތަމަ ސެޓު ނިންމާލަން ލުބުނު ފުރުސަތުގައި އެކަން ނުކުރެވުނުކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓިމްގެ ކޯޗު ނިޒާރު އިބްރާހިމް (ބޮޑޭ) ބުނެފި އެވެ.
ފޯ ނޭޝަންސް ކަޕްގައި އަނެހެން ވޮލީބޯޅަ ޓީމް ކުޅުނު ދެ ވަނަ މެޗުންވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން 3-2 ސެޓުން ބަލިވިއިރު، ސިންގަޕޫރު އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި ނަތީޖާއާއިއެކު ރާއްޖެ ކުޅެން ޖެހޭނީ ސެމީ ފައިނަލްގަ އެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނީ ސިންޕޫރާ މެލޭޝިއާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބަލިވާ ޓީމެއް ސެމީ ފައިނަލް ޕްލޭ އޮފްގައި ކުޅެން ޖެހޭނީ ރާއްޖެއާ ދެކޮޅަށެވެ.
ސިންގަޕޫރު އަތުން ބަލިވި މެޗަށްފަހު ކޯޗު ނިޒާރު ބުނީ މި މެޗުގައި ވެސް ޓީމުގެ ކުޅުން ގޯހެއް ނޫން ކަމަށެވެ. ޓިމުން ރަނގަޅަށް ކުޅުނު ނަމަވެސް މެޗު ގެއްލުނީ ފުރަތަމަ ސެޓުގައި މޮޅަށް ކުޅެ ފަހު ވަގުތު ހެދުނު މިސްޓޭކްތަކުން ސެޓު ގެއްލުމުން ކަމަށް ނިޒާރު ގަބޫލުކުރެ އެވެ.
ކުރިން ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރި ނިޒާރު ބުނީ ފުރަތަމަ މެޗުގައި ވެސް ރަނގަޅަށް ކުޅެ ފަހު ވަގުތު ސެޓު ގެއްލުނުކަމަށާއި ރޭގެ މެޗު ވެސް ހަގީގަތުގައި އެނބުރުނު ހިސާބެއްގެ ގޮތުގައި ބެލެވެނީ ކަމަށެވެ. އަދިވެސް ޓީމުގެ އެންމެ ރަނގަޅު ކުޅުން ނުދެއްކޭކަން ފާހަގަކޮށް ނިޒާރު ބުނީ ދިވެހި ޓީމަށް މި އަށް ވުރެ މާ މޮޅަށް ކުޅެވޭނެ ކަމަށެވެ.
"އަހަރުމެން އަތުގަ އޮތް ސެޓެއް ފުރަތަމަ ގެއްލުނީވެސް. ރަނގަޅަށް ކުޅުނު ހަމަ. އެކަމަކު މިސްޓޭކްތައް އެބަ ޖެހޭ މަދު ކުރަން. އޭގެ ގެއްލުން ދެއްކި ވަރަސް ބޮޑަށް" ކުރިން މަތީ ލެވަލްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ނިޒާރު ބުންޏެވެ.
މީގެ ފަސް މަސް ކުރިން އަންހެން ޓީމުގެ ކޯޗުކަމާ ހަވާލުވި ނިޒާރު ބުނީ މިހާރު ހުރިހާ ފޯކަސްއެއް ހުރީ ސެމީ ފައިނަލް/ޕްލޭއޮފް މެޗަށް ކަމަށެވެ. ސެމީ ގައި ކޮންމެ ޓިމަކާ ދެކޮޅަށް ކުޅެން ޖެހުނަށް މޮޅުވެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވެސް ނިޒާރު ވަނީ ބުނެފަ އެވެ.
ރާއްޖެ އަތުން ލިބުނީ ޓީމްގެ ކުރިއެރުމަށް މުހިންމު މޮޅެއް: ކޯޗު ފޮސީޓާ
ސިންގޕޫރުގެ އަންހެން ގައުމީ ޓީމްގެ ކޯޗަކަށް ވެސް ހުރީ ފިރިހެން ޓީމާ ހަވާލުވެ ހުރި، ކުރިން ރާއްޖޭގެ ފިރިހެން ޓީމަށް ވެސް ކޯޗުކޮށްދިންް ތައިލެންޑްގެ ސުންޓޮން ފޮސީޓާ އެވެ.
ސުންޓޮން ބުނީ އޭނާ ބޭނުންވި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް ކުޅުނު ކަމަށާއި، ރާއްޖެ އަތުން ލިބުނު މޮޅަކީ އޭނާ ބިނާ ކުރަމުން އަންނަ އާ ސިންގަޕޫރު ޓީމަށްގެ ކުރިއެރުމަށް ލިބުނު މުހިންމު މޮޅެއް ކަމަށެވެ.
ރާއްޖޭގެ ޓީމުން މެޗުގައި ގިނަ މިސްޓޭކްތަކެއް ހެދިކަން ފާހަގަކޮށް ސުންޓޮން ބުނީ، އެ ދަނޑިވަޅުގައި އޭނާގެ ޓީމަށް ފަރުވާތެރިކަމާ އެކު ކުޅެން އިރުޝާދުދިން ކަމަށެވެ. އެ ގޮތުން ސާވިސްތައް ގެއްލުވާ ނުލައި ރިސީވްތައް ރަނގަޅު ކުރަން ބުނި ކަމަށް ސުންޓޮން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް މެލޭޝިއާ މެޗުގެ ކުރިން ސިންގަޕޫރަށް ލިބުނު މޮޅާ އެކު ކުޅުންތެރިންގެ ކޮންފިޑެންސް ރަނގަޅުވެއްޖެ ކަމަށް ސުންޓޮން ވަނީ ބުނެފަ އެވެ.
"އަހަރުމެން މިދިޔަ އަހަރު މެލޭޝިއާ އާ ދެކޮޅަށް ކުޅެފިން. އެ މެޗުން ބަލިވީ ސީދާ ތިން ސެޓުން. އެކަމަކު މިއަދުގެ މެޗާމެދު އިތުބާރު އެބައޮތް. ރާއްޖެ މެޗުން މޮޅުވުމުން އޭގެ ފައިދާ ޓިމަށް ކުރާނެ. ކުޅުންތެރިންގެ ކޮންފެިދެންސް ވަރަށް ރަނގަޅުކޮށް މިހާރު ހުރީ" ސުންޓޮން ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގެ ލީގު ބުރުގެ ފަހު މެޗުގައި މިއަދު މެންދުރު ފަހު 14:30 ގައި ސިންގަޕޫރާއި މެލޭޝިއާ ބައްދަލުކުރާނެ އެވެ.












