ހުޒާމް ދެކޭގޮތުގައި ޓީމުގެ ތަފާތަކީ ކޮންފިޑެންސް ރަނގަޅުވުން

Feb 25, 2023, 4:20 AM
ރޭގެ މެޗުގެ ތެރެއިން ހުޒާމް (ކ) އާއި ނިލާމް: ދެ ކުޅުންތެރިން ވެސް ތަފާތު މޮޅަށް ކުޅުނު.-- ފޮޓޯ: އަދަދު

ރޭގެ މެޗުގެ ތެރެއިން ހުޒާމް (ކ) އާއި ނިލާމް: ދެ ކުޅުންތެރިން ވެސް ތަފާތު މޮޅަށް ކުޅުނު.-- ފޮޓޯ: އަދަދު

މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގައި ވޮލީބޯޅަ މުބާރާތުގައި ސިންގަޕޫރު އަތުން މޮޅުވީ ކުޅުންތެރިން މޮޅަށް ކުޅެގެން ކަމަށާއި ޓީމްގެ ކޮންފިޑެންސް ލެވެލް މިހާރު ރަނގަޅުވެފައިވާ ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމްގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.

ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން 3-1 ސެޓުން ބަލިވި ނަމަވެސް ރާއްޖެއިން ވަނީ ރޭ ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ސިންގަޕޫރު އަތުން މޮޅުވި މެޗަށް ފަހު ކެޕްޓަން، ހުޒާމް ބުނީ ފުރަތަމަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ޓީމުން ގޯސްކޮށްކުރި ގިނަ ކަންކަން މި މެޗުގައި ރަނގަޅު ކުރެވުނު ކަމަށާއި މިހާރު ޓީމުގެ ކޮންފިޑެންސް ލެވެލްވެސް ރަނގަޅުވެފައިވާ ކަމަށެވެ.

އޭނާ ބުނީ ފުރަތަމަ މެޗުގައި ހަމަޖެހިލައިގެން ކުޅުމުގެ ބަދަލުގައި ބޮޑަށް ފެނުނީ އަވަސް އަރުވާލައިގެން ކުޅެން އުޅުނުތަން ކަމަށެވެ. ކޯޗުގެ ގޭމް ޕްލޭނާ އެއްގޮތަސް މެލޭޝިއާ މެޗުގައި ނުކުޅެވުނު ކަމަށް ހުޒާމް ވަނީ ފާހަގަކޮށްފަ އެވެ.

ސިންގަޕޫރު މެޗުގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލި ހުޒާމް ބުނީ ގައުމީ ކޯޗާ އެކު ރަސްމީ މުބާރާތެއްގެ މެޗެއް ކުޅެލަން އަލަށް ލިބުނީ މި މުބާރާތުގައި ކަމަށާއި، އެހެންކަމުން، ކޯޗުގެ ގޭމަށް ހޭނެން ވަގުތުކޮޅެއް ނެގީކަމަށެވެ

"އަސްލު މި ކޯޗާ އެކު ރަސްމީ މެޗެއް ނުކުޅޭތާ. މުބާރާތުގެ މެޗަކަށް ފުރަތަމަ މެލޭޝިއާ އާ ދެކޮޅާށް ނިކުތީ. އެހެންވެ މާ ބޮޑަށް ހިފާލެވުނީ. ދެން މިސްޓޭކްތައް ވެސް ހެދުނު. އެކަމަކު މިރޭ (ރޭ) ރަނގަޅަށް މިދިޔައީ އަހަރުމެންގެ ގޭމް ރަނގަޅަށް ކުޅެފައި މޮޅުވީ،" 10 ވަރަކަށް އަހަރު ގައުމީ ޓީމާ އެކު ހޭދަކޮށްފައިވާ ހުޒާމް ބުންޏެވެ.

ހުޒާމް ބުނީ މިހާރު ކުޅުންތެރިން ތިބި ކޮންފިޑެންސްގައި އަފްގާނިސްތާނާ ދެކޮޅަށް ނުކުމެއްޖެ ނަމަ ރަނގަޅު ނަތީޖާއަކާ އެކު މޮޅުވެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ. އަފްގާނިސްތާނަކީ ވެސް ވަރުގަދަ ޓީމެއް ކަމަަށާއި އެއްވެސް ވަރަކަށް މެޗު ފަސޭހަ ނުކޮށްލާނެ ކަމަށް ވެސް ހުޒާމް ވަނީ ބުނެފަ އެވެ.

"އަފްގާނު އަދި ބައްޔެއް ނުވޭ. ދެ މެޗުންވެސް އެމީހުން އޮތީ މޮޅުވެފައި. އަހަރުމެން ރަނގަޅު ގޭމެއް ކުޅެފިޔައްޔާ ހަމަ މޮޅުވެވެނޭނެ. ޔަގީންކަން އެބައޮތް"

ގައުމީ ކޯޗު ވެލޯސޯ: ސިންގަޕޫރު މެޗަކީ އޭނާ ހަވާލުވި ފަހުން ރާއްޖެ މޮޅުވި ފުރަތަމަ މެޗު.-- ފޮޓޯ: އަދަދު

ކުޅުންތެރިންގެ ފެންވަރު ފެނިއްޖެ، މިއީ ބޭނުންވާ ކުޅުމަކީ: ވެލޯސޯ

ގައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗު، ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނީ ފުރަތަމަ މެޗުގައި ގިނަ މިސްޓޭކްތަކެއް ފެނުނު ކަމަށާއި ސިންގަޕޫރު މެޗުގައި އެކަންކަން ރަނގަޅު ކުރި ކަމަށެވެ. ވަކިން ހާއްސަކޮށް ސާވިސް ތަކާއި ސާވިސް ރިސީވްތައް ރަނގަޅުކުރިކަން އޭނާ ފާހަގަކުރި އެވެ.

ވެލޯސޯ ބުނީ އެންމެ ބޮޑަށް އޭނާ މެޗުގައި ފާހަގަކުރާ ކަމަކީ ލިބޭ ރަނގަޅު ފުރުސަތުތަކުގެ ބޭނުން ކުރުން ކަމަށާއި ޗާންސް ބޯޅަ ތަކުގައި ހޯދި ޕޮއިންޓް ތަކުގެ ސަބަބުން މެޗު ކާމިޔާބުކުރަން ފަސޭހަވި ކަމަށެވެ.

"ސާވިސް، ރިސީވް، ބްލޮކް، އެޓޭކް ހުރިހާ ކަމެއްވެސް މިރޭ ވަރަށް ރަނގަޅު. އަދިވެސް އަހރެން އެންމެ ބޭނުންވާ ކުޅުން ނުދެއްކޭ. އެކަމަަކު ކުރީ މެޗުން ބަލިވެފައި އޮއްތާ މިރޭ ދެއްކި ކުޅުން ވަރަށް ރަނގަޅު. ވަރަށް ބޮޑުތަނުން ކުރިއެރުން ފެނިއްޖެ. ގޭމް ޕޭލާނާ އެއްގޮތަށް ރަނގަޅަށް ކުޅެފި." ބަހްރޭން ޓީމަށް ކުރިން އިރުޝާދު ދިން ވެލޯސޯ ބުންޏެވެ.

ކޯޗު ބުނީ ދެން އޮތީ މާ ވަރުގަދަ މެޗެއް ކަމަށާއި، އެ މެޗުގައި ވެސް ޓީމުން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"ރާއްޖެ ޓީމް މާ މޮޅު، ސިންގަޕޫރު ކުޅުންތެރިން ތިބީ ބިރުން"

ސިންގަޕޫރުގެ ކޯޗު ސުންޓޮން ފޮސީޓާ ބުނީ ރާއްޖޭގެ ކުޅުންތެރިންގެ އެޓޭކްތައް ފެނުނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، މެޗުގެ ވަކި ހިސާބަކުން އޭނާގެ ޓީމުގެ ކޮންފިޑެންސް ލެވެލް ވެއްޓިއްޖެ ކަމަށެވެެ.

އެންމެ ބޮޑަށް ފާހަގަވި ކަމެއްގެ ގޮތުގައި ސުންޓޮން ބުނީ ދިވެހި ޓީމުގެ ސަޕޯޓު ކަމަށާއި، މެޗު ރާއްޖެ ކޮޅަށް އެނބުރުމުގައި ސަޕޯޓަރުން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އޭނާ ބުނީ ހޯލުގައި ސަޕޯޓަރުންގެ އަޑު ގަދަ ކަމުން ސިންގަޕޫރުގެ ކުޅުންތެރިން ތިބީ ޖެހިލުންވެފައި ކަމަށާއި، ބައެއް ކުޅުންތެރިން ތިބީ ގޭމުން ބޭރުވެފައި ކަމަށެވެ.

"މިރޭ (ރޭ) ހަމަ ރާއްޖެ މޮޅީ، އަހަރެންގެ ޓީމް ބިރުން ތިބީ. މާ ބޮޑަށް ސަޕޯޓަރުންގެ އަޑު ޖެހިފައި ބިރުގަތީ. ދެން މިސްޓޭކްތައް ވެސް ވަރަށް ގިނަކޮށް ފެނުނީ. މޮޅު ޓީމަކާ ދެކޮޅަށް ކުޅޭއިރު މިސަޓޭކް މަދު ކުރަން ޖެހޭނެ. އޭގެ ގެއްލުން ދެއްކި ޓީމަށް" މިދިޔަ ފަސް އަހަރު ސިންގަޕޫރު ޓީމަށް އިރުޝާދު ދިން ސުންޓޮން ބުންޏެވެ.

ސުންޓޮން ބުނީ މި މެޗަކީ އޭނާގެ ޓީމަށް ބޮޑު ތަޖުރިބާއެއް ކަމަށާއި، ފަހު މެޗުގައި މެލޭޝިއާ އަތުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށެވެ. ކޮންމެ ނަތީޖާއެއް ނުކުތަސް ސެމީ ފައިނަލުގެ ފުރުސަތު އޮތުމަކީ އޭނާ އަށް މި ވަގުތު އޮތް ޕްރެޝަރު ކުޑަވާކަމެއްކަން ވެސް ސުންޓޮން ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox