ރާއްޖޭގައި އިއްޔެ ފެށި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި އަފްގާނިސްތާނުން ކުޅުނު ދެ ވަނަ މެޗުން މިއަދު މެލޭޝިއާ އަތުން ވެސް މޮޅުވެއްޖެ އެވެ.
މެލޭޝިއާގެ މައްޗަށް އަފްގާނިސްތާން ކުރިހޯދީ 3-1 ސެޓުންނެވެ. ސެޓުތައް ދިޔައީ 25-22، 25-21، 19-25 އަދި 25-19 އިންނެވެ.
އިއްޔެ، ސިންގަޕޫރާ ދެކޮޅަށް އަފްގާނިސްތާނުން ކުރިހޯދީ ފުރަތަމަ ސެޓު ގެއްލުނު ނަަމަވެސް ފަހަތުން އަރައި ދެން ކުުޅުނު ތިން ސެޓު ކާމިޔާބުކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު މެންދުރު ފަހު ކުޅުނު މެޗު ފަށައިގެން އަފްގާނިސްތާނުން ވަނީ އިއްޔެ ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗު ނިންމާލި ހިސާބުން އެ ފޯމުގައި ރަނގަޅަށް ކުޅެން ފަށައިފަ އެވެ. އަފްގާނިސްތާންގެ ރިސީވްގައި ތަފާތު ފެނިގެންދިޔައިރު، އެ ޓީމުގެ އެޓޭކްގައި ތިބި ކުޅުންތެރިން އިތުބާރާ އެކު ކުޅުނެވެ. ރަނގަޅު ލީޑެއް މުޅި ފުރަތަމަ ސެޓުގައި ކަހަލަ ގޮތަކަށް އަފްގާނިސްތާނުން ހިފެހެއްޓިއިރު، އެ ޓީމުން މި ސެޓު ގެންދިޔައީ 25-22 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން މެލޭޝިއާ އިން ކޮންމެ ވެސް ވަރަކަށް ކުޅެވޭތޯ ބެލި އެވެ. އެޓޭކިން ބޯޅަތަކުގައި ފަރުވާ ބަހައްޓައިގެން ކުޅުނުއިރު، އަފްގާނިސްތާން ފޯމަަކަށް އެޅެން ވަގުތު ނެގި އެވެ. ވަކި ހިސާބަކުން އަފްގާނިސްތާން ވަނީ ސެޓުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅެން ފަށައިފަ އެވެ. ރަނގަޅު ލީޑެއް މި ސެޓުގެ މެޖޯރިޓީގައި ވެސް ދެމެހެއްޓި އަފްގާނިސްތާނުން ދެ ވަނަ ސެޓު ގެންދިޔައީ 25-21 އިންނެވެ.
ތިން ވަނަ ސެޓު ފަށައިގެން އަފްގާނިސްތާނުން ފަސޭހަކޮށްލުމުގެ ފައިދާނަގައި މެލޭޝިއާ އިން ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާ އަކަށްވިި މެލޭޝިއާ އިން 19-25 އިން ސެޓު ގެންގޮސް އުންމީދެއް ހޯދުމެވެ.
އެކަމަކު، ހަތަރު ވަނަ ސެޓުގައި އަފްގާނިސްތާން ފޯމަކަށް އެޅި އެންމެ ފުރަތަމަ ދެ ސެޓުގައި ދެއްކި ކުޅުން ތަކުރާރުކޮށް، މެލޭޝިއާގެ މައްޗަށް ކުރިހޯދި އެވެ. އަފްގާނިސްތާނުން މި ސެޓު 25-19 އިން ގެންގޮސް މެޗު ކާމިޔާބު ކުރީ އެވެ.
ފުރަތަމަ ދެ މެޗުން މޮޅުވި އަފްގާނިސްތާން މާދަމާރޭ ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. ފުރަތަމަ މެޗުން ބަލިވި ސިންގަޕޫރާއި ދެ ވަނަ މެޗުން ބަލިވި ރާއްޖެ ކުޅޭ މެޗު އޮންނާނީ މިރޭ 20:30 ގަ އެވެ.












