މާލޭގައި އިއްޔެ ފެށި ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ކުރިއަށް އޮތް މެޗަށް ޓީމު އިތުބާރާ އެކު ނުކުންނާނެ ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.
މި މަހުގެ 27 އާ ހަމައަށް ކުރިއަށްދާ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ފަހު އަންހެން ގައުމީ ޓީމު މެލޭޝިއާ އަތުން ބަލިވީ 3-2 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-20، 22-25، 23-25، 25-21 އަދި 16-14 އިންނެވެ.
މި މެޗަށް ފަހު ގައުމީ ޓީމްގެ ކެޕްޓަން ހައްވަ ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، މެޗުން މޮޅު ނުވެވުމުން މާޔޫސްވި ނަމަވެސް ހިތްވަރަށް ބަދަލެއް ނާންނަ ކަމަށެވެ. މިއަދު ސިންގަޕޫރާ ދެކޮޅަށް އަންހެން ޓީމު ނިކުންނާނީ އާ އަޒުމަކާ އެކު ކަމަށާއި، ސަޕޯޓަރުން ޓީމަށް ސަޕޯޓްކުރަން އައުމަށް ހައްވަ އެދުނެވެ.
"އެންމެން ފޯރީގަ ވަރަށް ކިކުގަ ކުޅެފި. މޮޅުވުމާ ބަލިވުން ދެން އެއީ އެހެން ފަރާތަކުން ދެއްވާ އެއްޗެއް. ދެން އޮތީ ސިންގަޕޫރު މެޗު. އެ މެޗަށް އިތުބާރު އެބައޮތް. ހުރިހާ ކުޅުންތެރިން ހަމަ 100 ޕަސެންޓް ދޭނެ. އެ މެޗުން މޮޅުވުން އަމާޒަކީ" ރޭގެ މެޗުގައި މޮޅަށް ކުޅުނު ހައްވަ ބުންޏެވެ.

އިއްޔެގެ މެޗުގެ ތެރެއިން ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު ޓީމަށް ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ރާއްޖެ ކުޅޭނެކަމުގެ އިތުބާރު އެބައޮތް: ކޯޗު ނިޒާރު
އިއްޔެގެ މެޗަކީ ގައުމީ ޓީމުގެ ކޯޗުކަމާ އިބްރާހިމް ނިޒާރު (ބޮޑޭ) ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ނިޒާރު ބުނީ މެޗުން ބަލިވީ ކުދި ކުދި މިސްޓޭކްތަކެއް ހެދިގެން ކަމަށާއި ނަތީޖާ އަށް ބަލާއިރު އޭނާ އެއްވެސް ވަރަކަށް ހާސްނުވާ ކަމަށެވެ.
ނިޒާރު ބުނީ އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިން ދަށްކޮށް ކުޅުނު ދުވަހެއްގައި ވެސް މިހާ ވާދަވެރިކޮށް މެޗު ދިޔުން ކަމަށާއި، ކުރިއަށް މެޗުގައި ކުޑަކޮށް ރަނގަޅު ކޮށްލިޔަސް އެ ތަފާތު ވަރަށް ބޮޑަށް ޓީމުން ފެންނާނެކަމުގެ އިރުބާރު އެބައޮތް ކަމަށެވެ.
"ޓްރެއިނިންގެ މެޗުތަކުގައި ކުޅުނު ކުޅުމާ ގާތަށްވެސް ނުކުޅެވޭ. ތަމްރީން މެޗުތަކުގައި ދެއްކި ކުޅުމާ ބަލާއިރު މިރޭ މި ފެނުނީ 30 ޕަސެންޓް ވަރު. އެކަމަކުވެސް ހަމަ ނަތީޖާ މި ފެނުނީ ވަރަށް ވާންކޮށް. ޔަގީންކަން އެބައޮތް ކުޑަކޮށް ރަނގަޅު ކޮށްލިޔަސް މި އެނބުރާލެވޭނެ ކަމުގެ. ވަރަށް އިތުބާރު އެބައޮތް." ގައުމީ ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން މަސައްކަތް ކުރި ނިޒާރު ބުންޏެވެ.
ކޯޗު ނިޒާރު ބުނީ އެންމެ ބޮޑަށް ފާހަގަވިކަމަކީ ކުޅުންތެރިން މާ ބޮޑަށް ޕްރެޝަރުގައި ތިބެ ކުޅުން ކަމަށާއި، މުހިންމު ދަނޑިވަޅުތަކުގައި ތަންކޮޅެއް އާދައިގެ މިސްޓޭކްތައް ހެދެނީ އެހެންވެ ކަމަށެވެ. އެހެންނަމަވެސް، އެއީ ދެން އޮތް މެޗަށް ދާއިރު ރަނގަޅު ކުރެވޭނެ ކަމެއް ކަމަށާއި މި މެޗުގައި ބެންޗުން ފުރުސަތުދިން ކުޅުންތެރިން ވެސް އޭނާ ބޭނުންވި ގޮތަށް ކުޅުނު ކަމަށް ވެސް ނިޒާރު ބުންޏެވެ.
"ތަންކޮޅެއް ބޮޑަށް ޕްރެޝަރާ އެކު ކުޅުނުތަން ފެނުނީ. ސެޓުގެ ފަހުކޮޅުގައި ހާއްސަކޮށް. މުހިންމު ދަނޑިވަޅުތަކުގައި ކުޅުންތެރިން ކުޑަކޮށް ފިނިވެފައި ތިބީ. ސީނިއާ ކުޅުންތެރިންނަށް މާ ޕްރެޝަރުގައި ފެނުނީ. އެކަން ބަދަލުވާނެ އިރާދަކުރެއްވިއްޔާ ދެން އަންނަ މެޗުގައި. އަނެއްހެން ބުނާނަނަމަ އަހަރުމެން ކުރި ޗޭންޖްތައްވެސް ވޯކްކުރި. އެހެންވީމަ ހަމަ ޔަގީންކަން އެބައޮތް ދެން އޮތް މެޗަށް." ދިމާވި މައްސަލަ ތަކަށް އިޝާރާތްކޮށް ނިޒާރު ބުންޏެވެ.
ފުރަތަމަ މެޗަށް ފަހު ސަޕޯޓަރުންނަށް ދޭން އޮތް މެސެޖަކީ ކޮބައިތޯ އަހާލުމުން ނިޒާރު ބުނީ. "ސަޕޯޓަރުން ހާސްނުވޭ. އިރާދަކުރެއްވިއްޔާ ރާއްޖެ އެއްކޮޅުން ފައިނަލުގައި ކުޅޭނެ." މިހެނެވެ.
ފުރަތަމަ މެޗުގައި ރާއްޖެ ބަލިކުރެވުމަކީ އޭނާ ޒުވާން ޓީމަށް ލިބުނު ބޮޑު ހިތްވަރެއް: މެލޭޝިއާ ކޯޗު
ދިވެހިރާއްޖެ އަތުން ހޯދި އުނދަގޫ މޮޅަށްފަހު މެލޭޝިއާގެ ކޯޗު ލިއު ކޮކް ހޯ ބުނީ މެލޭޝިއާގައި އޮތީ ޒުވާން އާ ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި، މިކަހަލަ މުބާރާތެއްގައި ރާއްޖެ އަތުން މޮޅުވުމަކީ އެ ޓީމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
އޭނާ ބުނީ އެ ޓީމުގައި 18 އަހަރު ނުފުރޭ ކުޅުންތެރިންވެސް އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަށް މި މުބާރާތަކީ ގިނަ ކަންކަން ދަސްކޮށް މުހިންމު ފިލާވަޅުތަކެއް ލިބޭނެ މުބާރާތެއް ކަމަށެވެ.
"މުޅިން އާ ޓީމެއް މިއޮތީ. ބައެއް ކުދިން އެބަތިބި 18 އަހަރުން ދަށުގެ. ފުރަތަމަ ފަހަރަށް މިކަހަލަ މާހައުލެއްގައި ކުޅެން މި ކުދިން އާ. އެކަމަކު މެޗުން އެ މޮޅުވީ ވަރަށް ހިތްވަރުކޮށްގެން. އަހަރެން މިހިރީ ހިތްހަމަޖެހިފައި." ތަޖުރިބާކާރު ކޯޗު، ލިއު ބުންޏެވެ.
ލިއު ބުނީ އެޓީމްގެ އެންމެ ބޮޑު މައްސަލައަކީ އެޓޭކު ކަމަށާއި، ކުޅުންތެރިންގެ ޓެކްޓިކަލް ޑިސިޕްލިން އާއި ޑިފެންސް އޭނާ ހިތްހަމަޖެހޭ ވަރަށް ރަނގަޅު ކަމަށެވެ. ގިނަ ޕޮއިންޓްތައް ގެއްލެނީ ވަރުގަދަ އެޓޭކްތައް ނުކުރެވިގެން ކަމަށާއި، ބައެއް ފަހަރު ކުޅުންތެރިން ތިބެނީ ބިރުން ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ކުރިއަށް އޮތް ސިންގަޕޫރު މެޗުގައި ޓީމްގެ އެޓޭކް ރަނގަޅުކުރުމަށް ވިސްނާނެ ކަމަށާއި، އެ މެޗަށް ތައްޔާރުވާނީ މޮޅަކާ އެކު ފައިނަލުން ފުރުސަތު ހޯދުމުގެ އަޒުމުގައިކަމަށް ލިއު ވަނީ ބުނެފަ އެވެ. އޭނާ ބުނީ މެލޭޝިއާ ޓީމަށް މި މުބާރާތުގެ ކޮންމެ މެޗަކީ ތަޖުރިބާއެއް ކަމަށާއި، ކޮންމެ މޮޅަކީ އެ ޓީމަށް ލިބޭ ބޮޑު ބޯނަސްއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.












