މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާއަށް ހާއްސަކޮށް "ކްރައިސިސް" ޓީމެއް އުފައްދަން ނިންމައިފި އެވެ.
އެގޮތަށް ނިންމީ މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި އެކްޓަރު ވިލް ސްމިތް، ކްރިސް ރޮކްގެ ކަންކަށީގައި ޖެހި މައްސަލައާ ގުޅިގެންނެވެ
އޮސްކާ އެވޯޑް އިންތިޒާމު ކުރާ އެކެޑެމީގެ ޗީފް އެގްޒެކްޓިވް ބިލް ކްރޭމާ ވިދާޅުވީ "ކްރައިސިސް" ޓީމުން ގިނަ ހާލަތްތަކަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
"މިދިޔަ އަހަރު ހިނގައި ދިޔަ ކަންކަމާ ހެދި، އަޅުގަނޑުމެން މި ތިބީ އޮސްކާ އެވޯޑް ހަފްލާގައި ހިނގައިފާނެ ކަމަކަށް ސިކުނޑި ހުޅުވައިގެން،" އޭނާ ވިދާޅުވި އެވެ.
ކަމެއް ދިމާވެއްޖެ ނަމަ ކުރިއަށް ވުރެ އަވަހަށް ހަރުދަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކެޑެމީގެ ރައީސް ޖެނެޓް ޔޭންގް ކުރިން ވަނީ މިދިޔަ އަހަރު ހިނގި ހާދިސާއާ ގުޅިގެން އެކެޑެމީން އަމަލު ކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރު ސްޓޭޖް މަތީގައި ވިލް ސްމިތު ރުޅި ގަދަވީ އޭނާގެ އަންހެނުންގެ ބޯ ތަލަކޮށްފައި ހުންނާތީ ކްރިސް ރޮކް ޖޯކު ޖެހުމުންނެވެ. ވިލް ސްމިތުގެ އަންހެނުން ބޯ ތަލަކޮށްފައި ހުންނަނީ ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ.
އެ ހާދިސާއަށް ފަހު ވެސް ވިލް ސްމިތް ހަފްލާއިން ބޭރު ނުކުރެ އެވެ. އަދި "ކިންގް ރިޗަޑް" ފިލްމުން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ގެންދިޔަ އެވެ.
ވިލް ސްމިތް ފަހުން މައާފަށް އެދި، ފިލްމު އެކެޑެމީއިން އިސްތިއުފާ ދިން ނަމަވެސް، އެ އެކެޑެމީއިން އޭނާގެ މެމްބަޝިޕާ މެދު ގޮތެއް ނިންމަން ދުވަސްތަކެއް ހޭދަވި އެވެ.
އެކެޑެމީއިން ނިންމީ އޮސްކާ ހަފްލާ އާއި އެ އެކެޑެމީގެ އެހެން އިވެންޓުތަކުން ކުރިއަށް އޮތް 10 އަހަރަށް ވިލް ސްމިތް ސަސްޕެންޑް ކުރުމަށެވެ.










