ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި ސިންގަޕޫރު ބަލިކޮށް އަފްގާނިސްތާނުން ފެށުން ރަނގަޅުކޮށްފި އެވެ.
ރާއްޖެ، ސިންގަޕޫރު، އަފްގާނިސްތާން އަދި މެލޭޝިޔާ ވާދަކުރާ ހަތަރު ގައުމުގެ މުބާާރާތް މިއަދު ފެށީ ފިރިހެން ބައިގެ މެޗަކާ އެކު އެކުގަ އެވެ. މި މެޗު އަފްގާނިސްތާނުން ކާމިޔާބުކުރީ ސިންގަޕޫރުން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓު ހޯދައިގެން 3-1 އިންނެވެ. ސެޓުތައް ދިޔައީ 22-25، 25-23، 25-23 އަދި 25-23 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ފެށި އަފްގާނިސްތާނުންނެވެ. އެޓީމުން ލީޑުގައި އޮވެ، ކުޅެމުންދަނިކޮށް މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ، ސިންގަޕޫރުން ތަފާތު ދައްކަން ފެށި އެވެ. ފުރަތަމަ ދިހަ ޕޮއިންޓަށް ފަހު އެއްވަރުވަމުން ގޮސް ސެޓުގެ މެދުތެރެއިން ހަތަރު ޕޮއިންޓްގެ ލީޑެއް ސިންގަޕޫރުން ނެގި އެވެ. ސެޓުގެ ފަހުކޮޅު ދެ ޕޮއިންޓަށް އަފްގާނިސްތާނުން ކައިރިކުރި ނަމަވެސް މުހިންމު ދަނޑިވަޅުގައި ސެޓަރު ދެއްކި މޮޅު ކުޅުމާއިއެކު ސިންގަޕޫރުން ފުރަތަމަ ސެޓު 22-25 އިން ހޯދި އެވެ.
ދެ ވަނަ ސެޓު ފަށައިގެންވެސް ދެ ޓީމުން ފެނުނީ ވާދަވެރިކޮށެވެ. ނަމަވެސް މި ފަހަރު ވެސް ފެނުނީ ސިންގަޕޫރުން އެޓޭކުތައް ވަރުގަދަކޮށް ލީޑު ފުޅާކުރިތަނެވެ. ސެޓުގެ މެދަކާ ހިސާބުން ނެގި ލީޑާ އެކު 21-17 ގައި ސްކޯ އޮއްވާ އަފްގާނިސްތާނުން ޓައިމް އައުޓެއްނެގި އެވެ. އޭގެ ފަހުން ފުލުފުލުގައި ހަ ޕޮއިންޓް ހޯދައި އަފްގާނިސްތާނުން ފަހު ވަގުތު ސިންގަޕޫރު ޕްރެޝަރަށް ވައްޓާލި އެވެ. ނަތީޖައެއްގެ ގޮތުން ގޯސްތައް ހެދި ފަހު ވަގުތު 25-23 އިން އަފްގާނިސްތާނުން މި މެޗު ކާމިޔާބުކުރި އެވެ.
ދެ ވަނަ ސެޓު ނިންމާލިއިރު ހުރި ރޫހުގައި އަފްގާނިސްތާނުން ތިންވަނަ ސެޓު ފެށި އެވެ. ސެޓު ފަށައިގެން ލީޑުގައި އޮވެ، ކުޅެމުން ދިޔަ އަފްގާނިސްތާނުން މެޗުގެ މެދުތެރެއިން ހަތް ޕޮއިންޓްގެ ލީޑެއްވެސް ނެގި އެވެ. ސްކޯ 11-18 ގައި އޮއްވައި ސިންގަޕޫރުން ކުޅުން ރަނގަޅު ކުރި އެވެ. ފަހު ވަގުތުކޮޅު ރަނގަޅު ހަމަލާތަކެއް ކޮށް ޕޮއިންޓްތަކެއް ހޯދި ނަމަވެސް އެ ޓީމަށް ސެޓު ލިބޭ ގޮތެއް ނުވި އެވެ. ސައިދް ހަބީބުގެ ބާރު ހަމާލާތަކާ އެކު ލީޑު ހިފަހައްޓައި، އެ ޓީމުން ސެޓު ގެންދިޔައީ 25-23 އިންނެވެ.
ހަތަރު ވަނަ ސެޓު ފަށައިގެން ދެ ޓީމް ފެނުނީ ވާދަވެރިކޮށް ކުޅުނުތަނެވެ. އެއްވަރުކޮށް ދިޔަ ސެޓުގެ މެދުތެރެއިން އަފްގާނިސްތާނުން ލީޑެއްވެސް ނެގި އެވެ. އެކަމަކު، ސިންގަޕޫރުން ގެނައި ބަދަލުތަކާ އެކު އެ ޓީމުން ފަހު ވަގުތު 21-21 އިން ސްކޯ އެއްވަރުވެސް ކުރި އެވެ. އަފްގާނިސްތާނުން ފަހު ވަގުތު ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ސަބަވޫންގެ ބާރު ހަމަލާތަކާ އެކުގަ އެވެ.
މުބާރާތުގައި އަފްގާނިސްތާން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ މެންދުރު ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. ފިރިހެން ޑިވިޝަނުގެ ދެ ވަނަ މެޗުގައި ރާއްޖޭން މިރޭ 20:30 ގައި މެލޭޝިއާއާ ބައްދަލުކުރާނެ އެވެ. މިއަދު ފުރަތަމަ މެޗުން ބަލިވި ސިންގަޕޫރު ދެ ވަނަ މެޗުގައި މާދަމާރޭ ރާއްޖެއާ ބައްދަލުކުރާނެ އެވެ.












