ހަ އަހަރަށް ފަހު، ރާއްޖޭގައި މިއަދު އިންޑޯ ވޮލީގެ ބައިނަލްއަގުވާމީ ވޮލީ މުބާރާތެއް ފަށާއިރު، ގައުމީ އަންހެން ވޮލީ ޓީމަށް އައިސްފައިވާ ކުރިއެރުން ދައްކައި، ކާމިޔާބެއް ހޯދަން ކުރާ މަސައްކަތުގައި ދިވެހި ސަޕޯޓަރުން ވެސް ބައިވެރިވުމަށް އެދި ގައުމީ އަންހެން ވޮލީ ޓީމުގެ ސެޓަރު، ޖޫޒާން ޒަރީރު މެސެޖެއް ދީފި އެވެ.
ރާއްޖޭން ވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އަންހެން ވޮލީބޯޅައިގެ އެފްއައިވީބީ ކޮލިފައިން މުބާރާތެއް ހޯސްޓް ކޮށްފަ އެވެ. އީރާނާއި ނޭޕާލާ ދެކޮޅަށް ކުޅެ ރާއްޖެ އަށް އެ ފަހަރު ލިބުނީ ތިން ވަނަ އެވެ. މިއަދު ފަށާ ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގައި ތިން ޓީމު އޮތްއިރު، ރާއްޖޭން ކުޅޭނީ ސިންގަޕޫރާއި މެލޭޝިއާއާ އެވެ.
މިދިޔަ އަހަރެއްހާ ދުވަހު ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭން ވޮލީގައި ކުޅެފައިނުވި ނަމަވެސް މިދިޔަ އޮކްޓޫބަރު/ނޮވެމްބަރު ގައި ވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. އަދި މި މަހު ވަނީ ތައިލެންޑްގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ފޯ ނޭޝަންސް ކަޕް އަންހެން ޑިވިޝަންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:30 ގައި ބައްދަލުކުރާނީ މެލޭޝިއާއާ އެެވެ.
ތައިލެންޑް ޓްރެއިނިން ކޭމްޕްގެ ފަހު ޓްރެއިނިން އަށް ފަހު ޖޫޒާން ދިން އިންޓަވިއުގައި ބުނީ އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، އަންހެން ވޮލީ އަށް ވެސް ދިވެހި ސަޕޯޓަރުންގެ ހިތްވަރު ބޭނުންވާ ކަމަށެވެ.
"ސަޕޯޓަރުން ކައިރީގައި ބުނެލަން އޮތީ ފިިރިހެން ވޮލީ އަށް ތި ދޭ އެއްބާރުލުން އަންހެން ވޮލީ އަށް ވެސް ދެއްވާށޭ، އަޅުގަނޑުމެންނަށް ވެސް ފުރުސަތެއް ދޭށޭ ޕްރޫވް ކޮށްދޭން އަޅުގަނޑުމެންގެ ގޭމް އަކީ ވެސް ފިރިހެން ޓީމު އެ ކުޅޭ ގޮތަށް އަޅުގަނޑުމެންނަށް ވެސް ކުޅެލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތޭ، ސަޕޯޓަރުން އަޅުގަނޑުމެންނަށް ވެސް އެ ޗާންސް ދޭށޭ ޕްރޫވް ކޮށްދޭން އަންހެނުންނަށް ވެސް ވާނެއޭ،" އިތުބާރާ އެކު ޖޫޒާން ބުންޏެވެ.
ޖޫޒާން ބުނީ ބައިނަލްއަގުވާމީ މުބާރާތްތައް ޝެޑިއުލްކޮށްފައި އޮންނާތީ އެ މުބާރާތްތަކަށް ޕްރެކްޓިސްކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެ ގޮތުން މި މުބާރާތް ކުޅެން ތައްޔާރުވެ، ފަހު މަރުހަލާގައި ކަންކަން އޮތްއިރު، ޓީމު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ވަނީ ބުނެފަ އެވެ. އަދި 2017 ވަނަ އަހަރު ރާއްޖޭގެ އަންހެން ވޮލީ އޮތް ލެވަލާއި މިހާރުގެ ތަފާތު ވެސް އެބައޮތްކަން ޖޫޒާން ފާހަގަކުރި އެވެ.
"މިހާރު ތަންކޮޅެއް ބޮޑަށް، ގޭމް ތެރެއަށް ލޯ ހުޅުވުމާއި، އެޓޭކްތަކާ އެއްޗެހި ޕަވާ ވުމާއި ޑިފެންސް އެއްޗެހި ރަނގަޅުވުމާއި، އަޅުގަނޑު ހަނދާން އެބަހުރި މީގެ ފައިވް ސިކްސް އިޔާ ކުރިން ބެންކޮކަށް ކޭމްޕް އައިސްފައި ހަމަ 15،16 ޕޮއިންޓް ވަރު އެންމެ ގިނަ ވެގެން ވެސް ލިބޭނީ އެކަމު، މިހާރު 20 ޕްލަސް ޕޮއިންޓް އަޅުވާލެވޭ ހަމަ ބެންކޮކް ރަނގަޅު ޓީމުތައް ކައިރީގައި އެއީ އަޅުގަނޑު ދެކެނީ ދިވެހި ވޮލީ އަށް ލިބުނު ކުރިއެރުމެއް ކަމަށް،" 2019 ވަނަ އަހަރު ސެންޓްރަލް އޭޝިއަން ޒޯން އަންހެން މުބާރާތުން ރާއްޖޭގެ ޓީމު ރިހި މެޑަލް ހޯދި ޓީމަށް ކުޅުނު ޖޫޒާން ބުންޏެވެ.
އަންހެން ޓީމު މިހާރު ވަރަށް ބޮޑަށް ބަދަލުވަމުން އަންނައިރު، ޓީމަށް އަލަށް އަރާ ޒުވާން ކުޅުންތެރިންގެ ނިސްބަތް ވެސް ފެންނަނީ އިތުރުކޮށެވެ.
ޖޫޒާން ބުނީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަކީ ހުނަރުވެރި ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން އެ ހުނަރު ކުރިއަރުވަން ބަލާއިރު، އަމިއްލަ ފަސްގަނޑުގައި ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ކުޅެލަން ލިބުމަކީ ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އެ ކުދިން، ޖޫނިއާ ކުޅުންތެރިން ކަމުގައި ވިޔަސް އެއީ ވަރަށް ސްކިލްފުލް އިންޓަލިޖެންޓް ކުޅުންތެރިން އަސްލު، އެ މީހުންގެ ބޭނުން މި މުބާރާތުގައި ވަރަށް ރަނގަޅަށް ހިފޭނެ. ދެން އެ ކުޅުންތެރިންނަށް ވެސް ލިބޭނެ ވަރަށް ބޮޑު އެކްސްޕީރިއަންސެއް،" ޖޫޒާން ބުންޏެވެ.
"ފުރަތަމަ އިންޓަނޭޝަނަލް ޑެބިއުޓް އަމިއްލަ ފަސްގަނޑުގައި ކޮށްލަން ލިބުމަކީ އަސްލު ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ޗާންސެއް ނޫން. އެ ކުދިން ވަރަށް ލަކީއޭ ބުނެވޭނީ މުބާރާތަށް ސްކޮޑަށް އަރައި، އަމިއްލަ ފަސްގަނޑުގައި ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ކުޅޭތީ. އަމިއްލަ ގޭ މީހުން ކުރިމަތީގައި ކުޅެލަން ލިބުމަކީ އުފާވާން ޖެހޭ ވަރުގެ ކަމެއް،"
ގައުމީ އަންހެން ޓީމުން ފޯ ނޭޝަންސް ކަޕްގައި ކުޅޭ ފުރަަތަމަ މެޗުގައި މިއަދު ހަވީރު 16:30 ގައި މެލޭޝިއާއާ ކުޅުމަށް ފަހު، މާދަމާ ހަވީރު، 16:30 ގައި ބައްދަލުކުރާނީ ސިންގަޕޫރާ އެވެ. އަންހެން ޑިވިޝަންގެ ފޯމެޓް އޮތްގޮތުން ލީގު ބުރުގެ އެއް ވަނަ ދާނީ ފައިނަލަށެވެ. ދެ ވަނަ އާއި ތިން ވަނަ ސެމީން ކުޅެގެން މޮޅުވާ ޓީމެއް ފައިނަލުގެ އަނެއް ޖާގަ ހޯދާނެ އެވެ.
އަންހެން ޓީމުގެ ކޯޗަކަށް މީގެ ފަސް ވަރަކަށް މަސް ކުރިން ހަމަޖެއްސި އިބްރާހިމް ނިޒާރު (ބޮޑޭ)، ވަނީ ޓީމުގެ އަމާޒަކީ މެޑަލެއް ހޯދުން ކަމަށާއި އެ އަށް މަސައްކަތް ކުރެވޭ ވަރަށް ޓީމުގެ ކަންކަން ބަދަލުކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.












