ދުރު މަންޒިލްތަކަށް އަލުން ދަތުރުތައް ފެށުމަށް ބޭނުންވާ އޭ330-200 މަރުކާގެ ދެ އެއާބަސް ކުއްޔަށް ހިފުމަށް އެ އެއާލައިންގެ މައި ކުންފުނި، އައިލެންޑު އޭވިއޭޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
އެ ކުންފުނިން ދެ ބޯޓު ކުއްޔަށް ހިފުމަށް ބޭނުންވަނީ ޖުމްލަ ހަ އަހަރުގެ މުއްދަތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެ ބޯޓުތައް ގެނައުމަށްފަހު ދަތުރުތައް ފަށާނެ ސީދާ މަންޒިލެއް އަދި ކަނޑައަޅާފައި ނެތް ނަމަވެސް، މޯލްޑިވިއަނުން މީގެ ކުރިން ވަނީ ޗައިނާގެ މަންޒިލްތަކަށް ދަތުރުކޮށްފަ އެވެ.
އެ ދަތުރުތައް ހުއްޓާލީ އޭރު ގެންގުޅުނު ބޯޓުތައް ބާވުމުގެ ސަބަބުން ލީސް އާނުކޮށް ބޯޓުތައް ދޫކޮށްލުމާ ހަމައިންނެވެ. އެއަށްފަހު އާ ބޯޓުތައް ހޯދުން ލަސްވެފައިވަނީ ކޮވިޑުގެ ބަލިމަޑުކަން ކުރިމަތި ކުރިމަތިވުމުގެ ސަބަބުންނެވެ.
އޭ330-200 މަރުކާގެ އެއާބަސްއަކީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ. އެ ބޯޓަށް ޑައިރެކްޓުކޮށް 13،450 ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވެ އެވެ. އެއީ ގާތްގަނޑަކަށް ރާއްޖެ އާއި ބްރެޒިލްއާ ދެމެދު ހުންނަ ދުރުމިނެވެ.
މޯލްޑިވިއަނުން ދުރު މަންޒިލްތަކަށް ދަތުރުކުރުމަށްޓަކައި ދެ އެއާބަސް ކުއްޔަށް ހިފުމަށް އިއުލާނުކޮށްފައި ވާއިރު، މިދިޔަ މަހު އެ ކުންފުނިން ވަނީ އެ ކުންފުނީގެ 22 އަހަރުވީ ދިގު ތާރީހުގައި ވެސް މުޅިން އަލަށް އޭޓީއާރު މަރުކާގެ ދެ ބޯޓު ގަނެފަ އެވެ.
އެ ބޯޓުތައް އެތެރޭގެ އުދުހުންތަކުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފަ އެވެ. އަދި އިތުރު އޭޓީއާރެއް ގަތުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އައިލެންޑު އޭވީއޭޝަނުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި މޯލްޑިވިއަންގެ ހުރިހާ ބޯޓުތަކެއް އާ ކުރުމަށެވެ.









