އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް މާޗު އެއް ވަނަ ދުވަހުން ފެށިގެން ކަނޑާލަން ނިންމައިފި އެވެ.
އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގައި ވަހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މަހުން ފެށިގެން މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް ކަނޑާލަން ނިންމާވައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮ ބަދަލާ އެކު ޕެންޝަން ފަންޑުގައި ރައްކާކުރެވޭ އަދަދު ވެސް އިތުރުވާނެ ކަމަށް މިހާދު ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ކަނޑާލާފައިވާ ބައެއް އިނާޔަތްތައް ވެސް އަލުން ދޭން ނިންމާފައިވާ ކަމަށާއި އެގޮތުން މުވައްޒަފުންނަށް ދެމުން އަންނަ ޓިކެޓުގެ އިނާޔަތް އަލުން ދޭން ނިންމަފައިވާ ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ރާއްޖޭގައި އެންމެ ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެނީ އައިލެންޑް އޭވިއޭޝަނުންނެވެ.
އައިއޭއެސްގެ ސްޓާފް ނައިޓްގައި ވަނީ އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދެއްވާފަ އެވެ.
އެ ކުންފުނީގައި 1،300 އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.









