ލަންޑަން (ފެބްރުއަރީ 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެއްވަރުވެ، އާސެނަލް ލީގުގެ އެއް ވަނަ މަގާމުގައި އޮތްއިރު، އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ސައުތެމްޓަން އަތުން 1-0 އިން ބަަލިވެ، ލިވަޕޫލުން ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުން އާސެނަލް އިން ވަނީ ފަހަތުން އަރައި އެސްޓަން ވިލާ އަތުން 4-2 އިން މޮޅުވެ، އެއް ވަނަ އަށް ޖެހިލައިފަ އެވެ. ސިޓީން ރޭ ލީޑުނަގައި، ނޮޓިންހަމް ފޮރެސްޓް ދަނޑުގައި މޮޅުވާން ދަނިކޮށް، މެޗުގެ ފަހުކޮޅު ވަން ގޯލާ އެކު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލީގު ތާވަލުގެ އެއް ވަނައިގައި އާސެނަލް އޮތީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.
ވިލާ ދަނޑުގައި ކުޅުނު މެޗުގައި އޮލީ ވަޓްކިންސް އެ ޓީމަށް ލީޑުނަގައިދީފައި ވަނިކޮށް އާސެނަލުން އެއްވަރުކުރީ ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. ފިލިއްޕޭ ކުޓީނިއޯ، ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލް ކޮޅަށް ގޯލު ޖަހައި، ވިލާ އަށް އަލުން ލީޑުނަގައިިދިނެވެ. އެކަމަކު، އޮލެކްސަންޑަ ޒިންޗެންކޯ ވަނީ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލަށް އަނެއްކާވެސް އެއްވަރުކޮށްދީފަ އެވެ.
އާސެނަލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގީ، އިތުރު ވަގުތުގައި ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ޖެނުއަރީ ޓްރާންސްފާ ފަހު ވަގުތު، އާސެނަލާ ގުޅުނު ޖޯޖީނިއޯ، އޭރިއާބޭރުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި މާޓީނޭޒް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އިތުރު ވަގުތުގައި އާސެނަލްގެ އަނެއް ލަނޑު ޖެހީ އެމިލިއާނޯ މާޓީނޭޒް އެވެ.
ފޮރެސްޓް ދަނޑުގައި ކުޅުނު މެޗުގެ 41 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ވަނީ ސިޓީ އަށް އޭރިއާބޭރުން ޖެހި ގޯލަކުން ލީޑުނަގައިދީފަ އެވެ. އެކަމަކު، މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް، މޯގަން ގިބްސް-ވައިޓް ދިން ބޯޅައަކުން ކްރިސް ވުޑް ވަނީ ފޮރެސްޓަށް އެއްވަރުކޮށްދީފަ އެވެ.
ޗެލްސީ ރޭ އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި ސައުތެމްޓަންގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ހިލޭ ޖެހުމަކުން ޖޭމްސް ވޯޑް-ޕްރައުސް އެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ފަސް މެޗުން ބަލިވިއިރު، އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ އަށް އޮތް ޕްރެޝަރަށް ލުޔެއް ނެތެވެ.
ލިވަޕޫލުން ވަނީ ރޭ މެޗުގެ ކުރީކޮޅުގައި ޖެހި ގޯލުތަކާ އެކު ނިއުކާސަލް އަތުން މޮޅުވެފަ އެވެ. މެޗުގެ 10 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ ޑާވިން ނޫނޭޒް ޖެހި ގޯލުންނެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ނޫނޭޒް ޖެހި ފުރަތަމަ ގޯލެވެ. އޭގެ ހަތް މިނިޓް ފަހުން، މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ލީޑުފުޅާކޮށްދީފަ އެވެ.
ނިއުކާސަލް އިން ރޭގެ މެޗުގެ ބޮޑުބައި ކުޅުނު އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 22 ވަނަ މިނިޓްގައި އެ ޓީމުގެ ކީޕަރު، ނިކް ޕޯޕް އޭރިއާބޭރުން ބޯޅައިގައި އަތްލުމުން ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ނިއުކާސަލް އިން މި މެޗުގައި ގޯލު ޖަހަން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ.
ޗެލްސީ ލީގުގެ 10 ވަނައިގައި އޮތީ 23 މެޗުން 31 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ވަނީ ރޭގެ މޮޅާ އެކު، 22 މެޗުން 35 ޕޮއިންޓް ހޯދައި، ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ.












