އެކްޓަރު ބްރޫސް ވިލިސްއަށް ފްރަންޓޮޓެމްޕޯރަލް ޑެމެންޝިއާ ޖެހިފައިވާ ކަމަށް އާއިލާއިން އިއުލާންކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި އާއިލާއިން ބުނީ ގިނަ މަސައްކަތްތަކަކަށް ފަހު "ސާފު ޑަޔަގްނޮސިސްއެއް ލިބުމުން ހިތްހަމަޖެހޭ" ކަމަށެވެ.
އުމުރުން 67 އަހަރުގެ އެކްޓަރަަށް އެފޭސިއާ ޖެހިފައިވާ ކަމަށް ބުނީ މިދިޔަ އަހަރު އެވެ. އެއީ ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ކުރިމަތިވާ މައްސަލައެކެވެ.
އޭނާގެ އާއިލާއިން ބުނީ އޭގެ ފަހުން އެ ހާލަތު އިތުރަށް ގޯސްވެ، "ސާފު ޑަޔަގްނޮސިސްއެއް" މިހާރު ލިބިފައިވާ ކަމަށެވެ.
އާއިލާގެ ބަޔާނުގައި ބުނީ ފްރަންޓޮޓެމްޕޯރަލް ޑެމެންޝިއާއަކީ އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް ކުރިމަތިވާ ޑެމެންޝިއާގެ އެންމެ އާއްމު ބާވަތް ކަމަށެވެ.

titledesc
"މިހާތަނަށް މި ބައްޔަށް އެއްވެސް ފަރުވާއެއް ނެތް. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި އެ ހަގީގަތް ބަދަލުވެގެން ދިޔުން."
ހޮލީވުޑްގެ އެންމެ މަގްބޫލް ނަންތަކުގެ ތެރޭގައި ބްރޫސް ވިލިސް ހިމެނެން ފެށީ 1980 އަދި 1990 ގެ އަހަރުތަކުގައި ނެރުނު "ޑައި ހާޑް"، "ދަ ސިކްތް ސެންސް"، "އާމަގެޑަން" އަދި "ޕަލްޕް ފިކްޝަން" ފަދަ ފިލްމުތަކަށް ފަހު އެވެ.
ފަސް ފަހަރު ގޯލްޑަން ގްލޯބްސްއަށް ނޮމިނޭޓްވެ "މޫންލައިޓިން" ފިލްމުން އޭނާ އެ އެވޯޑް ހާސިލްކުރި އެވެ. އޭގެ އިތުރުން ތިން އެމީ އެވޯޑަށް ނޮމިނޭޓްވެ ދެ ފަަހަރު އެވޯޑް ހާސިލްކުރި އެވެ.
އެފޭސިއާގެ ސަބަބުން ސިކުނޑި މަސައްކަތް ކުރާ ގޮތްތަކަށް ބަދަލު އަންނަމުން ދާތީ، ބްރޫސް ވިލިސް ފިލްމު ކުޅުން ހުއްޓާލީ މިދިޔަ އަހަރު އެވެ.










