އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުޅެލަން ލިބުމަކީ ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކޭ ކަަމަށް ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ވަނީ ބުނެފަ އެވެ.
މި މަހު 23-27 އަށް މާލޭގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރަނީ މެލޭޝިއާ އާއި ސިންގަޕޫރެވެ. ފޯ ނޭޝަންސް ކަޕްގައި ހިމެނޭ އަފްގާނިސްތާން އަންހެން ޓީމު ނުކުޅޭއިރު، އެ ޖާގަ އަށް، ސައުދީ އަރަބިއްޔާގެ އަންހެން ޓީމު ގެންނަން މަސައްކަތް ކުރި އެވެ.
އެކަމަކު، ވޮލީބޯލް އެސޯސިއޭޝަނުން ބުނީ މި ވަގުތު ސައުދީ އަރަބިއްޔާ އަށް އާދެވެން ނެތް ކަމަށެވެ. އެކަމަކު، ކުރިއަށް އޮތްތަނުގައި ރާއްޖެއާ ދެކޮޅަށް މެޗުތަކެއް ކުޅެން ސައުދީ އަރަބިއްޔާގެ އަންހެން ޓީމު އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.
މި ފަަހަރުގެ ފޯ ނޭޝަންސް ކަޕްގެ ކުރިން ރާއްޖޭން އެންމެ ފަހުން ހޯސްޓް ކުރި އަންހެން ވޮލީގެ ބައިނަލްއަގުވާމީ އިންޑޯ މުބާރާތަކީ 2017 ވަނަ އަހަރު މާލޭގައި އެފްއައިވީބީ ވިމެންސް ކޮލިފައިން މުބާރާތެވެ. އެ މުބާރާތުގައި އީރާނާއި ނޭޕާލް ފަހަތުން ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އޭގެ ހައެއްކަ އަހަރު ފަހުން، ރާއްޖޭގެ އަންހެން ޓީމުން މި މަހު އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާނެ އެވެ.
"މިއީ ހަމަ އަޅުގަނޑުމެންގެ އެ ކޮލިޓީ ދައްކާލަން ލިބުނު ވަރަށް ބޮޑު އޮޕޮޗިއުނިޓީއެއް. މިހާރު، 2017 އާ ބަލާފައި މިހާރު މި އޮތީ ވަރަށް ބޮޑަށް ޗޭންްޖްވެފައި. ވަރަށް ޔަންގް (ޒުވާން) ކުޅުންތެރިން މިހާރު މި ވަގުތު ޓީމުގައި (ގިނައިން) މިތިބީ. ހަމަ ވަރަށް ބޮޑު ތަފާތެއް އައިސްފި ޓީމަށް. ލިބުނު ވަރަށް ބޮޑު ހިތްވަރެއް މިއީ ސަޕޯޓަރުން ކުރިމަތީގައި އަޅުގަނޑުމެންގެ ހުރި ކުޅުން ދައްކާލަން،" އަނެއްކާ ވެސް އަމިއްލަ ގައުމުގައި އިންޓަނޭޝަނަލް މުބާރާތެއް ކުޅެލަން ލިބުނު ފުރުސަތާ ބެހޭ ގޮތުން ހައްވަ ބުންޏެވެ.

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ތައިލެންޑްގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން ޕްރެކްޓިސް މެޗެއްގެ ކުރިން ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަދަދު
ރާއްޖޭގެ އަންހެން ޓީމުން 2017 ވަނަ އަހަރު އެފްއައިވީބީ ކޮލިފައިންގައި އަމިއްލަ ފަސްގަނޑުގައި ލޯ މެޑަލް ހޯދިއިރު ވަނީ 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައިފަ އެވެ.
އޭގެ ފަހުން، 2021 ވަނަ އަހަރު ރާއްޖޭން ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރީ ނިސްބަތުން ވަރަށް ޒުވާން ކުޅުންތެރިން ގިނަކޮށް އޮތް ސްކޮޑަކާ އެކު، ކޯޗު މުމްތާޒް އަލީ (މުންތޭ)ގެ އިރުޝާދާ އެކު އެވެ.
މީގެ ފަސް ވަރަކަށް މަސް ކުރިން، ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ނިޒާރު އިބްރާހިމް (ބޮޑޭ) ހަމަޖައްސައި، ޓްރެއިނިންތައް ފެށި ފަހުން، އޮކްޓޫބަރު/ ނޮވެމްބަރުގައި ވަނީ ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.
އޭގެ ފަހުން، މިހާރު ފޯ ނޭޝަންސް ކަޕަށް ތައިލެންޑްގައި ޓްރެއިނިން ކޭމްޕް ކުރިއަށްދާއިރު، މި ދެ ކޭމްޕްގައި ބައިވެރިވާ ޓީމުގައި ވެސް ބަދަލުތަކެއް އެބަހިމެނެ އެވެ. މިދިޔަ ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ގައުމީ އަންހެން ޓީމު އެކި މުބާރާތްތަކުގައި ވާދަކުރިއިރު ވަނީ ސްކޮޑު ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.
މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް އޮތް ސްކޮޑާ ބެހޭގޮތުން ހައްވަ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ހުނަރަށް ބަލާއިރު، އިންޑިވިޖުއަލީ މޮޅު ކަމަށެވެ.
"ހަމަ އިންޑިވިޖުއަލީ ހަމަ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހަމަ ތަފާތު. ތަފާތު ކުޅުންތެރިން މިތިބީ. އޮތީ އަޅުގަނޑުމެން ހުރިހާ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅުން. އަޅުގަނޑުމެންގެ އެ (ބޭނުންވާ) އަމާޒަށް ވާސިލްވާން،" ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ބޯޅަ ކުޅުންތެރިއާގެ މަގާމު ގިނަ ފަހަރުތަކެއް މަތިން ހޯދާފައިވާ ހައްވަ ބުންޏެވެ.
އަންހެން ވޮލީ ޓީމު، ކެޕްޓަނެއްގެ ގޮތުގައި ލީޑުކުރުމުގެ ޒިންމާއާ ހަވާލުވެ ހުރި، ހައްވަ ސަޕޯޓަރުންނަށް ދޭން ބޭނުންވާ މެސެޖަަކީ ޓީމަށް ހިތްވަރު ދޭން ފޯ ނޭޝަންސް ކަޕްގެ މެޗުތަކަށް އައުމަށެވެ.
"ސަޕޯޓަރުން ކައިރީގައި ބުނެލާނީ އަޅުގަނޑުމެން އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުނީމަ އަޅުގަނޑުމެން މި ތިބީ ހަމަ ވަރަށް އަޅުގަނޑުމެންގެ އެ ކޮލިޓީ ދައްކާލަން ރެޑީގައޭ. ހުރިހާ ބޭފުޅުން ވެސް ސޯޝަލް ސެންޓަރަށް އަންނާށޭ އަޅުގަނޑުމެންނަށް ސަޕޯޓް ދޭން،" ބްރޭކަކަށް ފަހު ގައުމީ ޓީމާ އެކު މުބާރާތަކަށް ނުކުންނަން ތައްޔާރަށް ހުރި ހައްވަ ބުންޏެވެ.
ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގެ ތިން ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެއް ވަނަ ދާނީ ފައިނަލަށެވެ. ދެ ވަނަ އާއި ތިން ވަނަ ސެމީ އެއް ކުޅެފައި އެ ތަނުން މޮޅުވާ ޓީމަކަށް ފައިނަލްގެ އަނެއް ޖާގަ ލިބޭނެ އެވެ.












