ސަމަދުއަށް ޖޯކު ޖެހުމުން އަމާޒުވި ފާޑުކިޔުންތައް މާރިޔާ ދިފާއު ކުރައްވައިފި

ރޭގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ. ގިނަ އަދެއްގެ ބަޔަކު އަންނަނީ އޭނާ ދެއްކި ވާހަކަތަކަށް ފާޑުކިޔަމުން --- ފޮޓޯ؛ މުހައްމަދު ޝާބިން/އަދަދު

ރޭގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ. ގިނަ އަދެއްގެ ބަޔަކު އަންނަނީ އޭނާ ދެއްކި ވާހަކަތަކަށް ފާޑުކިޔަމުން --- ފޮޓޯ؛ މުހައްމަދު ޝާބިން/އަދަދު

އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދާ ގުޅޭގޮތުން އަލިމަސް ކާނިވަލުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަރާތަކުން އޭނާ ހައްޔަރުކޮށްފައިވެސްވެ އެވެ.

ފެބްރުއަރީ 11، ގައި އޭނާ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ އެއް ދުވަސްފަހުން އޭނާ ޑީޕޯޓުކުރި އެވެ.

ރޭ އޮތް ޖަލްސާގައި މާރިޔާ ވަނީ ސަމަދުއަށް އިންޑިއާގައި ދިމާވި ކަންތައްތަކާއި އޭނާ ރާއްޖެ އައިސް ކަން ހިނގައިިދިޔަ ގޮތް ކިޔައިދެމުން ދިން އިންޓަވިއުއަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވާފަ އެވެ.

"އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނު ހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،" ހަޖޫ ޖައްސަވާ ރާގަކަށް މާރިޔާ ރޭ ވިދާޅުވި އެވެ.

ސަމަދު އަކީ "ފިނޑި" މީހެއްގެ ގޮތުގައި ސިފަކުރެއްވުމަށް ފަހު މާރިޔާ ވަނީ ސިފައިން ތަމްރީނު ކުރަމުންދަނީ އެފަދަ ބަޔަކަށް ނުވާނެ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކަތަކާ އެކު ސޯޝަލް މީޑިއާގައި މާރިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބެފައި އައިސް ރޮޔެއް ނުގަންނާނެ. ހެދެނީ ނުހެދެނީ ކޮން ބައެއްކަން ނޭނގޭ ބައެއް ނޫން އަޅުގަނޑުމެން ތައްޔާރު މި ކުރަނީ،

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންދާ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ކެބިނެޓު ވަޒީރެއްގެ ގޮތުގައި ހުރެ ދައްކަން އެކަށީގެންވާ ވާހަކަތަކެއް ނޫނެވެ.

"ސިޔާސީ ޕޯޑިއަމެއްގައި އާންމު ދިވެހި ރައްޔިތަކަށް ހަޖޫ ޖެހުމުން ހަމައެކަނި ލަދުގަންނަވާލެވުނީ އޭނާއެއް ނޫން. މިއީ އާންމުންނަށް މާރިޔާގެ ކެރެކްޓާގެ ވަރުގަދަ ކަމާ މެދު ސުވާލު އުފެއްދޭނެ ކަމެއް. އެއީ މިނިސްޓަރަކަށް، ވަކިން ހާއްސަކޮށް ޑިފެންސް މިނިސްޓަރުގެ ކިބައިގައި ހުންނަން ޖެހޭ ބޭސިކް ކޮލިޓީއެއް،" ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ޓްވިޓަރުގައި ލިޔުއްވާފައިވެ އެވެ.

މާރިޔާ ސިޔާސީ ޕޯޑިއަމެއްގައި ދެއްކި މި ވާހަކަތައް ފައިރޫޝް ސިފަ ކުރެއްވީ ބަލައި ނުގަނެވޭނެ ވާހަކަތަކެއްގެ ގޮތުގަ އެވެ.

އޭނާގެ އިތުރުން، އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ އަލީ އިހުސާން ވެސް ވަނީ މާރިޔާއަށް ފާޑުވިދާޅުވެފަ އެވެ. އަދި، ޑިފެންސް މިނިސްޓަރު ކަންކަމަށް ރައްދު ދެއްވާއިރު އެއަށްވުރެ ހަރުދަނާ ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔައީ ދިވެހި ރާއްޖޭގެ ޑިފެންސް މިނިސްޓަރު. އިންޑިއާގެ ޑިފެންސް މިނިސްޓަރެއް ނޫން. ރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫ ޖައްސައި ބޭރުގެ އަސްކަރިއްޔާތަކަށް ސަނާ ދެންނެވުން ބަލައެއް ނުގަނެވޭ،" އިހުސާން ލިޔުއްވާފައިވެ އެވެ.

ޓްވިޓަރުގައި ހިޔާލު ފާޅުކުރި އެކަކު ލިޔުނު ގޮތުގައި މިއީ ޖޯކު ޖެއްސެވުމުގެ ނިޔަތުގައި މާރިޔާ ދެއްކެވި ވާހަކައެއް ނަމަވެސް، ދިވެއްސަކަށް ފުރައްސާރަކޮށް ބިރު ދެއްކުމުގެ ނިޔަތުގައި ކުރާ ކަންކަން ޖޯކަކަށް ނުހެދޭނެ އެވެ.

"ވާހަކަ ދެއްކުމުގައި ރިވެތި ގޮތް އިހުތިޔާރު ކުރަންޖެހޭ. ހާއްސަ ގޮތެއްގައި ވަޒީރެއްގެ މަޤާމުގައި ހުންނަވާފައި ފުރައްސާރަކުރާ ފާޑަށް ވާހަކަ ދެއްކެވުމަކީ ވަރަށް އަދަބު ކުޑަ ގޮތެއް،" ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން ވެސް، އެތައް ބަޔަކު ގެންދަނީ މާރިޔާގެ މި ވާހަކަތައް ކުށްވެރިކޮށް މިއީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ދައްކަން ނުޖެހޭ ވާހަކަތަކެއް ކަމަށް ބުނަމުންނެވެ.

ގިނަ އަދަދެއްގެ މީހުންގެ ފާޑުކިޔުން އަމާޒުވުމުން މިއަދު ހެނދުނު މާރިޔާ ވަނީ އެ ވާހަކަތައް އަނެއްކާ ވެސް ދިފާއު ކުރައްވައި ޓްވީޓު ކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ ޒަރޫރީ ބޭނުންތަކަށް ދާން ޖެހޭ ގައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބައި، ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ގައުމަށް އެރީމައި، އެ ތަނުން ފޮނުވާލީމާ އެ ރޯން ޖެހޭ ރޮވުން ފެނި، އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައި ވެސް އެވާހަކަ ދައްކަން ޖެހޭ،" މާރިޔާ ޓްވީޓު ކުރައްވާފައިވެ އެވެ.

ގާނޫނު އަސާސީން ދިވެހީންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން، ބައެއް ގައުމުތަކުން އެ މީހުންނާ މެދު ޒާތީ ގޮތެއްގައި ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ.

ޕީޕީއެމުން މި މައްސަލަ ހުށަހެޅީ ސަމަދު ޑީޕޯޓުކޮށްލުމުންނެވެ. މިފަދަ ކަންކަމުގައި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅު ނޭޅި ގޮސްފިނަމަ، އޭގެ ރައްދުގައި ރާއްޖޭގައި އެ ގައުމެއްގެ ރައްޔިތުންނާ މެދު ނަފުރަތު އުފެދި އޭގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅު ކަމެއް ހިނގައިދިއުމުގެ އިހުތިމާލެއް އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގެންފައި ނުވެ އެވެ.

ޕީޕީއެމްއިން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ސިޔާސީ ކެމްޕެއިނެއް ކުރަމުންނެވެ. އެ ކެމްޕޭން މިވަގުތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ގަރާރަކުން މަނާކޮށްފަ އެވެ.

އެއީ، އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަކުރަމުންދާ ކަމަށް ބުނެ, އެކަމާ ދެކޮޅަށް އަޑު އުފުލަން ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އެ ކެމްޕޭނުގެ ތެރެއިން މުޒަހާރަތާއި އެއްވުންތައް އިދިކޮޅުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުންނެވެ.

ފާޅުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ބަސް ބުނަމުންދާ އިދިކޮޅުގެ އެކްޓިވިސްޓުން އިންޑިއާއަށް ދިޔުމުން އެކި ކަހަލަ ފުރައްސާރައާ އެ ގައުމުގެ އިދާރާތަކުގެ އޮފިޝަލުން ކުރިމަތިކުރާ ކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އޮތް ގޮތުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް ދަނީ ދޮގު ކުރަމުންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox