އިޝްތާރު ޒިކްރުގެ ސިކިސްތާނުން އިންސާނާގެ ހިތް

އާޓްވޯކް: ރައްޔާން މުހައްމަދު/ އަދަދު

އާޓްވޯކް: ރައްޔާން މުހައްމަދު/ އަދަދު

މި ހިނގާ 2023 ވަނަ އަހަރުގެ ތިން ވަނަ ހޮނިހިރު ވިލޭރެއެވެ. ހެންވޭރު ހެދިގޮނޑުދޮށުގައި ކުޑަ ސްޓޭޖެއް ހަދައި، ހަނދުފަޅިއެއްހެން ދެތިން ސަފަކަށް ގޮނޑިޖަހާފައި ހުއްޓެވެ. އަޅުގަނޑުވެސް ގޮސް ގޮނޑިއެއްގައި އިށީނީ އެ ކުޑަ މަޖިލީހުގައި ތިބި، ދިވެހި ޅެންވެރިކަމަށް ލޯބިކުރާ މީހުންނާ ބައިވެރިވެލުމަށެވެ. "ޅެންވެރިންގެ ގުންޒަރު"ގައި މޮޅެތި މޫސީކާރުންނާއި ލަވަކިޔުންތެރިން، ޖަޒުބާތީ ރާގުތަކަށް އަމުނާލާފައިވާ، މާނަ ފުން ޅެންތައް އިއްވަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އެ ހިތްގައިމު އަޑުތަކުގައި ކޮމާ ޖެހެނީ އެ ދިމާ މަޖީދީމަގުގައި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ސިޔާސީ "އަންބާ"ގެ އަޑުންނެވެ. އެ އަންބާ ނިމުމުން އަނެއްކާވެސް ދުނިޔޭގެ ފިކުރުތައް ހިނދުކޮޅަކަށް ހަވާސާކޮށް، ކަނޑު ރޯޅީގެ ފިނީގައި މަޑުމަޑުން ތިބެ، ޝާޢިރާނާ ދުނިޔެއަށް ހުސްވެލާނެ ފުރުޞަތު ފަހިވަމުންދިޔައެވެ.

މާ ރަސްމީ ޙަފުލާއެއް ނޫނެވެ. މާ ބައިބޯ އެއްވުމެއްވެސް ނުމެ ނޫންމެއެވެ. އެހެންނަމަވެސް، ދިވެހި ވަޒަންބަހުރުވަޔާއި، ފަންނުވެރިކަމާއި، ބަހުގެ މުއްސަނދިކަން ހަނދާންކޮށްދިން ހަފުލާއެކެވެ. އިއްވާލާ ކޮންމެ މައިގަނޑަކުން، ކަޑިއަކުން، ބަހަކުން، ރާގަކުން، ހިތުގެ ޖަޒުބާތުތައް ކައްކާލައެވެ. އިސާހިތަކު، އެ ލަފުޒުތަކުގެ ދަމާބާރުން، މަގުމަތީ ފިނިބުރު ޖަހަން ތިބި އެތައް ބައެއްގެ ސަމާލުކަން މި ކުޑަ ކުޑަ ޙަފުލާ ހޯދައިފިއެވެ.

މިއަދު އަޅުގަނޑު ފީނާލާހިތް އޮތީ މި ޙަފުލާގައި އިއްވާލި ރީތި، މޮޅު ޅެމެއްގެ ތެރެއަށެވެ. މަރިޔަމް ޢިޝާ ޢަޒީޒް (އިޝްތާރު ޒިކްރު)ގެ ޅެންވެރި ގަލަމުން ލިޔުއްވައި، އެ މެހެފިލުގައި ހުށަހަޅުއްވައިދެއްވި "ހިތުގެ ސިކިސްތާނު" މި ޅެމުގެ އެންމެ ފުނަށެވެ. ހުށަހެޅުން ފައްޓަވަމުން ޢިޝާ ވިދާޅުވިއެވެ.

"މިރޭ، ހާމަ އުޑެއްގެ ދަށުގައި، ރަޖަބީ ހަނދެއްގެ ދަށުގައި މި މެހެފިލްގައި މި ގުންޒަރު އޮތީތީ އަޅުގަނޑު ހިތަށްއެރީ އަޅުގަނޑުގެ މި ޅެން ފަށާނީ ތަންކޮޅެއް ދުރުންނޭ. ދުރޭ މި ދަންނަވަނީ ސަމާވަތާ ހަމައިންނޭ. މީގެ ފަންސާސްހާސް އަހަރު ކުރިން ދުނިޔޭގަ ދިރިތިބި ލޯތަކަކަށް ފެނުނު ދުންތަރިއެއް، މާދަމާރެއާއި އޭގެ އަނެއްރެޔާ އުޑުމަތި ސާފުނަމަ ފެންނާނެކަމަށް ނުޖޫމީ ޢިލްމުވެރިން އެބަ ވިދާޅުވޭ. ދެން ފަންސާސްހާސް އަހަރު ކުރިން އިންސާނުން ކުރި އަނެއް ކަމަކީ ތިނޯސް އީޖާދު ކުރުން. އަޅުގަނޑުގެ ހިތަށް އަރަނީ، ތިނޯހުގެ ކުޑަކުޑަ ފަގައިން ބަލަން ދަސްކުރި އިންސާނުން މިހާރު ގުރަހަތަކާ ހަމައަށް ގޮސް އެތަންތަން ފުރޮޅައި، އެއްކޮޅުގައި މިވާ މަރކުއިރީ، އަތާރިދުން ފެށިގެންގޮސް އަނެއްކޮޅުގެ ނަފުތޫން ނުވަތަ ނެޕްޓިއުނާ ހަމައަށް މިތަންތަން ބަލައިހާވައިފިޔޭ."

އެ ތަޢާރަފުން އެކަނިވެސް އަޑުއަހަން ތިބި އެންމެންގެ ޝައުޤުވެރިކަން އަތުލައިގެންފިއެވެ. ކުރު ޅެމެކެވެ. ހިއްސާކޮށްލާނަމެވެ.

އަތާރިދާ ނަފްތޫނަށް އަރާ ބަލާ އިންސާނަށް،

ފަތާފަތާ ނުދެވުނުތާ ހިތުގެ ފުނަށް ފީނާފާ

ފިލާއަޅާ ބަލާ މެވެސް ކައުނުގެ ހާ ގުރަހާނަށް،

ހިލާ މަތާނުލެވުނުތާ ހިތުގެ ބަންދު ދަރުވާޒާ

އެތައް ކަރަބު ދަންފުޅިއެއް ކައުނު މެދަށް ބަންޑުންކޮށް،

އެތަށް ގޮތަށް ވިޔަކޮށްވެސް ވިންދު 'ގުނަން' ނޭނގުނުތާ

ޢަރުޟު ބަލާ ތޫލުދަމާ ސަފަރުކުރާ މަޚުލޫޤަށް،

ފަރުވާލެއް ނުދެވުނުތާ މިސްރާބަށް ނަފުސު ހިނގާ

ލެޔާ މަހާ ކަށިފީވާ ހިނގައްޖެޔޭ ސަމާވަތަށް،

މެޔާ އެޔާ ގުޅިފައިވާ ނޫރު ނުދެކި ކަނުކަމުގައި

ރައްބު ދެކެން ބަލާނުލާ ސާފު ހިތުގެ ހާމަ އުޑަށް،

ޖައްވު އެކަށް ފުރޮޅާވެސް ދިލާސައެއް ނުލިބުނުތާ

ޅެން ހުށަހަޅަމުންދިޔަ އިރު މުޅި މެހެފިލުގައި އޮތީ ހިމޭންކަމެވެ. ބައެއް ބައިތުތައް ނިމުމާއެކު ނަންމަޝްހޫރު ޅެންވެރިން އާޝޯޚުގައި "ވާހް! ވާހް!" އޭ ވިދާޅުވަމުންދިޔަ އަޑުފިޔަވައެވެ. އަޅުގަނޑުގެ ކަންފަތުގައި އެންމެ ފުރަތަމަ އަޅައިގަތީ ވަޒަނެވެ. އެހާ ޢާއްމު ވަޒަނެއް ނޫނެވެ.

"ނަނާނަނާ/ ނަނަނާނާ/ ނަނާނަނާ/ ނަނާނަނާ

ނަނާނަނާ/ ނަނަނާނާ/ ނަނާނަނާ/ ނަނަނަނަނާ

ގެއަށް ވަދެވުމާއެކު ދިވެހި ވަޒަންބަހުރުވައިގެ އެދުރުންގެ ފޮތްތަށް ހޯދައި ބަލަން ފަށައިފީމެވެ. ސީދާ މި ވަޒަނެއް ނުފެނެއެވެ. ކޮންމެވެސް ގޮތަކުން އެބަ ތަފާތުވެއެވެ. އެހެންނަމަވެސް، ޅެމުގެ އެދުރުން އަބަދުވެސް ވިދާޅުވާ އެއްޗެއް އަޅުގަނޑުގެ ހަނދާނަށް އައެވެ. "ޅެންވަޒަނުގެ ނަން" ފޮތްބައިގައި ލިޔެފައި ނެތަސް، ތާލު ހަމަވާ ވަޒަނެއް ވިއްޔާ ޅެން ބައިތެއް ކަމުގައި ބެލިދާނެއެވެ. ދިވެހި ޅެން ފުރަތަމަ ހަދާފައިވަނީވެސް ޢަރަބި ވަޒަނަށެވެ. ދެން އުރުދޫ ވަޒަނަށެވެ. މި ހަނދާންވުމާއެކު، އިޝްތާރު ޒިކްރާއި އުރުދޫ ޅެންވެރިކަމާ ހުރި ތިމާގެކަން ހަނދާންވެސް އުރުދޫ ވަޒަންތަކަށް ނަޒަރު ހިންގާލީމެވެ. ކާމިޔާބު ލިބިއްޖެއެވެ. މިއޮތީ، ވަޒަން ފެނިފައެވެ. އުރުދޫ ވަޒަންތަކުގެ ތެރެއިން ބަހްރު ޙަޖާޒް ސާލިމް އެވެ. ނުވަތަ، ޅެންވެރިޔާ އެއިން އުފަންކުރައްވާފައިވާ ހަމައެކެވެ.

އަޅުގަނޑަކީ ޅެމުގެ އޮނިގަނޑުގެ ވާހަކަ އެހާ ދައްކާހިތްވާ މީހެއް ނޫނެވެ. އަޅުގަނޑު ހިތުން ޅެމެއްގެ މައިބަދައަކީ އޭގެ މަޒުމޫނެވެ. އޭގެ މަޢުޟޫއެވެ. އޭގެން ތިލަ ކުރާ ފުން ޚިޔާލުތަކެވެ. ފަލްސަފާކުރާ ރަޢުޔުތަކެވެ. ބަސްކޮށާރެވެ. ބަސްކޮށާރުގެ އެމުނިއެކުލެވުމެވެ. އަޑުތަކުގެ ތަރުތީބެވެ. އެ ތަރުތީބުން މިނިވަންވެލާ މިއުޒިކެވެ. އެ ޅެމުން އުފައްދާ އިހުސާސެވެ. "ހިތުގެ ސިކިސްތާނު" މި ޅެމުގައި ޅެންވެރިޔާ މި ދައްކަވާ ވާހަކަތަކުގެ ތެރެއަށް ފީނަލަމާ ހިންގަވާށެވެ.

ސިކިސްތާނަކީތޯއެވެ. އެއަށް އިނގިރޭސިބަހުން ކިޔައިއުޅުނީ ސެކްސްޓަންޓެވެ. އެއީ މާލިމީން ނިޔަމިކަމުގައި އަޅަން ގެންގުޅޭ ފިލައެވެ. މިއަށް "ގޮއިދުރުވާން"ވެސް ކިޔައި އުޅެއެވެ. ސިކިސްތާނުން ނުވަތަ ގޮއިދުރުވާނުން އިރާއި، ހަނދާއި، ތަރިތަކަށް ބަލައިގެން، އުޅަނދު އޮތް ތަން ދެނެގަނެވެއެވެ. އެހެން ނަމަވެސް މިކަން ކުރެވޭނީ ނުޖޫމީ ޢިލްމާއި، ހިސާބު ޢިލްމާއި ޖޯގްރަފީ ރަނގަޅަށް ދަންނަ މީހުންގެ ތެރެއިން ސިކިސްތާނު ބޭނުންކުރާ ގޮތް ދަންނަ މީހުންނަށެވެ. އިސްވެ ދެންނެވި ޅެންވެރިންގެ ގުންޒަރުގައި ޢިޝާ ސިކިސްތާނު ތަޢާރަފުކުރެއްވީ، "ފިލާއަޅައި ދަތުރުފަތުރުކުރާއިރު ތަރިތަކާ އިރާ މި ހުންނަ ދުރުމިން ގާތްމިން ބަލައި، އަރުޟާ ޠޫލާ، ލެޓިޓިއުޑް ލޮންޖިޓިއުޑް ދަމާފަ މި ކުރާ ހިސާބުތައް ބަލަން ގެންގުޅޭ އާލާތެއް. އިނގިރޭސިން ކިޔާ ނަމަ އެއީ ސެކްސްޓަންޓް ކިޔާ އިންސްޓްރޫމަންޓެއް"ގެ ގޮތުގައެވެ. މި ޅެމުގައި ޅެންވެރިޔާ ސިކިސްތާނު މި ބޭނުންކުރަނީ ހިތަކުންނެވެ. ދެނެމިގަންނަނީ އިންސާނާ މި ހުރި ހިސާބެވެ. ޢަރުޟާއި ޠޫލު ދަމާ، މަޤާމު ޔަޤީންކުރިއިރު މި ހާމަވީ ކޮންކޮން ކަންތައްތަކެއްކަމަށްތޯއެވެ. މި ޢާލަމުގައި އިންސާނާގެ ޙާލަތާއި، އޭނާގެ ނުކުޅެދުންތެރިކަމާއި، އޭނާގެ ބޮޑާކަން ނޫންބާވައެވެ.

މިކަން ސިފަކުރައްވަން ޅެންވެރިޔާ ގެންގުޅުއްވާފައިވާ ހަތިޔާރަކީ އައިރަނީ irony ނުވަތަ ސުޚްރިއްޔަތެވެ. ފުރަތަމަ ބައިތުގައި ވިދާޅުވެއެވެ.

"އަތާރިދާ ނަފުތޫނަށް އަތާ ބަލާ އިންސާނަށް

ފަތާފަތާ ނުދެވުނުތާ ހިތުގެ ފުނަށް ފީނާފާ"

އިންސާނާ އަކީ ދުނިޔޭގައި އެހެން މަޚުލޫޤުންގެ މައްޗަށް ގަދަވެގަނެ ކައުނުގެ އެކި ގުރަހަތަކަށް ދަތުރު އަޅައި، އެ ގުރަހަތައް ދިރާސާކޮށް، ދުނިޔޭގެ ސިއްރުތައް ދެނެގަންނަން ބޮޑާވެގެން އުޅޭ މަޚުލޫޤެވެ. އެހެންނަމަވެސް ޚުދު އިންސާނާގެ ހިތުގެ ފުންމިން ދެނެގަންނާކަށް އިންސާނާއަށް އަދިވެސް ނޭނގެއެވެ. މި ބައިތުގައި އަދި މި ޅެމުގައިވެސް "ހިތް" މި ލަފުޒު ބޭނުންކުރައްވާފައިމިވަނީ ރަމްޒީގޮތެއްގައި ކަމުގައި ދެންނެވިދާނެއެވެ. މި ޅެމުގައި ހިތް ރަމްޒުކޮށްދެނީ އިންސާނާގެ އުފެދުމާއި ދިރިއުޅުމުގެ ހުރިހާ ސިއްރެކެވެ. ޤުދުރަތްތެރިކަމުގެ އަޖާއިބުތަކެވެ. އިންސާނާގެ އަމިއްލަ ހަށިގަނޑުގައި އޮތް ގުނަވަނެއްގެ ސިއްރުތައް ނޭނގޭ މީހާ، މުޅި ކައުނުގެ ސިއްރުތައް ހޯދަން "ފީނާ ފީނުމަށް މި ކުރަނީ ހާދަހާވާ ރީތި މަލާމާތެކެވެ. ޢިލްމާއި ސައިންސުގެ ދަޅައިގައި އިންސާނާގެ ނިކަމެތިކަމާއި ދުނިޔަވީ ދިރިއުޅުމުގެ ކުރުކަން އަހަރެމެން ހަނދާންނެތެއެވެ. ބިމުގެ ބެލެނިވެރިން ކަމުގައި ވީ ހިނދު އެ އަމާނާތައް ޚިޔާނާތްތެރިވަނީ ޚުދު ތިމާގެ ނިކަމެތިކަން ހަނދާންނައްތާލަފައެވެ. މި ދަންނަވާ ސުޚްރިއްޔަތަކީ މިއީއެވެ. އެއޮށް ބޮޑު ކައުނުގައި އަތްފުނާ އަޅަން އެ އިންސާނާ ނިކުންނަކީ އޭނާގެ މުށެއްގެ ބޮޑުމިނުގައިވާ އޭނާގެ ކުޑަކުޑަ ހިތުގެ ސިއްރުތައް ދެނެނުގަނެ ހުރި ޙާލުގައެވެ.

"ފިލާއަޅާ ބަލާމެވެސް ކައުނުގެ ހާ ގުރަހާނަށް

ހިލާ މަތާ ނުލެވުނުތާ ބަންދު ހިތުގެ ދަރުވާޒާ"

ދެވަނަ ބައިތުގައިވެސް ޅެންވެރިޔާ އިންސާނާގެ ނިކަމެތިކަން ސިފަކުރައްވަނީ ނިޔަމިކަމުގެ ބަސްކޮށާރަކުންނެވެ. މި ފަހަރު ފިލާއަޅާ ވާހަކައެވެ. ނިޔަމިކަމުގައި ފިލަޔަކީ، ދަތުރުވެރިން ޢަރުޟާއި ޠޫލު ހޯދަން ގެންގުޅޭ އާލާތެކެވެ. ފިލާއެޅުމަކީ އުޅަނދު އޮތްތައް ދެނެގަންނަން ސިކިސްތާނަކުން ތަރިތަކާއި އިރުހަނދަށް ބަލައިގެން އެކުރާ ހިސާބުކުރުމެވެ. ހިތުގެ ސިއްރުތައް ހޯދުމަށް މި ފަހަރު ހިސާބުހެދިން ނިޔަމިން ހިސާބުހަދާ ގޮތަށް، ތަރިތަކާއި ގުރަހަތަކަށް ބަލައިގެން ފިލާ އަޅައިގެންނެވެ. އެހެންނަމަވެސް އެއްވެސް މަސައްކަތަކުން "ބަންދު ހިތުގެ ދަރުވާޒާ" މަތާ ނުލެވެނެވެ. މި ބައިތުގެ ޢަޖުޒުގައި ކޮންމެ ލަފުޒެއްވެސް އަދާކުރާ ދައުރު މުހިއްމެވެ. "ބަންދު ހިތް" މިހެން ސިފަކުރެއްވުމުން ހިތުގެ ސިއްރުތަކެއް ވާކަން ނުވަތަ އޭގައި ފޮރިވިފައިވާ ކަންތައްތަކެއް ވާކަން ސިފަވެގެންދެއެވެ. "ދަރުވާޒާ" ނުވަތަ ދޮރު "މަތާ"ނުލެވުމުން އެއީ އަދެއް ދޮރެއް ނުހުޅުވުމަށްވުރެ ބުރަ މަސައްކަތަކަށް ގުޑާނުލުންކަން ސިފަވެގެންދެއެވެ. މަތާލުމަކީ ތަނަކަށް ފިތިބާރުވެފައިވާ އެއްޗެއް އެހެން އެއްޗެއްގެ ބާރުން ފޭކުރަން ހިފުމެވެ. "ހިލާ މަތާ ނުލެވުނުތާއޭ" ވިދާޅުވާއިރު "ހިލާ" މި ލަފުޒުން އިތުރު ބާރެއް ދެއެވެ. އެ ބަންދު ދޮރު ހުޅުވަން ކޮށްފައިވަނީ އާދައިގެ މަސައްކަތްތަކެއް ނޫންކަން ސިފަވެއެވެ. އެހެންނަމަވެސް އެއިންވެސް ކާމިޔާބީއެއް ނުލިބި ހުރިކަމީ އިންސާނާގެ ނުކުޅެދުންތެރިކަން ނޫން ކޮންކަމެއް ބާއޭ ސުވާލު އުފެދެއެވެ.

ތިންވަނަ ބައިތުގައިވާ މިސާލުން، އިންސާނާގެ ބުއްދީގެ އިންތައް އިތުރަށް ފަވާލަދެނީ މި ފަދައިންނެވެ.

"އެތައް ކަރަބު ދަންފުޅިއެއް ކައުނު މެދަށް ބަންޑުންކޮށް

އެތައް ގޮތަށް ތިލަކޮށްވެސް، ވިންދު ގުނަން ނޭނގުނުތާ"

މިބައިތުގެ ތަފްޞީލުދެއްވާ ޚުދު ޅެންވެރިޔާ ވިދާޅުވިއެވެ.

"ޖައްވައް އަރައި ޖައްވުގެ ވަގުތު މިނެކިރައި ދުނިޔޭގެ ވަގުތު މިނެކިރާއިރުވެސް އަޅުގަނޑުމެންގެ ހިތުގަ ލައްވާފައިވާ ވިންދުކޮޅުގެ ޢަދަދު ޔަޤީނުން އަދިވެސް ގުނަން ނޭނގިގެން މި އުޅެނީ."

ކަރަބަކީ ސަތޭކަ ޢަރަބެވެ. ޢަރަބަކީ ސަތޭކަ ކުރޯޑު ނުވަތަ އެއް ބިލިޔަނެވެ. ދަންފުޅިއަކީ އެވޭލާ ދިވެހިން ވަގުތު ބަލަން ގެންގުޅުނު ސާޢަތް ފުޅި ނުވަތަ ދަމު ފުޅިއެވެ. މުޙައްމަދު ފިޒާން ނިޔަމިކަމާ ބެހޭގޮތުން ލިޔުއްވާފައިވާ "ދިވެހިންގެ ނިޔަމިކަން" ދިރާސީ މަޒުމޫނުގައި ދަމުފުޅި ސިފަކުރައްވާފައިވަނީ މިހެންނެވެ.

"މި ފުޅީގެ އެއްކޮޅަށް ހުންނާނީ ހިލަވެލި ނުވަތަ މިޒާތުގެ ކޮންމެވެސް އެއްޗެއް އަޅާފައެވެ. މި ފުޅި ހުންނާނީ މެދަށް ހިމަކޮށެވެ. އެއްކޮޅުގައި ހުންނަ ވެލި އަނެއް ކޮޅަށް ފޭބުމަށް ކުޑަކުޑަ ލޯވަޅެއް ފުޅީގެ މެދުގައިވާ ހިމަބައިގައި ހުންނާނެއެވެ. މި ލޯވަޅުގެ ތެރެއިން އެއް ކޮޅުގައި ހުންނަ ވެލި އަނެއް ކޮޅަށް ފައިބާނީ އެއް ގަޑިއިރުންނެވެ. ނަމަވެސް އަހުމަދު ޝަފީޤު (2009) ލިޔުންތެރިޔާ ގާތު ވިދާޅުވިގޮތުގައި ދަމުފުޅި ފަރުމާކުރެވިފައި ހުންނާނީ ދަމަކު އެއްފަހަރު ކޮޅު ބަދަލުކުރާގޮތަށެވެ. އަދި އިތުރަށް ހާމަކުރައްވާގޮތުގައި މި ފުޅިއަކީ ވަރަށް ހިމުން ކުނޑިތަކެއް އަޅާފައިހުންނަ މެދަށް ހިމަ ލަކުޑި އޮނިގަނޑަކަށް ފައްތާފައި ހުންނަ ފުޅިއެކެވެ."

އެތައް ބިލިޔަން ދަންފުޅިއެއް ކައުނު މެދަށް ބަންޑުންކޮށޭ ޅެންވެރިޔާ ވިދާޅުވުމުން އެ ސިފަކުރައްވަނީ ކައުނުގެ އެކި ސިއްރުތައް ދެނެގަންނަށް ހޭދަކޮށްފައިވާ ވަގުތުތަކުގެ ގިނަކަން ކަމަށް ސިފަކުރާނޭ ޖާގަވެސް ކިޔުންތެރިންނަށް އެބަ ލިބެއެވެ. އަދި މި ހުރިހާ ވަގުތެއް ހޭދަކުރި އިންސާނާއަށް އެތައް ގޮތަކަށް ވިޔަކޮށްގެން ނުވަތަ ހިސާބުހަދައިގެންވެސް އިންސާނާގެ ވިންދު ގުނާކަށް ނޭނގުނެވެ. ވިންދު ގުނުމޭ ވިދާޅުވުމުން އެ ވިދާޅުވަނީ އިންސާނެއްގެ ޙަޔާތުގައި އޭނާގެ ހިތުން ޖަހަން އިރާދަކުރައްވާފައިވާ ވިންދުގެ ޢަދަދު ބާވައެވެ؟ ބޭސްފަރުވާޔާއި ނުޖޫމީ ޢިލްމާއި އެ ނޫންވެސް ފަންނިއްޔާތުން ދުނިޔެ ރަށްވެހިކުރަމުންދާ މި ދަނޑިވަޅުގައި ނިސްބަތުން ކުޑަކުޑަ އިންސާނެއްގެ ޢުމުރަށް ކަނޑައެޅިފައިވާ ވިންދު ވިޔަ ނުކުރެވޭކަމުން އެ ހަނދާންކޮށްދެނީ މަތިވެރި، ކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަން ނޫންތޯއެވެ؟

"ޢަރުޟު ބަލާ ޠޫލު ދަމާ ސަފަރުކުރާ މަޚުލޫޤަށް

ފަރުވާލެއް ނުދެވުނުތާ މިސްރާބަށް ނަފުސު ހިނގާ"

އަނެއްކާވެސް މި ތަކުރާރުކުރައްވަނީ އެ ޝިޢާރެވެ. ފެންނަން ނެތް ޢަރުޟާއި ޠޫލު (ލެޓިޓިއުޑް އާއި ލޮންޖިޓިއުޑް) ޗާތުތަކުގައި ކުރަހައިގެން، އެއީ އާރުކާޓީކަމަށްދެކި މުޅި ކައުނުގައި ސަފަރު ނުވަތަ ދަތުރު ކުރާ އިންސާނާއަށް، އޭނާގެ ނަފުސު ދާ މިސްރާބު ދެނެނުގަނެވޭ ވާހަކައެވެ. އެކަމަށް ސަމާލުކަމެއް، އަހައްމިއްޔަތެއްވެސް ނުދޭ ވާހަކައެވެ.

"ލެޔާ މަހާ ކަށިފީވާ ހިނގައްޖެޔޭ ސަމާވަތަށް،

މެޔާ އެޔާ ގުޅިފައިވާ ނޫރު ނުދެކި ކަނުކަމުގައި"

ހާދަހާވާ ރީތި ސިފަކުރެއްވުމެކެވެ. އެންމެ ތިން ލަފުޒެވެ. އެތައް މާނައެކެވެ. އިންސާނާއޭ ބުނުމުގެ ބަދަލުގައި އިންސާނާގެ ނިކަމެތިކަމުގެ ސިފަކުރުމެކެވެ. "ލެޔާ މަހާ ކަށި ފީވާ" އޭ ވިދާޅުވުމުން، އެއީ އިންސާނާކަން ދޭހަވެއެވެ. އިންސާނާގެ ހަށިގަނޑަކީ ދުނިޔޭގެ ޙަޔާތަށް އޮތް ވަގުތީ ސަވާރީއެއްކަން ދޭހަވެއެވެ. އިންސާނާގެ ނިކަމެތިކަން ދޭހަވެއެވެ. އެ ނިކަމެތި އިންސާނާ ސަމާވަތަށް، ނުވަތަ އުޑުތަކަށް ދިޔަ ވާހަކަ ވިދާޅުވުމުން އިންސާނާ އާއި އޭނާގެ ބުއްދި އާއި ތޫނުފިލިކަމަށް އެ ކުރައްވަނީ ހާދަ ރީތި ތާރީފެކެވެ. އެހެންނަމަވެސް އެ ބައިތުގެ ޢަޖުޒުގައި އެ އިންސާނާ ސަމާވަތާ ހަމައަށް ދިޔަ ނަމަވެސް، އޭނާއަށް އެ ކާމިޔާބު ލިބުނީވެސް އެ ނިކަމެތި ހަށިގަނޑާއި އެޔާ ގުޅިފައިވާ ސިއްރު ނުދެކި ހުރެ "ކަނުކަމުގައޭ" ވިދާޅުވުމަކީ އަޅުގަނޑު ކުރިން ދެންނެވި "އައިރަނީ"ގެ ފުރިހަމަ މިސާލެކެވެ. ޞަދުރުގައި އިންސާނާގެ ބުއްދިވެރިކަމުގެ ތާރީފެވެ. އެހެންނަމަވެސް އެ ތާރީފުގެ ސަބަބުން، ޢަޖުޒުގައި "މަތާލާ" "މަލާމާތަށް" އިތުރު ބާރެއް ލިބެއެވެ.

ފަހު ބައިތުގައި ޚުލާސާކުރައްވަނީ މުޅި ޅެމުގެ ބަޙުޘެވެ. ވިދާޅުވެފައިވެއެވެ.

"ރައްބު ދެކެން ބަލާނުލާ ސާފު ހިތުގެ ހާމަ އުޑަށް،

ޖައްވު އެކަށް ފުރޮޅާވެސް ދިލާސައެއް ނުލިބުނުތާ"

އިންސާނާއަށް ކިތައްމެ ތަޢުލީމަކާއި ތަހުޒީބެއް ލިބުނު ކަމުގައިވިޔަސް، އެ އިންސާނާއަކީ ރައްބު ނުވަތަ މާތް ރަސްކަލާނގެއަށް ކިޔަމަންވެ އެ ކަލާނގެ ކިބައިން ވާތްގަށް ނޭދޭ މީހަކު ކަމުގައިވާނަމަ އޭނާ ޖައްވު އެފުށް މިފުށަށް ޖެހިނަމަވެސް، އޭނާއަށް ލިބޭނޭ "ދިލާސާ"އެއް ނުވަތަ ތަސައްލީ އެއް ނުވަތަ ހިތްހަމަޖެހުމެއް ނޯންނާނޭ ވާހަކައެވެ.

މި ޅެން ކިޔާލުމުން ހަނދާނަށް އަންނަނީ އައްލާމާ އިޤްބާލްގެ މަޝްހޫރު ޅެން "ޖަވާބެ ޝިކްވާ" ގެ ބައެއް ޚިޔާލުތަކެވެ. ވެލިމުށެއް ފަދަ އިންސާނާ "އުދުހެން" ދަސްކުރުން ފަދަ ސިފަކުރުންތަކެވެ. ތަރިތަކާއި ސަމާވަތަށް އެ ކުރައްވާ އިޝާރާތްތަކާއި އެ މަންޒަރުތަކުން އެ ނަންގަވާ މިސާލުތަކެވެ.

"ހިތުގެ ސިކިސްތާނު" މިއީ އެންމެ ހަ ބައިތުގެ މައްޗަށް އެކުލެވިގެންވާ ކުރު ވަޒަނެއްގެ ކުރު ޅެމެކެވެ. އެހެންނަމަވެސް އެ ޅެމެއް އަޑުއަހާލާތާ އެތައް ދުވަހެއް ވެއަތުވެ ދާއިރުވެސް ޅެންވެރިޔާ އެ ފާޅުކުރެއްވި ޚިޔާލާ މެދު ވިސްނާ ހުސްނުވާނެ ޅެމެކެވެ. އެތައް ކަރަބު ދަންފުޅިއެއް ބަންޑުންޖިހިޔަސްމެއެވެ. އިންސާނާގެ ބުއްދި އާއި ހައިވާނުންގެ ތެރޭ އިންސާނާއަށް ލިބިފައިވާ މަޤާމުގެ ދަޅައިގައި ޖެހިފައިވާ އަމިއްލަ ނަފުސުގެ ނިކަމެތިކަން ހަނދާންކޮށްދޭ ޅެމެކެވެ. ބޮޑާކަމާއި ފަޚުރުވެރިކަމާއެކު މި ވަގުތީ މަންޒިލުގައި އުދުހެމުންދަނިކޮށް، ބިމުގައި ފައިތިލަ ސާބިތުކޮށް، މާތްރަސްކަލާނގެ ހަނދާންކުރަން މަޖުބޫރުކުރުވާ ޅެމެވެ. ދިވެހި ޅެންވެރިކަމުގެ ޚަޒާނާއަށް ޢިޝާ ހަދިޔާކުރެއްވި ވިދުންގަދަ މުތީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox