ލަންޑަން (ފެބްރުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ސިޓީ އެއް ވަނަ އަށް އެރީ އާސެނަލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެ ޓީމާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ. ސިޓީން ވަނީ 23 މެޗުން 51 ޕޮއިންޓް ހަަމަކޮށްފަ އެވެ. އާސެނަލަށް 22 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ އޮތީ 26 ގޯލެވެ. ސިޓީގެ ފައިދާ 36 ގޯލު އެބައޮތެވެ. ތިން ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 23 މެޗުން 46 ޕޮއިންޓާ އެކު އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އެ ޓީމު ނުކުތްއިރު އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ފުރަތަަމަ އެގާރައިގައި އާންމުކޮށް ކުޅެމުން އައި ތޯމަސް ޕާޓޭ އަށް އަނިޔާވެ ނުކުޅެވުމެވެ. އޭނާ ނެތްތަނަށް ކުޅުނީ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށް އާސެނަލާ ގުޅުނު ޖޯޖީނިއޯ އެވެ.
މެޗުގެ 24 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑި ބްރޭނާ އެވެ. މިއީ އާސެނަލްގެ ޑިފެންޑަރު، ޓަކެހީރޯ ޓޮމިޔާސޫ ފަަހަތަށް ޖައްސާލި ބޯޅައެއް ހޯދައި، ޑި ބްރޭނާ ޖެހި ގޯލެކެވެ. އާސެނަލުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރި އެވެ. އާސެނަލަށް މި ލަނޑު ޖަހައިިދިނީ ޕެނަލްޓީ އަކުން ބުކާޔޯ ސަކާ އެވެ. މިއީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އެ ޓީމުގެ އޭރިއާތެރެއިން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
ސިޓީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނެގީ 72 ވަނަ މިނިޓްގައި ޖެކް ގްރީލިޝް ޖެހި ގޯލުންނެވެ. މި ގޯލުގައި ވެސް އާސެނަލްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ސިޓީން ވަނީ ރަނގަޅަށް ނަގައިފަ އެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް، ސިޓީން ތިން ޕޮއިންޓް ކަށަވަރުކުރި ގޯލު ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ 82 ވަނަ މިނިޓްގައި ޑި ބްރޭނާ ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ.
ލީގުގެ ރޭހުގައި އާސެނަލަށް މި ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ޓީމު އަތުން މި ވަނީ ޕޮޮއިންޓް ގެއްލިފަ އެވެ. އެ ގޮތުން، އެވަޓަން އާއި ސިޓީ އަތުން ބަލިވިއިރު، ބްރެންޓްފޯޑާ ވަނީ އެއްވަރުވެފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި ޖުމްލަކޮށް ބަލާއިރު، އާސެނަލުން ސިޓީ އަށް ވުރެ ރަނގަޅަށް ކުޅުނު ކަމަށެވެ. އެކަަމަކު، މި މެޗުގައި ނަތީޖާ ނެރުމަށް ބަލާއިރު، ސިޓީން ބޭނުންހިފަން ޖެހޭ ފުރުސަތުތަކުގައި ރަނގަޅަށް އެކަން ކުރި ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ސިޓީން މިދިޔަ އަހަރުތަކުގައި ހިފަަހައްޓަމުން އައި ލެވަލަށް ބަލާއިރު، މި ކަަހަލަ މެޗުތަކުގެ ޕްރެޝަރުގައި ކުޅެން އެ ޓީމަށް އެނގޭނެކަން މި މެޗުން ސާބިތުވެގެން ގޮސްފި ކަަމަށެވެ. އާސެނަލަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ލިބުނު ފުރުސަތުތައް ބޭނުންނުކުރެވި އަމިއްލަ އަށް ވެސް ގިނަ ގޯސްތަކެއް ހެދުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.












