ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ބޮޑު ފަރަގަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. އެ އިންތިހާބުގައި ދެން ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 61 އިންސައްތަ ވޯޓެވެ. އިންތިހާބަށް ފަހު ރައީސް ސޯލިހަށް ތާއިދު ކުރައްވާކަން ނަޝީދު ހާމަކުރައްވާފައެއް ނުވެ އެވެ.
މިއަދު، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާގެ ވަކީލެއްގެ ގޮތުގައި ކޯޓުގައި ވަކާލާތު ކުރައްވާނީ ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު އެވެ.
މި މައްސަލާގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

އެހެންކަމުން އެ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދީ އެ މެންބަރުން ހިމަނައިގެން އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެ މައްސަލައިގައި އެދިފައިވެ އެވެ.
ސިވިލް ކޯޓުގައި ވަނީ މި މައްސަލާގައި ވަގުތީ އަމުރަކަށް އެދިފަ އެވެ. އެއީ، ކޯޓަށް ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ރިޔާސީ ޓިކެޓު ހަވާލުކުރަން ހުއްޓުވުމަށް އަމުރު ކޮށްދިނުމަށެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހަށް ޓިކެޓު ހަވާލު ކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. އަދި، އިންތިހާބު ކާމިޔާބު ކުރުމަށް ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށް ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދިނުމަށް މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ހާމިދު އާއި ދިޔާނާ އަކީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ނަޝީދަށް ތާއިދުކޮށް ކެމްޕޭން ކޮށްދެއްވި ދެ ބޭފުޅުންނެވެ. ނަޝީދާ އެކު އައްޑޫ ސިޓީއަށް ވަޑައިގެން ދިޔާނާ ކެމްޕޭން ވެސް ކުރެއްވި އެވެ.
މިފަދަ މައްސަލައެއް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅަކު ހުށަހަޅުއްވާފައިވާއިރު އެމަނިކުފާނުގެ ފަރާތުން ޕްރައިމަރީއާ ގުޅޭ 53 ޝަކުވާއެއް ވެސް ހުށަހެޅި އެވެ. ނަމަވެސް، އެ ޝަކުވާތަކުން ނަތީޖާއަށް ބަދަލެއް އައިސްފައިނުވާއިރު އެމްޑީޕީން އޮތީ ދާއިމީ ނަތީޖާ ވެސް އިއުލާނުކޮށްފަ އެވެ.
އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ސިޔާސަތަކަށް ތާއިދުކުރާ ގޮފިތަކެއް ޕާޓީގެ ތެރެއިން އުފެއްދެވުމަށެވެ. އެ މަސައްކަތް ކުރަމުން ދަަނީ އެމްޑީޕީން ތާއިދުކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.













