ފާއިތުވި ހަފުތާއެއްހައި ދުވަހު ދުނިޔޭގެ ހަބަރު ސުރުހީތަކުގައި ފަލަ އަކުރުން ލިޔެވިފައި ހުރީ ބިންހެލުމުގެ ވާހަކަތަކެވެ. ތުރުކީވިލާތާއި ސޫރިޔާ ގުޅޭ ސަރަހައްދަށް މިދިޔަ ހޯމަ ދުވަހު ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމާއި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން 7.5 ގެ ބާރުމިނުގައި އައި ލޮޅުން ހިމެނޭހެން އެރި 300 އެތައް ލޮޅުމެއްގެ ވާހަކަ އެވެ. މިވަގުތާ ހަމައަށް އެ ބިންހެލުމާއި ލޮޅުންތަކުގައި 24،000 އަށްވުރެ ގިނަ މީހުން މަރުވި ވާހަކަ އެވެ.
މިއީ އެތައް ބައެއްގެ ފުރާނަޔާ ގުޅިފައިވާ ވާހަކަތަކެއް ނަމަވެސް އަހަރުމެންގެ ކަންފަތްތަކަށް މުޅިން އާ ވާހަކަތަކެއް ނޫނެވެ. ގުނަމުން މިދާ ސާސްކަފުގެ ތެރޭގައި މިފަހުން މި ދުށް ދެތިން ގަރުނަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ގިނަ ބިންހެލުމާއި ޒަލްޒަލާތަކާ ކުރިމަތިލާން ޖެހުނު ދެތިން ގަރުނު ކަމަށް ސައިންސުވެރިން ބުނެ އެވެ.
ދުނިޔެއަށް އަންނަ ބިންހެލުންތައް ދެނެގަނެ އެ ބިންހެލުންތަކުގެ މައުލޫމާތު ހިއްސާ ކުރާ އެމެރިކާގެ ނެޝަނަލް އާތުކުއޭކް އިންފޮމޭޝަން ސެންޓަރުން ބުނާ ގޮތުގައި ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ސަރަހައްދުތަކަށް 55 ބިންހެލުން އާދެ އެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާ ނަމަ 20،000 އަށްވުރެ ގިނަ ބިންހެލުމެވެ. މިއަދުގެ މިވަގުތާ ހަމައަށް ވެސް ދުނިޔޭގެ އެކި ކަންކޮޅަށް 26 ބިންހެލުން އައިސްފައިވާ ކަމަށް ރެކޯޑު ކުރެވިފައި އެބަ ހުއްޓެވެ.
އަދި، ދުނިޔޭގެ ބަތާނައިގައި ހުރި ތެެލާއި ގޭސް މިހާރު ނަގަމުންދާ މިންވަރަށް ނަގަމުންދާ ނަމަ، ކުރިއަށް އޮތް ތަނުގައި ބިންހެލުން އަންނަ މިންވަރު މިހާރަށް ވުރެ ވެސް އިތުރުވާނެ ކަމަށް ކަމާބެހޭ މާހިރުން ލަފާ ކުރެ އެވެ.
ބިންހެލުންތަކުގެ ވާހަކައަކީ އަހަރުމެންގެ ކަންފަތްތަކާ އެހާ ރައްޓެހި ވާހަކަތަކަކަށް ވާއިރު ބިންހެލުމަކީ ކޮބައިކަމާއި ބިންހެލުން އުފެދެން މެދުވެރިވާ ސަބަބު އަހަރުމެންނަށް އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟

ބިންހެލުން އުފެދެނީ ކިހިނެތް؟
ދުނިޔޭގެ ސަތަހައިގައި އަހަރުމެންގެ ދިރިއުޅުން ވޭތުކުރަމުންދިޔަ ނަމަވެސް، އަހަރުމެންގެ ދިރިހުރުން ގުޅިފައި އޮންނަނީ ދުނިޔޭގެ ތޮށިގަނޑުގެ އެތެރެ އާއި ދުނިޔޭގެ ސަތަހައިން ބޭރުގައި ހިނގާ އެތައް ކަމަކާ އެވެ.
އެގޮތުން، ދުނިޔޭގެ ތޮށިގަނޑުގެ އެތެރޭގައި އޮންނަ މެންޓްލް ނުވަތަ ބޮނބިގަނޑު ފަށަލައަކީ ދުނިޔެއަށް އަންނަ ބިންހެލުންތަކުގެ އަސްލު އެތަނުގައި އުފެދޭ ފަށަލަ އެވެ.
އެ ފަށަލައިގައި ހުންނަ ވިރިކެކޭ ހިލަތަކުގެ މަތީގައިވާ ހިލަ ފޮތިވަރުތައް ނުވަތަ ޓެކްޓޯނިކް ޕްލޭޓުތަކަކީ އަބަދުމެ ހަރަކާތް ކޮށްކޮށް ހުންނަ ފޮތިވަރުތަކެކެވެ. އެ ފޮތިވަރުތައް ހަރަކާތް ކުރުމުގެ ތެރޭގައި އެކަތި އަނެކައްޗާ ކޭއްތުމާއި ޖެހި، މުޑި އަރާގޮތްވުމަކީ ބިންހެލުން އުފެދުމުގެ އަސްލެވެ. މިބާވަތުގެ ޖެހި ފިތުމާއި ފޮތިވަރުތައް ފޭވުމުގެ ހާއްސަ ހަތަރު ވައްތަރެއް ވެއެވެ. އޭގެތެރެއިން މައިގަނޑު ތިން ވައްތަރަކީ:
ޑައިވާޖެންޓު މޫވްމަންޓު
ޑައިވާޖެންޓު މޫވްމަންޓަކީ ދެ ޓެކްޓޯނިކް ފޮތިވަރު ދެއަތަށް ފޭވަމުންދާ ދިއުމެވެ. މިގޮތަށް ފޭވާފޭވުމުގައި ދެ ފޮތިވަރުގެ މެދުން އުފެދޭ ޖާގައަށް ކިޔަނީ ރިފްޓު ޒޯނެވެ. މިފަދަ މޫވްމަންޓުގެ އެއް މިސާލަކީ ދެކުނު އެމެރިކާ ބައްރާއި އެފްރިކާ ބައްރު ވަކިވެ އެ ދެމެދުގައި އެޓްލާންޓިކް ކަނޑު އުފެދިފައި އޮތުމެވެ.
މިގޮތަށް ދެ ފޮތިވަރު ފޭވާފޭވުމުގައި އެ ދެމެދަށް ބިންހެލުން އައުމާއި ވިރިކެކޭ އަލިފާން އެ ދެމެދުން އެރުމަށް މެދުވެރި ވެއެވެ.
ކޮންވާޖެންޓު މޫވްމަންޓު
ކޮންވާޖެންޓު މޫވްމަންޓަކީ އެއް ފޮތިވަރު އަނެއް ފޮތިވަރާ ޖެހި މުޑި އެރުމަށް މެދުވެރިވާ ހަރަކާތެވެ. މިގޮތަށް ދެ ފޮތިވަރު ޖެހި މުޑި އެރުމުން އޭގެތެރެއިން ބަލިކަށި ފޮތިވަރު ގަދަ ފޮތިވަރުގެ ދަށުވެ އެވެ. އެހެންނަމަވެސް އެ ދެ ފޮތިވަރަކީވެސް އެއްވަރެއްގެ ގަދަ ދެ ފޮތިވަރު ކަމުގައިވެއްޖެ ނަމަ ޖެހި މުޑި އެރުމުން ދެ ފޮތިވަރާ ދިމާލުން މައްޗަށް ފަރުބަދަތަކެއް އުފެދިގެން ދެއެވެ. އެންމެ ކައިރިން އުފެދިފައި އޮތް މިބާވަތުގެ ފަރުބަދަތަކަކީ އިންޑިއާ ފޮތިވަރާއި ޔޫރޭޝިއަން ފޮތިވަރު ޖެހި މުޑި އެރުމުން އުފެދިފައި އޮތް ހިމާލަޔަސް ފަރުބަދަތަކެވެ.
މިއީ ބިންހެލުން އުފެދުމަށް މެދުވެރިވާ އެންމެ އާންމު އެއް ހަރަކާތެވެ. މި ހަރކާތުގެ ސަބަބުން އުފެދޭ ބިންހެލުންތަކުގެ ބާރު ހުންނަނީ އާންމުގޮތެއްގައި ރެކްޓާ މިންގަނޑުން 6.0 އަކަށް ވުރެ ގަދަ ކޮށެވެ.
ޓްރާންސްފޯމް މޫވްމަންޓު
ޓްރާންސްފޯމް ބައުންޑަރީއަކީ އެއް ފޮތިވަރު އަނެއް ފޮތިވަރާއި ޖެހި ކޭއްތުން ނުވަތަ ކައްސާލައިގެން ދިއުމަށް މެދުވެރިވާ ހަރަކާތެވެ. މިބާވަތުގެ ހަރަކާތުގައި ދެ ފޮތިވަރު ޖެހި ކޭއްތުމުން ދުނިޔޭގެ ތޮށިގަނޑުގައި ރެނދުލާ ގޮތް ދިމާވެ އެވެ. މީގެ އެއް މިސާލަކީ އެމެރިކާގެ ކެލިފޯނިއާ، ސެންއެންޑްރިއާސް ފޯލްޓު ލައިނެވެ.
މި ހަރަކާތުގެ ސަބަބުން އުފެދޭ ބިންހެލުން އުފެދެނީ ދުނިޔޭގެ ވަރަށް ފުނުގަ އެވެ. މިއީ ބިންހެލުން އުފެދުމަށް އާންމުކޮށް މެދުވެރިވާ ސަބަބެއް ނޫން ނަމަވެސް މި ހަރަކާތާ ގުޅިގެން އަންނަ ބިންހެލުން ވަރަށް ބާރުގަދަ އެވެ.
ބިންހެލުމާއި ލޮޅުމުގެ ތަފާތަކީ ކޮބާ؟
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އޭޖެންސީ، ޔޫއެސްޖީއެސްއިން ބުނާ ގޮތުގައި "އާފްޓާ ޝޮކް" ނުވަތަ ބިމަށް އަރާ ލޮޅުމަކީ ބިންހެލެން މެދުވެރިވި ފޮތިވަރުތައް އަލުން ހަމަޖެހެމުން ދާ ވަރަކުން އަރަމުން އަންނަ އެއްޗެކެވެ. އެފަދަ ލޮޅުންތައް އަރަމުން ދާނީ ބިންހެލުން އައި ސަރަހައްދާއި މާ ދުރު ނޫން ހިސާބުތަކަށެވެ.
ފުރަތަމަ އަންނަ ބިންހެލުމަށް ވުރެ އެއާ ގުޅިގެން އަރާ ލޮޅުންތަކުގެ ބާރު ދަށްވި ކަމުގައި ވީނަމަވެސް އަސްލު ބިންހެލުމުން ލިބުނު ގެއްލުމަށް ވުރެ އެފަދަ ލޮޅުންތަކުން ލިބޭ ގެއްލުން ގިނަފަހަރު މާބޮޑެވެ. މިދިޔަ ހަފްތާގައި ތުރުކީ ވިލާތަށް ކުރިމަތިވި ކާރިސާގައި ވެސް އެންމެ ބޮޑެތި ގެއްލުންތައް ވެފައި ހުރީ ބިންހެލުމަށްފަހު އެރި ލޮޅުންތަކުގައި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ލޮޅުމުގެ ގެއްލުން އެހައި ބޮޑުވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ބިންހެލުމުގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތްތައް ފަދަ ތަންތަނަށް އެވާ ގެއްލުން، ފަހުން އަރާ ލޮޅުންތަކުގައި ބޮޑުވެ އެތަންތަން ފުނޑުފުނޑުވެގެން ދިއުމަށް މެދުވެރި ކުރުވާތީ އެވެ. މިފަދައިން އަރާ ލޮޅުންތަކުގައި އަސްލު ބިންހެލުމުގައި މަރުވާ މީހުންނަށް ވުރެ ގިނަ މީހުންގެ ފުރާނަތައް ގެއްލިގެން ދެއެވެ.
ބިންހެލުމަށްފަހު އަންނަ ލޮޅުމުން ކުރާ އަސަރު ބޮޑުވާ އަނެއް ސަބަބަކީ ބިންހެލުން އުފެދެނީ ބޮނބިގަނޑު ފަށަލައިގައި ކަމަށް ވިޔަސް އެއާ ގުޅިގެން އަރާ ލޮޅުމަކީ އެއަށްވުރެ ދުނިޔޭގެ ތޮށިގަނޑާ ކައިރިން ނުވަތަ ތޮށިގަނޑުގެ ތެރެއިން އުފެދޭ އެއްޗެއް ކަމުގައި ވުމެވެ. އެހެންކަމުން ލޮޅުމުގެ ބާރު ބިންހެލުމަށްވުރެ ކުޑަ ވިޔަސް އޭގެ އަސަރު މީހުންނަށާއި ތަންތަނަށް ކުރާ މިންވަރު މާބޮޑުވެ އެވެ.
އެހެންކަމުން ބިންހެލުން އަންނަން މެދުވެރިވާ ސަބަބާއި ބިންހެލުން އައުމަށްފަހު ވާގޮތް އަހަރުމެންނަށް މިހާރު އެނގިގެން ހިނގައްޖެ އެވެ. ދުވަހަކަށްވުރެ ދުވަހެއް ދުނިޔެއަށް އަންނަ ބިންހެލުންތައް އިތުރުވެ އޭގެ ބާރުގަދަ ވަމުން އަންނަ އިރު، ވަރަށް ކައިރި މުސްތަގުބަލެއްގައި މީގެ ކުރިން ދުވަހަކުވެސް ދުނިޔެ ނުދެކޭ ފަދަ ޒަލްޒަލާއެއް ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސައިންސުވެރިން ދަނީ ބުނަމުންނެވެ.










