ވޮޝިންޓަން (ފެބްރުއަރީ 11) - ޗައިނާއިން ކުރިއަށް ގެންދާ ކަމަށް ބުނާ ޖާސޫސީ ބެލޫން އޮޕަރޭޝަންގެ މައުލޫމާތު އެ ގައުމުގެ ރައީސް ޝީ ޖިންޕިން އަށް އިނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.
އެމެރިކާއިން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުން ބަޑިޖަހާ ވައްޓާލިި ޖާސޫސީ ބެލޫނަކީ ޗައިނާއިން ފުޅާ ދާއިރާއެއްގައި ހިންގާ ޖާސޫސީ އޮޕަރޭޝަނެއްގެ ދަށުން ފޮނުވި އުޅަނދެއް ކަމަށެވެ.
މި މައުލޫމާތު އެމެރިކާގެ އަސްކަރިއްޔާއިން ހިއްސާކޮށްފައި ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށެވެ.
އަސްކަރީ މާހިރު ބުނާ ގޮތުގައި ފަހުގެ ތާރީހުގައި ޗައިނާގައި އުފެދުނު އެންމެ ބާރުގަދަ ވެރިޔާ، ޝީ އަށް ބެލޫން އޮޕަރޭޝަނުގެ މައުލޫމާތު ނޭނގޭނަމަ އެއީ އަސްކަރީ ފެއިލިއެއް ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ހާމަކުރި މައުލޫމާތަކީ ދޮގެއް ނަމަ އެނގިގެން ދަނީ މި އޮޕަރޭޝަނުގެ ސަބަބުން އެ ގައުމާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ކުރާނެ އަސަރު ރަނގަޅަށް ވަޒަންނުކުރެވި އޮތުން ކަމަށް ވެސް މާހިރުން ބުނެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން މި މަހުގެ ފަސް ވަނަ ދުވަހު ޗައިނާއަށް ކުރައްވަން އޮތް ދަތުރު ކެންސަލްކުރެއްވީ އެމެރިކާގެ ވައިގެ ސަރަހައްދުން ބެލޫން ފެނުމުގެ ސަބަބުންނެވެ. މިއީ ޗައިނާ އަދި އެމެރިކާއާ ދެމެދު ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެކެވެ.
ޖާސޫސީ ބެލޫންއާ ގުޅިގެން ޗައިނާއިން ބުނީ އެއީ އަމިއްލަ ކުންފުންޏަކުން މޫސުމީ ތަހުލީލަށް ގެންގުޅޭ އުޅަނދެއް ކަމަށެވެ. ނަމަވެސް އެމެރިކާގެ އިސް ސަލާމަތީ އޮފިޝަލަކު އިއްޔެ އެ ގައުމުގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެމެރިކާއިން ބަޑިޖަހާ ވައްޓާލީ ޖާސޫސީ ބެލޫނެކެވެ. އަދި އެ ބެލޫނަކީ ޗައިނާގެ ޖާސޫސީ އޮޕަރޭޝަނުގައި ބޭނުންކުރާ ފްލީޓުގެ އެއް އުޅަނދު ކަމަށާއި އެ ފްލީޓުގައި ހިމެނޭ އެހެން ބެލޫންތައް ބޭނުންކޮށްގެން ޗައިނާއިން މިހާތަނަށް 40 ގައުމެއްގެ މަތިން އުދުހި ޖާސޫސްކޮށްފައިވާ ކަމަށެވެ.










