ބާސެލޯނާ (ފެބްރުއަރީ 10) - މީގެ ދެ އަހަރު ކުރިން ބާސެލޯނާގެ ރައީސް ކަމަށް ޔޮއާން ލަޕޯޓާ އިންތިހާބުވިއިރު، އެ ކްލަބް މާލީ ގޮތުން އަޑިގަނޑެއްގެ ތެރޭގައި އޮތް ނަމަވެސް މިހާރު އެ ކްލަބް އޮތީ ހިންދެމިލައިގެން ކުރިއަށް ދެވޭ ވަރަށް ހާލަތު ރަނގަޅުވެފައި ކަމަށް ވިދާޅުވެއްޖެ އެވެ.
ސްޕެއިނުގެ ވިޔަފާރި ދާއިރާގައި ވެސް ނަން ހިނގާ ލަޕޯޓާ ވަނީ ބާސެލޯނާގެ ރައީސްގެ މަގާމު، 2003-2010 އަށް ފުރުއްވައިފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ކްލަބްގެ ރައީސްގެ މަގާމަށް އިންތިހާބުވީ 2021 ވަނަ އަހަރު މާޗް މަހު އެވެ.
އަލުން ބާސެލޯނާއާ ހަވާލުވެ، ލަޕޯޓާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރަން ކުރަން ޖެހުނު މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ނުތަަނަވަސްކަމެއް ކުރިމަތިވީ ކޮންޓްރެކްޓް އާ ނުކުރެވިގެން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، ޕީއެސްޖީ އަށް ދޫކޮށްލަން ޖެހުމެވެ. ޓީމުގެ ސީނިއާ ކުޅުންތެރިން ކައިރީގައި ކޮންމެ އަހަރަކު މުސާރަ ކުޑަކުރަން އަންގަން ޖެހުނުއިރު، ކްލަބްގެ ގިނަ ހިއްސާތަކެއް ވިއްކައި، މުހިންމު އެހެނިހެން ސްޕޮންސަޝިޕް ޑީލްތައް ނިންމުމެވެ.
"ވަރަށް ރަނގަޅަށް ފަރުވާތެރިކަމާ އެކު ކުރެވުނު މަސައްކަތުން ބާސެލޯނާގެ ހާލަތު ބަދަލުކުރެވިއްޖެ، އަހަރެމެންނެއް ދެން ނުޖެހޭނެ އާ ކުޅުންތެރިން ގަންނަން ޓީމުގައި ތިބި ކުޅުންތެރިން ވިއްކާކަށް، މިހާރު މި ތިބީ އެ ހާލަތުން އަރައިގަނެ، ބޭނުންވާ ކުޅުންތެރިއަކު ގަންނަން މާކެޓަށް ނުކުމެވޭ ހާލަތުގައި،" ލަޕޯޓާ ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރު ބާސެލޯނާ މާލީ ގޮތުން، ނުރަނގަޅު ހާލަތެއްގައި އޮތްއިރު، އެ ކްލަބް ގަވާއިދުގެ ތެރެއަށް ފައްތަން ސްޕެެނިޝް ލީގު ހިންގާ، އެލްއެފްޕީން ވަނީ ބާސެލޯނާ އަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެކަމަކު، އެ ހުރިހާ ކަމަކުން ވެސް މިހާރު ބާސެލޯނާ އޮތީ ސަލާމަތުގެ އައްސޭރީގައި ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.
"މައްސަލަ އަކަށް ވަނީ އަހަރެެމެންނާ ހަމައިން ކޮންމެ ފަހަރަކު ވެސް ލަލީގާ އިން ގަވާއިދުގެ އާ މާއްދާއެއް އެބަ ނަގާ. ކޮންމެ ފަހަރަކު ލަލީގާ އިން މި ދައްކަނީ އާ ހުއްޖަތެއް، މި ހުރިހާ ކަމެއްގެ ތެެރެއިން ވެސް ހައްލުތަކެއް ހޯދުނީތީ މި ހުރީ އުފަލުން،" ލަޕޯޓާ ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކްލަބްގެ މާލީ ހާލަތު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަނގަޅަށް ބޭއްވުމަށް މި ސީޒަނަށް ފަހު ވެސް ބާސެލޯނާ އިން ކުޅުންތެރިންގެ ކޮންޓްރެކްޓަށް ބަދަލު ގެންނާނެ ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.
އެ ގޮތުން، ވަކި އަދަދަކަށް ކުޅުންތެރިންނަށް ދޭ މުސާރަ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ސެލަރީ ކެޕްގެ ތެރެއިން ހުރިހާ ކަމެއް ކުރާނެ ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.












