ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 އަށް ހދ. ނައިވާދޫން މި އަހަރު ވެސް ތައްޔާރުވާން ފެށިއިރު، ގެންގުޅު އެއް ސްލޯގަން އަކީ "އެންމެން އެކުގައި" މި އެވެ. އެ ޓީމުން އެ ރޫހުގައި މުބާރާތަށް ރަނގަޅަށް ތައްޔާރުވެ، އަޒުމު ކަނޑައަޅާފައިވަނީ ކުރިން ފަހަރުތަކަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށެވެ.
ރާއްޖޭގެ ލެވަލް އަށް ބަލާއިރު، ރަށަށް ނިސްބަތްވާ، އެންމެ ރަނގަޅު ފެންވަރުގެ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ ގޮތަށް ނައިވާދޫ ޓީމު އޮތީ އެކުލަވާލައިފަ އެވެ.
އެ ގޮތުގެ މަތިން، ކުރިން ފަހަރުތަކަށް ވުރެ، ޓީމު ރަނގަޅު ކުރަން ކުރެވޭނެ ގިނަ ކަންތައްތަކަށް ވިސްނައިގެން މަސައްކަތް ކޮށް، ޕްރެކްޓިސް ފަށައި، މުބާރާތަށް ތައްޔާރުވާން ފެށީ ފުޓްސަލް މުބާރާތްތަކުން ކުރިން ފާހަގަވި މިހާރު ކޯޗިން އިން ކުރިއަށްދާން އަމާޒު ހިފާފައިވާ، އަލީ ފަހުމީގެ އިރުޝާދުގެ ދަށުންނެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނައިވާދޫން ކުޅޭ ފަސް ވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން ވަނީ 2016، 2018، 2019 އަދި 2022 ވަނަ އަހަރު ވާދަކޮށްފަ އެވެ. މީގެއިން ކޮންމެ ފަހަރެއްގައި ވެސް އަތޮޅު ޗެމްޕިއަނަކީ އެ ރަށެވެ. މީގެ ކުރިން ނައިވާދޫން ވަނީ ނޮކައުޓް ބުރުގައި ވެސް ކުޅެފަ އެެވެ.
ނައިވާދޫ ޓީމުގެ މެނޭޖަރު ބުނީ މި ފަހަރު ޓީމުގެ ޓާގެޓަކީ ކުރިން އަހަރުތަކަށް ވުރެ ރަނގަޅު ހިސާބަކަށް ދިއުން ކަމަށާއި އެކަން ހާސިލްކުރަން މުޅި ޓީމު އެކުގައި މަސައްކަތް ފަށައިގެން މިހާތަނަށް ކުރެވުނު ކަންކަމަށް ބަލާއިރު އިތުބާރު އެބައޮތް ކަމަށެވެ.
"ސްޓެޕަކަށް ފަހު ސްޓެޕެއް ކުރިއަށްދެވޭނެ ކަމަށް މި ބަލަނީ،" އޭނާ ބުންޏެވެ.

ނައިވާދޫ ޓީމުގެ ހޯމް ޖޯޒީ ސްޕޮންސަ ކޮށްދިން ފަރާތުން ޖޯޒީ ހަވާލުކުރުން.
އެ ގޮތުން، ކާމިޔާބު ހޯދަން ކުރާ ކަންކަމަށް ބަލާއިރު، ނައިވާދޫ ޓީމަކީ އެންމެންގެ ބައިވެރިވުން އޮވެގެން އެކުލަވާލެވޭ ޓީމެއްގެ ގޮތުގައި ހަމަޖެއްސުމަށް ވިސްނުމެއް ގެންގުޅުނެވެ. އެ ޓީމުގެ މެނޭޖަރު ބުނީ ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާ ކޮންމެ ބަޔަކު ވެސް ދޭނީ ޓީމަށް ފައިސާގެ އެހީތެރި ކަމެކޭ އެއްވަރަށް އަދި އެ އަށް ވުރެ ބޮޑަށް ކޮންްމެވެސް ކަމެއް ކަމެވެ.
"މިސާލަކަށް އެއް ސްޕޮންސަރު ހޯމް ޖޯޒީ، ނޫނީ އަނެއް ސްޕޮންސަރު އަވޭ ޖޯޒީ. ދެން އެހެން ބަޔަކު ކޮންމެވެސް އެހެން ކަމެއް، މިހެން ގޮސް ޓީމު މި އައީ އެކި މީހުން ކޮށްދޭ ކަންތައްތަކާ އޭގެ އެހީގައި. އެއީ ހަގީގަތުގައި މި ޓީމު ކުރިއަށް ގެންދަން އެންމެންގެ ބައިވެރިވުން އޮތުމުގެ ބޭނުމުގައި އައި ވިސްނުމެއް،" އޭނާ ބުންޏެވެ.
ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖާއި ރާއްޖޭގެ އެންމެ މަޝްހޫރު ގިނަ ފުޓްސަލް މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން ނާވައިދޫ ޓީމުގައި ހުރުމަކީ މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ދާން ފަސޭހައެއް ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ.
އެ ގޮތުން، ނައިވާދޫ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ފުޓްސަލް ގައުމީ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން ފުޓްސަލް ގަވާއިދުން ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވާ ޔާމީން މުހައްމަދު (ޔާންޓެ) އަދި އަހުމަދު ހަމީދު (އައްމަޑޭ) ހިމެނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގައި ނައިވާދޫ ހިމެނެނީ ނޮޅިވަރަންފަރާއި ހިރިމަރަދޫ އަދި ނޭކުރެންދޫއާ އެކު ދެ ވަނަ ގްރޫޕްގަ އެވެ. ނައިވާދޫގެ ފުރަތަމަ މެޗުގައި މިރޭ 10 ޖަހާއިރު ކުޅޭނީ ނޮޅިވަރަންފަރާ އެކުގަ އެވެ.












