ވޮޝިންޓަން (ފެބްރުއަރީ 08) - މި އަހަރުގެ ރިޔާސީ ބަޔާނުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަރުގަދަ، ސީދާ އިންޒާރުތަކެއް ޗައިނާއަށް ދީފި އެވެ.
ބައިޑެންގެ އިންޒާރުތަކެއް ދީފައިވާއިރު، މި ހަފުތާގެ ތެރޭގައި ޗައިނާގެ ޖާސޫސީ ބެލޫނެއް ކަމަށް ބެލެވޭ އުޅަނދެއް އެމެރިކާގެ ވައިގެ ސަރަހައްދުން ވަނީ ފެނިފަ އެވެ. އެ ބެލޫން މި މަހުގެ ފަސް ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ބަޑި ޖަހާ ވައްޓާލީ ބައިޑެންގެ އޯޑަރަށެވެ.
ބުދަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ބައިޑެންގެ އިންޒާރުތައް ސީދާ އަމާޒުކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށެވެ. މިއީ ބައިޑެންގެ އާންމު އުސޫލާ ހިލާފު ކަމެއް ކަން ގިނަ ރިޕޯޓުތަކުން ފާހަގަކުރެ އެވެ.

އެގޮތުން ބައިޑެން ވިދާޅުވީ އެމެރިކާ އަދި އެ ގައުމުގެ އިއްތިހާދީ ބާރުތަކުގެ އަސްކަރީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މިހާރު އެ ގައުމު އޮތީ ޗައިނާއާއި ވާދަކޮށް ދޭން ޖެހޭ ޖަވާބެއް ދެވޭނެ ހާލަތުގައި ކަމަށެވެ.
"ޗައިނާއިން އެމެރިކާގެ މިނިވަންކަމާއި ސިޔާދަތައް ގެއްލުމެއް ދޭން އުޅެފި ނަމަ ޖަވާބުގައި ދޭން ކުރަން ޖެހޭ ކޮންމެ ކަމެއްވެސް ކުރާނަން، އެ ނޫން އެއްވެސް ގޮތަކަށް ހީނުކުރައްވާތި," ބައިޑެން ވިދާޅުވި އެވެ.
އެމެރިކާގެ ހުޅަނގު ބިތުން އިރަށް ދަތުރުކުރަމުންދިޔަ އެ ބެލޫނާއި ގުޅިގެން ޗައިނާއިން ބުނެފައިވަނީ އެއީ އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައިވާ އުޅަނދަކީ އެ ގައުމުން މޫސުމީ ތަހުލީލުތައް ކުރަން ބޭނުންކުރާ އުޅަނދެއް ކަމަށާއި، އެ އުޅަނދު އެމެރިކާގެ ވައިގެ ސަރަހައްދަށް ގޮސްފައިވަނީ ކޮންޓްރޯލް ނެއްޓިގެން ކަމަށެވެ.
ނަމަވެސް މި ބެލޫން ފެނުމާއެކު އެމެރިކާ އާއި ޗައިނާގެ ގުޅުން ގޯސްވެ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓޮނީ ބްލިންކަން ޗައިނާއަށް ކުރައްވަން އޮތް ރަސްމީ ދަތުރުފުޅު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ބްލިންކަން ޗައިނާ އަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ ފެބްރުއަރީ 5 ގަ އެވެ. އެ ދަތުރު ކެންސަލް ކުރެއްވުމަށް ފަހު އޭނީ ވަނީ ޗައިނާގެ ބެލޫނަކީ އެމެރިކާގެ މިނިވަންކަމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ވައްޓާލި ބެލޫނާ ބެހޭގޮތުން އެމެރިކާއިން އިއްޔެ އާންމުކުރި ތަފުސީލީ މައުލޫމާތުގައި ބުނެފައިވަނީ މި ބެލޫނަކީ ހަމައެކަނި އެ ގައުމަށް އަމާޒުކޮށް އުދުއްސި އުޅަނދެއް ނޫން ކަމަށާއި ދުނިޔޭގެ އެތައް ގައުމެއްގެ މަތިން އެފަދަ އުޅަނދު ދަތުރުކޮށްފައިވާ ކަމަށެވެ.










