ނިމިދިޔަ ޖެނުއަރީ މަހު އާސަންދައިގެ ހަރަދުތައް ހަތަރު ގުނަ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ސަބަބު އާސަންދައިން ހާމަކޮށްދީފި އެވެ.
އާސަންދައިން މިއަދު "އަދަދު"އަށް ބުނީ، އެ ކުންފުނި މެދުވެރިކޮށް ހޯދާ ހިދުމަތްތަކުގެ ބިލު، ހިދުމަތްދޭ ފަރާތުން ފޮނުވުމުން ޕްރޮސެސް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ.
ހަމައެއާއެކު ޖެނުއަރީ މަހު ހަތަރު ގުނަ ހޭދަކުރި ކަމަށް ދައްކަނީ ކުލީގެ ބިލްތަކަށް ފައިސާ ދައްކާފައި ހުރުމުން ކަމަށް ވެސް އާސަންދައިން ބުނެ އެވެ.
"ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވަލޮޕްމެންޓްސް ރިޕޯޓުގައި އެ ވަނީ 2022 އަދި 2023 ގެ ޖެނުއަރީ މަހު ފިނޭންސުން ފައިސާ ދައްކާފައިވާ ބިލުތަކުގެ އަދަދުން ޖުމުލަ ހަރަދުވީ ވަރު." އެއީ އާސަންދަ ސްކީމުން ޖެނުއަރީ މަހު ރައްޔިތުން ހޯދާފައިވާ ހިދުމަތްތަކަށް ހަރަދުވީ އަދަދު ނޫންކަން ފާހަގަކޮށް އާސަންދައިން ބުންޏެވެ.
ޖެނުއަރީ މަހު، މިދިޔަ އަހަރުގެ އެ މަހާ އަޅާ ބަލާއިރު ހަތަރު ގުނަ ހޭދަވި ކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ތުހުމަތު ކުރެއްވީ، ޖެނުއަރީ މަހު އެމްޑީޕީގެ އެތެރޭގެ އިންތިހާބެއް ބޭއްވުމާ ގުޅިގެން އާސަންދައިން ބޮޑު ހަރަދެއް ކުރީ ކަމަށެވެ.

"މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މި އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ހަތަރު ގުނައިން ބަލި މީހުން އިތުރުވެގެން ހިނގައްޖެ، ދެން އެއީ އެތެރޭގެ އިންތިހާބަކާ ގުޅިގެން އައި ބަދަލެއްތޯ ނުވަތަ ހަގީގަތުގައި ވެސް ބަލި މީހުން ގިނަ ވީތޯ،" ނަޝީދު ސުވާލު އުފެއްދެވި އެވެ.
ނަޝީދު މިފަދަ ތުހުމަތެއް ކުރެއްވުމާއެކު އާސަންދައިން ވަނީ މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އާސަންދައިން ހިދުމަތް ހޯދި މީހުންގެ އަދަދާއި، އެ މުއްދަތުގައި ހޯދި ހިދުމަތަށް އަރާ އަގުވެސް ހާމަކޮށްފަ އެވެ.

އޮކްޓޯބަރު 2022 އިން ޖެނުއަރީ 2023 އަށް އާސަންދައިން ހިދުމަތް ހޯދި މީހުން އަދި ހިދުމަތަށް ކުރި ހަރަދު
އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޖެނުއަރީ މަހު ހިދުމަތް ހޯދި މީހުންގެ އަދަދު މާބޮޑުތަނަކުން އިތުރެއް ނުވެ އެވެ. އަދި ކުރި ހޭދަ ވެސް މާބޮޑުތަނެއް އިތުރުވެފަ އެއް ނުވެ އެވެ.
ކުރީގެ ބިލްތަކަށް ފައިސާ ދައްކައިގެން ޖެނުއަރީމަހު އާސަންދައަށް ކުރި ހަރަދު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު، އެ މަހެއްގެ ޓްރާންސެކްޝަންތަކަށް ފައިސާ ދައްކަނީ ޖެހިގެން އަންނަ މަހު ކަމަށް އާސަންދައިން ބުނެ އެވެ.













