ދޯހާ، ގަތަރު (ފެބްރުއަރީ 7) - ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަށް ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ކާލޮސް ކުއެރޯޒް ހަމަޖައްސައިފި އެވެ.
މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންއާ އެކު މަސައްކަތްކޮށް، އޭގެ ފަހުން ރެއާލް މެޑްރިޑްގެ ކޯޗުކަން ވެސް ކުރި ކުއެރޯޒް، 69، އެންމެ ފަހުން ހުރީ އީރާންގެ ކޯޗެއްގެ ގޮތުގަ އެވެ.
ކުއެރޯޒް ވަނީ ފީފާ ވޯލްޑް ކަޕް 2014، 2018 އަދި 2022 ގައި އީރާނަށް ކޯޗުކޮށްދީފަ އެވެ. މިިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގައި ވެސް އީރާނަށް ގުރޫޕް ސްޓޭޖުން ސަލާމަތެއްނުވެވުނެވެ. ކުއެރޯޒް ކޯޗުކަމުން ވަކިވިީ ވޯލްޑް ކަޕަށް ފަހު އެވެ.
ތިރީހަށް ވުރެ ގިނަ އަހަރު ދުވަހުގެ ކޯޗިން ތަޖުރިބާހުރި، ކުއެރޯޒް ވަނީ ޕޯޗުގަލް، ދެކުނު އެފްރިކާ، ޔޫއޭއީ، ކޮލަމްބިއާ އަދި މިސްރަށް ވެސް ކޯޗުކޮށްދީފަ އެވެ.
ގަތަރުން ކުއެރޯޒް ކޯޗަކަށް މި ހަމަޖެއްސީ އެ ޓީމުގެ ކޯޗަކަށް ހުރި ސްޕެއިންގެ ފެލިކްސް ސަންޗޭޒް ކޮންޓުރެކްޓް ހަމަވުމާ އެކު، ކޮންޓުރެކްޓް އާނުކޮށް އޭނާ ދޫކޮށްލުމަށް ފަހު އެވެ.
އަމިއްލަ ގައުމުގައި މިިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ފުރަތަމަ ބުރުން ގަތަރު ލަދުވެތިގޮތަކަށް ކެޓިއިރު، ކޯޗަކަށް ހުރީ ސަންޗޭޒް އެވެ. ގުރޫޕް ސްޓޭޖުން ގަތަރު ކެޓިއިރު، އެ ޓީމަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ. މިއީ ވޯލްޑް ކަޕެއްގެ ހޯސްޓްގެ އެންމެ ދަށް ނަތީޖާ އެވެ.












