މާޒިޔާގެ އާ ކޯޗު ބޭނުމީ ސީރިއަސް މަސައްކަތެއް ކޮށް ދަނޑުމަތިން ޖަވާބުދޭން

Feb 7, 2023, 4:00 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު އިވާން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު އިވާން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާ ހަވާލުވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އެ ޓީމާ އެކު ސީރިއަސް މަސައްކަތްތަކެއް ކޮށް، ކުރިމަތިވާ ހުރިހާ ސުވާލަކަށް ޖަވާބުދޭން ބޭނުންވަނީ ދަނޑުމަތީގައި ނަތީޖާ ނެރެގެން ކަމަށް މާޒިޔާގެ އާ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފި އެވެ.

ޔޫރަޕާއި އޭޝިއާގައި ކޯޗިންގެ ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ އިވާން، 65، މާޒިޔާގެ ކޯޗުކަމާ ހަވާލުވެ، އިއްޔެ ވަނީ ކޮންޓްރެކްޓްގައި ސޮއިކޮށްފަ އެވެ.

އިވާން އަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް ކޯޗުކޮށްދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ.

"މާޒިޔާ އިން މި ފުރުސަތު ދިނީތީވެ ވަރަށް ބޮޑަށް އުފާކުރަން. އަހަރެން ވަރަށް ހިތްހަމަޖެހޭ މާޒިޔާއާ ދެކެވުނު ވާހަކަތަކާ މެދު، އެކަމަކު، އަހަރެން މަސައްކަތް ފެށުމުގެ ކުރިން މާ އިތުރު ވާހަކަތަކެއް ނުދައްކާނަން،" އިންޑޮނީޝިއާ އާއި މިޔަންމާ އަދި ބަލްގޭރިއާގެ 21 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދިން އިވާން ބުންޏެވެ.

"އަހަރެންގެ ވަޒީފާ އަށް ވާން ޖެހޭނީ މާ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، ސީރިއަސް މަސައްކަތްތަކެއް ކޮށް، ދަނޑުމަތީގައި ޖަވާބު ދިނުން. އެއީ ކޯޗެއްގެ މަސައްކަތް އޮންނަން ޖެހޭނެ ގޮތަކީ ވެސް، އަހަންނަށް ވެވޭނެ ވައުދަކީ ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދިނުން،"

އިވާން، މިޔަންމާގެ ޔަންގޮން ޔުނައިޓެޑާ ހަވާލުވެހުރިއިރު، ވަނީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓާ ކުޅެފަ އެވެ. އެ ގޮތުން، ނިއު އަތުން މާލޭގައި 3-1 އިން ބަލިވިއިރު، މިޔަންމާގައި ކުޅުނު މެޗުން ވަނީ 2-0 އިން މޮޅުވެފަ އެވެ.

އެ މެޗުތަކާއި ފަހުން ފަހަށް އައިސް، ރާއްޖޭގެ ފުޓްބޯޅައިން ފެނުނު ކަންކަމުގެ އަލީގައި އިވާން ރާއްޖޭގެ ކުޅުންތެރިންނާ ބެހޭގޮތުން ބުނީ "ހުނަރު އެބަހުރި" ކަމަށެވެ.

"ހަގީގަތުގައި މި ވަގުތު އަހަންނަށް ފެންނަ މަންޒަރުތަކުން ބުނެވޭނީ ރާއްޖޭގެ ކުޅުންތެރިންނަކީ ހުނަރުވެރި ކުޅުންތެރިންނޭ. އަހަރެންގެ ދެކޭ ގޮތުގައި އެކުގައި ގުޅިގެން ސީރިއަސްކޮށް މަސައްކަތް ކޮށްފިއްޔާ އަހަރެމެންނަށް ޓީމު ވަރަށް ރަނގަޅުކުރެވޭނެ. ކުރިއަށް ވުރެ މާ ވަރުގަދަ ވެސް ކުރެވޭނެ،" 40 އަށް ވުރެ ގިނަ އަހަރު ކޯޗިންގައި މަސައްކަތް ކޮށްފައިވާ އިވާން ބުންޏެވެ.

"މީގެ އޮތީ އެންމެ ގޮތެއް، އަހަރެމެން ޖެހޭނީ ވަރަށް ގަޔާވެގެން ސީރިއަސްކޮށް މި މަސައްކަތް ކުރުން. އަހަރެން ފުރަތަމަ ބަލާލަން ބޭނުމީ ކުޅުންތެރިން. އަހަރެން އެ ކުޅުންތެރިންގެ ސްކިލް އާއި ޓެކްނިކް ދެން ކޮމްބިނޭޝަން ބަލާފައި، އެ މީހުން ތިބި ކޮންޑިޝަނެއް ވެސް އެނގެން އެބަޖެހޭ،"

އިވާން މުޅިން ކަހަލަ ގޮތަކަށް އޭޝިއާ ފުޓްބޯޅައިގައި މަަސައްކަތް ކޮށްފައިވަނީ އާސިއާން ސަރަހަައްދުގެ ގައުމުތަކުގަ އެވެ. މާޒިޔާ އަކީ އިވާން ދެކުނު އޭޝިއާގެ ކްލަބަކަށް ކޯޗުކޮށްދޭނެ ފުރަތަމަ ފަހަރެވެ.

އިވާން ބުނީ އޭޝިއާގައި މަސައްކަތް ކުރާއިރު، އޭނާ އަބަދުވެސް ކުޅުންތެރިންނަށް ވިސްނައިދެނީ މި ބައްރުގެ އެންމެ މައްޗަށް ދެވޭނީ ކިހާ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

"ވަރަށް މުހިންމު ކަމެއް، ޓީމުގެ ކުޅުންތެރިން އެބަ ވިސްނަން ޖެހޭ އޭޝިއާ ލެވަލްގެ އެންމެ މައްޗަކީ ކޮބައިތޯ، މިސާލަކަށް ޖަޕަނީސް ފުޓްބޯޅަ، ކޮރެއާ ފުޓްބޯޅަ، ޗައިނީސް ފުޓްބޯޅަ، (ސައުދީ) އަރަބިއްޔާ ފުޓްބޯޅަ، އަހަރެމެން ކުރިއަރަންޏާ މަޑުމަޑުން އެ ހިސާބަށް ހުނަރުގެ ބޭނުން ހިފައިގެންދާންވީ. މި ހުރިހާ ކަމެއް ކުރެވޭނީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރެވިގެން، އެކުގައި އެންމެން ތިބެގެން،" އިވާން ބުންޏެވެ.

"މި ޓީމާ (މާޒިޔާއާ) އެކު އަހަރެން ބޭނުންވާ ގޮތެއް އެނގޭނީ ކުޅުންތެރިންނާ އެކު ކޮންމެ ވެސް ވަރަކަށް މަަސައްކަތް ކޮށްލެވުނީމަ، އެ އަށް ފަހު ތި ސުވާލަށް ޖަވާބު ދެވޭނެ،"

މާޒިޔާ އިން އާ ސީޒަަނަށް ޕްރީ ސީޒަން ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox