މިއުނިކް (ފެބްރުއަރީ 6) - ޖަރުމަނު ލީގުގައި މިރޭ ކުޅުނު މެޗުން، ވުލްފްސްބާގާ ދެކޮޅަށް ބަޔާން މިއުނިކްގެ ޔޯސުއާ ކިމިކަށް ރަތް ކާޑު ދެއްކި ނަމަވެސް މެޗުން 4-2 އިން މޮޅުވެ، ބަޔާނުން އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މި އަހަރު ފެށި ފަހުން، ބަޔާނުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗު އެއްވަރުވި ނަމަވެސް އެ ޓީމު އަންނަނީ މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ.
ބަޔާން މި މެޗަށް ނުކުތްއިރު އޮތީ ދެ ވަނައިގަ އެވެ. އެއީ ރޭ ޔޫނިއަން ބާލިން ކުޅުނު މެޗުން 2-1 އިން މައިންޒް ބަލިކުރުމުންނެވެ. އެކަމަކު، ބަޔާނުން މިރޭ ވުލްފްސްބާގާ ދެކޮޅަށް ކުޅެ މޮޅުވެގެން ވަނީ އަލުން އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބަޔާނަށް 19 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ޔޫނިއަން ބާލިން އަށް ވަނީ 19 މެޗުން 39 ޕޮއިންޓް ލިބިފަ އެެެވެ.
ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑްގެ އޮތީ 19 މެޗުން 37 ޕޮއިންޓެވެ. ހަތަރެއްގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ 19 މެޗުން 36 ޕޮއިންޓް ލިބިފަ އެެވެ.
ވުލްފްސްބާގް ދަނޑުގައި ކުޅުނު ނަމަވެސް ބަޔާނުން ވަނީ 19 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. އެ ގޮތުން ފުރަތަމަ ދެ ގޯލު ޖެހީ ކިންގްސްލީ ކޯމަން އެވެ. ކޯމަންގެ ފުރަތަމަ ލަނޑަކީ ހުރަހެއް ކުރަން ނެގި ބޯޅަ ގޯލަށް ވަދެގެން ޖެހި ލަނޑެކެވެ. ދެ ވަނަ ގޯލު ޖެހީ ޖާއޯ ކަންސޭލޯ ނެގި ހުރަހަކުން ވޮލީ އަކުންނެެވެ. ކިމިކް ނެގި ހިލޭ ޖެހުމަކުން ބަޔާންގެ ތޯމަސް މުލާ ބޮލުން ގޯލަށް ބޯޅަ ވައްދާލައި، މެޗުގެ 19 ވަނަ މިނިޓްގައި އެ ޓީމަށް ތިން ގޯލުގެ ލީޑެއް ނަގައިދިނެެވެ.

ބަޔާންގެ ކިމިކް (ވ) ވުލްފްސްބާގްގެ މެކްސް އާނޯލްޑް (މ) އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
ބަޔާނަށް ކުރިން ކޯޗުކޮށްދިން ނިކޯ ކޮވަޗްގެ އިރުޝާދުގެ ދަށުން ކުޅޭ ވުލްފްސްބާގަށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ބަޔާން އޭރިއާތެެރެއިން ޔަކޫބް ކަމިންސްކީ ވަނީ ގޯލެއް ޖަހައިދީފަ އެވެ.
ދެ ވަނަ ހާފްގެ ކުުޅުން ފެށިގެން 10 މިނިޓް ތެރޭ، ބަޔާންގެ ކިމިކަށް ރަތް ކާޑު ދެއްކީ ވުލްފްސްބާގް މެކްސް އާނޯލްޑަށް ކުރި ފައުލަކަށް ދެ ވަނަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ބަޔާނުން ވަނީ މެޗުގެ 73 ވަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައިފަ އެވެ.
މެޗުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ޒުވާން ފޯވާޑް، ޖަމާލް މުސިއާލާ އެވެ. އެކަނިމާ އެކަނި ބޯޅަ ހިފައިގެން ވުލްފްސްބާގް ޑިފެންސް ތެރެއިން ގޮސް އޭރިއާތެރެއަށް ވަދެ، މުސިއާލާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ބަޔާން އޭރިއާތެރެއިން ވުލްފްސްބާގްގެ މަޓިއަސް ސްވެންބާގް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އިތުރު ގޯލެއް ޖަހަން ވުލްފްސްބާގުން ކުރި މަސައްކަތް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އެ ޓީމުން ޖެހި ތިން ވަނަ ގޯލު ބަލައިނުގަންނާށެވެ. އެހެންވެ، އެ އޮތް ގޮތަށް މެޗުގެ ކުޅުން ނިމި، މި އަހަރު ލީގުގައި ފުރަތަމަ ފަހަރަށް، ބަޔާނުން ތިން ޕޮއިންޓް ޔަގީންކުރީ އެވެ.












