ހެއިޓީގައި ހަރަކާތްތެރިވާ ގޭންގުތަކުން އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން ކެނެޑާއިން އަސްކަރީ އެއާ ކްރާފްޓެއް ފޮނުވައިފި އެވެ.
ކެނެޑާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެއިޓީގެ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގެ ރޯޔަލް އެއާފޯސްގެ ޕެޓްރޯލް އެއާ ކްރާފްޓެއް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި މިއީ ހެއިޓީގެ އެދުމުގެ މަތިން ފޮނުވި އުޅަނދެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކެނެޑާއިން ފޮނުވި އެއާ ކްރާފްޓުގެ އެހީގައި ގޭންގުތަކުގެ ހަރަކާތްތަކާ ބެހޭ ގިނަ މައުލޫމާތު ހެއިޓީގެ ފުލުހުންނަށް އެއްކުރެވޭނެ ކަަމަށެވެ. އޭގެ ސަބަބުން މިހާރު ހެއިޓީގެ ފުލުހުން ގޭންގުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ކެނެޑާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ދެހާސް އެއް ވަނަ އަހަރު ހެއިޓީގެ އޭރުގެ ރައީސް ޖޮވެނެލް މޮއިޒް އަވަހާރަކޮށްލުމަށްފަހު، އެ ގައުމުގެ ބޮޑު ބަޔެއް ކޮންޓްރޯލްކުރަމުން އަންނަނީ ހަތިޔާރު އެޅި ގޭންގުތަކުންނެވެ. މޮއިޒް އަވަހާރަކޮށްލީ ކޮން ބަޔެއްކަން ކަށަވަރު ނުކުރެވޭ ގްރޫޕަކުން ދިން ބަޑީގެ ހަމަލާއަކުންނެވެ. އޭރު އެ މަނިކުފާނު ހުންނެވީ އަމިއްލަފުޅު ގެކޮޅުގަ އެވެ.
ހެއިޓީގެ ހާލަތު ގޯސް ނަމަވެސް ގިނަ ގައުމުތަކުން އެ ގައުމުގެ ސަރުކާރަށް ސީދާ އަސްކަރީ އެހީވުމަށް ވަނީ ފަސްޖެހިފަ އެވެ. ނަމަވެސް އަވަށްޓެރި ޖަމައިކާއިން ވަނީ ގޭންގުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިބުމަށް ސިފައިން ފޮނުވާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.
ކެނެޑާއިން ހެއިޓީއަށް މިފަދަ އެހީއެއް ވެފައިވާއިރު އަންނަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ކެނެޑާއަށް ޒިޔާރަތް ކުރެއްވުމަށް ނިންމަވާފަ އެވެ. ބެލެވޭ ގޮތުގައި ބައިޑަންގެ މި ދަތުރުފުޅުގައި ހެއިޓީގެ ހާލަތާމެދު މަޝްވަރާ ކުރައްވާނެ އެވެ.










