މެންޗެސްޓާ (ފެބްރުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް، ލީގުގެ ތިން ވަނަ އަށް ޖެހިލިއިރު، ރަށުންބޭރުގައި 3-0 އިން ވުލްވްސް އަތުން ބަލިވެ، ލިވަޕޫލަށް ހިތްހަމަޖެހުމެއް ނުލިބި ކުރިމަތިވެފައިވާ އުނދަގޫ ހާލަތު ދިގުލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ވަނީ މިއަދު އެވަޓަން އަތުން ބަލިވެފަ އެވެ. މިއަދުގެ ނަތީޖާތަކަށް ފަހު، ލީގުގެ ގަދަ ހަތަރަކަށް ބަލާއިރު، އެއް ވަނައިގައި އާސެނަލް އޮތީ 20 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 20 މެޗުން ވަނީ 45 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ޔުނައިޓެޑް އޮތީ 21 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.
ވެސްޓް ހޭމް ޔުނައިޓެޑާ 1-1 އިން އެއްވަރުވި ނިއުކާސަލް ޔުނައިޓެޑް ހަތަރު ވަަނައިގައި އޮތީ 21 މެޗުން 40 ޕޮއިންޓާ އެކު އެވެ. ނިއުކާސަލް މޮޅުވިނަމަ ތިން ވަނަ އަށް އެރޭނެ އެވެ. އެކަމަކު، ކަލުމް ވިލްސަން ނިއުކާސަލް އަށް ލީޑުނަަގައިދިން މި މެޗުގައި ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ވަނީ އެ ޓީމަަށް އެއްވަރުކޮށްދީފަ އެވެ.
ޔުނައިޓެޑް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޔުނައިޓެޑަށް ލީޑުނަގައިިދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ކްރިސްޓަލް ޕެލަސްގެ ވިލް ހިއުސް އަތުގައި ބޯޅައިން ޖެހުނު ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. މެޗުގެ 62 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑްގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ ފަހު ވިއްސަކަށް މިނިޓް ޔުނައިޓެޑުން ކުޅެން ޖެހުނީ ޕްރެޝަރުގަ އެވެ. އެއީ 70 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކަަސެމީރޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ކަސެމީރޯ އަށް ރަތް ކާޑު ދެއްކީ ކުޅުންތެރިއަކަށް ހަމަލާ ދިނުމުންނެވެ. ޔުނައިޓެޑްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގަައި، މެޗުގެ 76 ވަނަ މިނިޓްގައި ޕެލަސްގެ ޖެފްރޭ ޝްލަޕް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހައި، މެޗުން ޕޮއިންޓެއް ލިބޭ ވަރަށް ޕެލަސް އަށް ނުކުޅެވުނެވެ.
މިއީ 2011 ވަނަ އަހަރުގެ ފަހުން، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 13 މޮޅު ހަމަކުރި ފުރަތަމަ ފަހަރެވެ.

ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ވުލްވްސްގެ މޮލިނިއެކްސް ސްޓޭޑިއަމްގައި މިރޭ އެ ޓީމުން ވަނީ 12 މިނިޓް ތެރޭ ލިވަޕޫލް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން ފަސް ވަނަ މިނިޓްގައި ވުލްވްސް އިން ފުރަތަމަ ގޯލު ޖެހިއިރު، މިއީ ވުލްވްސްގެ ހުވާން ހީ ޗާން ނެގި ހުރަހެއް ލިވަޕޫލްގެ ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 12 ވަނަ މިނިޓްގައި ލިވަޕޫލް އޭރިއާތެެރެއިން ލިބުނު ފުރުސަތަކުން ކްރެއިގް ޑޯސަން ވަނީ ވުުލްވްސް ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ.
ލިވަޕޫލްގެ ޑާވިން ނޫނޭޒަށް ގޯލު ޖަހަން ލިބުނު ދެ ހުސް ފުރުސަތުން ފޮނުވާލި ބޯޅަތައް ވެސް ވުލްވްސްގެ ކީޕަރު ހޯސޭ ސާ ވަނީ މަތަކޮށްފަ އެވެ. ވުލްވްސްގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ރުބެން ނެވޭސް އެވެ. މިއީ އެޑަމާ ޓްރައޯރޭ ދިން ބޯޅައަކަށް އޭރިއާތެރެއަށް ދުވެފައި ވަދެ، ހަމަޖެހިލައިފައި ނެވޭސް ޖެހި ގޯލެކެވެ.
މި މެޗުން ބަލިވުމާ އެކު ލިވަޕޫލަށް މޮޅެއް ނުލިބި ޖެހިޖެހިގެން ހަތަރު ލީގު މެޗު ނިމުނީ އެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. ލިވަޕޫލް ލީގުގެ 10 ވަނައިގައި އޮތީ 20 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ގަދަ ހަތަރަކާއި ލިވަޕޫލާ ދެމެދު 11 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ އަތުން ފަހަތުން އަރައި ލެސްޓާ ސިޓީ މޮޅުވީ 4-2 އިންނެވެ. ކައޯރޫ މިޓޯމާ ފަހު ވަގުތު ޖެހި ގޯލުން ބްރައިޓަން އިން ވަނީ 1-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. އަދި ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 3-0 އިން މޮޅުވެފަ އެވެ.












