ހަމައެއް އުސޫލެއް ނެތް ތުލުސްދޫ މޫދު؛ ފަތުރުވެރިންނަށް ބޮޑު ނުރައްކަލެއް

ތުލުސްދޫ އިރުއުތުރު ފަރާތުގައި އޮންނަ ބިކިނީ ބީޗު. އެ ސަރަހައްދުގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ތުލުސްދޫ އިރުއުތުރު ފަރާތުގައި އޮންނަ ބިކިނީ ބީޗު. އެ ސަރަހައްދުގައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ހުސްވި ހަފުތާގެ އާދީއްތަ ދުވަހެވެ. ތުލުސްދޫގެ އިރުއުތުރު ފަރާތު ބީޗުގައި ހޭލަމޭލައަށް މީހުން އުޅެމުން ދިޔައެވެ. އިރު މެދުޖެހެން އޭރު ހުރީ ގަޑިއެއްހާއިރެވެ. އެވަގުތަކީ އެތަނުގައި ހަރުގެތައް ޖަހައިގެން ފަތުރުވެރިންނަށް ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ މީހުންގެ ތެރެއިން އެއް ބަޔަކު ނުވަގަޑި ހަދާލަން އެއްފަރާތަށް ޖެހިލި ވަގުތެވެ. ނަމަވެސް ދެން ލިބުނީ ހިތާމަވެރި ހަބަރެކެވެ.

"އަހަރުމެން ތިބީ މިތަނުގައި ސައިބޯން، ތިއްބާ މޫދަށް އެރި އުޅުނު މީހުންގެ ތެރެއިން ބަޔަކު [އުރަފަށަށް] ބޭރަށް ނުކުންނާތީ މިއޮތް ކުޑަ ލޯންޗުގައި ބޭރަށް ނުކުމެ އެމީހުން [ތިލަ ހިސާބަށް] ފުރަތަމަ ވެއްދީ، ވައްދާފައި އައިސް ކޮފީބޯން އަހަރުމެން އިށީނީ،" މި ސަރަހައްދުގައި ވޯޓާ ސްޕޯޓްސް ހަރުގެއެއް ހިންގުމާ ހަވާލުވެ ހުރި، ހަސަން ސަލީމް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ފަރުގެ ބޭރުފަރާތުން އަޑި އެނގޭފަށް ކެނޑި ކަނޑަށް ފުންވެގެންދާ ހިސާބަށް އެރި އުޅުމަކީ ފަތުރުވެރިންނަށް މަނާ ކަމެކެވެ. އެހެން ނަމަވެސް، ކަނޑާއި ފަޅު ބެދޭ ހިސާބުގައި އެހުންނަ ޗާލުކަމާއި ރީތިކަމުގެ ސަބަބުން ފަތުރުވެރިންނަށް ދޭ އިންޒާރުގެ އަޑަށްވުރެ ލޮލުން ފެންނަ މަންޒަރަށް ފަތުރުވެރިންގެ ހިތްތައް ލެނބޭ ގޮތް ވަނީ އެވެ.

އެދުވަހު ވެސް ކަންތައް ހިނގައިދިޔައީ ހަމަ އެގޮތަށެވެ. ކަނޑިންމައިން ބޭރަށް ނުކުތް މީހުން އެތެރެއަށް ވައްދާފައި ސަލީމުމެންނަށް އައިސް ކޮފީ މޭޒުގައި އިށީނދެ ރަނގަޅަށް ހަމަޖެހި ނުލެވެ އެވެ. އަނެއްކާވެސް ފަތުރުވެރިންގެ ހަތަރު މީހަކު ފަތާފައި ހޭފަށަށް ނުކުތީ އެވެ.

މިރަށު މީހުން ބުނާ ގޮތުން ތުލުސްދޫގެ އުތުރުން އޮންނަ ކުޑަވިލިނގިއްޔާއި ދެމެދުގައި އެ އޮންނަ ކަނޑުއޮޅިއަކީ ވަރަށް އާންމުކޮށް ކޯމަސް އަރާ ތަނެކެވެ. އެތެރެއަށް ވެއްދި ފަތުރުވެރިންނަށް ދިން ނަސޭހަތުގެ އަޑު ނާހައި އަލުން ބޭރަށް ނުކުތީ އެ ކޯމަސްތަކުގެ އަވައިގައި ޖެހިގެންނެވެ. އެމީހުންގެ ކެމެރާތަކަށް އެމަންޒަރު ނަގައި ފަހަށް ރައްކާ ކުރާށެވެ.

"އަހަރުމެން ކޮފީ ބޯން ތިއްބާ ކުއްޖަކު ގޮވާފައި ބުނީ ވަރަށް އަވަހަށް އާދެބަލާށޭ، ބުނީމާ މިތަނުގައި އޮތް ޖެޓްސްކީއެއްގައި އަހަރެން ނައްޓާލީ، ގޮސް އެ ލޯންޗާ އަރާހަމަވި އިރަށް [ޑިންގީގައި ހުރި މީހާ] ބުނެފި ސަލީމްބޭއޭ ވަރަށް ސަކަރާތޭ، މީހާ މަރުވެފައޭ އޮތީ،" ސަލީމް ކިޔައިދިނެވެ.

މަރާމާތުގެ މަސައްކަތެއް ނިންމާލުމަށްފަހު ޓެސްޓު ކުރުމަށް ހުޅަނގުން އިރަށް ދުއްވާފައި އައި ޑިންގީގެ ދަށުވީ އުރަފަށަށް ނުނިކުތުމަށް ބުނެ ސަލީމުމެން ދިން އިންޒާރަށް ބެލުމެއް ނެތި ކަނޑާ ފަޅާ ބެދޭ ހިސާބަށް ފީނި ހަތަރު މީހުންގެ ތެރެއިން ޕޮލެންޑަށް އުފަން 52 އަހަރުގެ ފިރިހެނެކެވެ. އެ ހާދިސާގައި އެމީހާގެ އެއް އަތް ބުރިވެ ބަނޑުވެސް ވަރަށް ބޮޑަށް ކަފައިގެން ދިޔަ އެވެ. ޑިންގީގެ ބުރަފަތީގައި އެ މީހާ ޖެހުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހާ މަރުވި ކަމަށް ސަލީމް ބުންޏެވެ.

"ކަނޑުއޮޅި މެދަކާ ހިސާބުގައި އޭނާ އޮތީ، މިހުރީ މިތަނުގައި ދަމާ އޮއިވަރު، ހަމަ ޔަގީނުންވެސް އެދުވަހު މިތާ ކައިރިއަކު ކޯމަހެއް ނެތް،" ކަނޑުއޮޅިއާ ދިމާލަށް އިޝާރާތް ކުރަމުން ސަލީމް ބުންޏެވެ.

އަތުން ސަލީމް އެ އިޝާރާތް ކުރި ކަނޑުއޮޅީގައި އަޅާފައި ހުރި ބާރު އޮއިވަރު އަހަރުމެންނަށް ވެސް ފެނުނެވެ. އެ ކަނޑުއޮޅިން އެތައް ބައިވަރު އޮޑިލޯންޗުފަހަރު އޭރުވެސް ދުއްވަމުން ދިޔަ އެވެ. ނަމަވެސް، އަހަރުމެން އެތަނުގައި މަޑުކޮށްލައިގެން ތިބި ދޮޅު ގަޑިއެއްހައި އިރު ތެރޭގައި ވެސް ޖުމްލަ ހަތް ފަތުރުވެރިން ގަދަކަމުން އެތެރެއަށް ވައްދަން ޖެހުނެވެ.

ތުލުސްދޫ ބީޗުގައި ވޯޓާ ސްޕޯޓްސް ހަރެުގެއެއް ހިންގާ ހަސަން ސަލީމް އަދަދަށް މައުލޫމާތު ދެނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު
ތުލުސްދޫ ބީޗުގައި ވޯޓާ ސްޕޯޓްސް ހަރެުގެއެއް ހިންގާ ހަސަން ސަލީމް އަދަދަށް މައުލޫމާތު ދެނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ތުލުސްދޫ ބީޗުގައި ވޯޓާ ސްޕޯޓްސް ހަރެުގެއެއް ހިންގާ ހަސަން ސަލީމް އަދަދަށް މައުލޫމާތު ދެނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އާދީއްތަ ދުވަހުގެ އެ ހާދިސާއަކީ އެ ސަރަހައްދުގައި ހިނގި އެފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. ފާއިތުވީ ތިން އަހަރު ތެރޭގައި އެސަރަހައްދުގައި ތިން މީހުން މަރުވެއްޖެ އެވެ. އެ ތިން މަރުގެ ފަހަތުގައި ވެސް ވަނީ އެސަރަހައްދުގެ ގަދަ އޮއިވަރާއި ހޭފަށުގެ ރީތިކަމާއި އެތައް ބައެއްގެ އިހުމާލެވެ.

ފަތުރުވެރިންނަށް ހާއްސަކޮށްފައި އޮންނަ އެ ބީޗުގައި ލައިފްގާޑުންނެއް ނުތިބެ އެވެ. މީގެ ތިރީހަކަށް އަހަރު ކުރިން އެދިމާލުން ކަނޑާފައި ހުރި ނެރު މަތީގައި އަޅާފައި އޮތް ރަތް ބޮޔެއް ފިޔަވައި ސަލާމަތީ ނިޝާނެއް އެތަނުގައި ނެތެވެ. ފަތުރުވެރިން އުޅެނީ އެމީހަކާ އެމީހެކެވެ. ޒިންމާ ނަގާނެ އެއްވެސް މީހަކު ނެތެވެ. އެތަނުގައި ހަމައެކަނި ތިބެނީ އަމިއްލައަށް ބީޗުގައި ހަރުގެ ޖަހައިގެން އުޅޭ ސަލީމުމެން ކަހަލަ 10 ވަރަކަށް މީހުންނެވެ.

އެ ސަރަހައްދަކީ ފަތުރުވެރިން މޫދަށް އެރިއުޅުމަށް ހާއްސަ ސަރަހައްދެއް ނަމަވެސް، މޫދުކުޅިވަރާއި ސްނޯކްލިން ފަދަ އެކި ހަރަކާތްތަކަށް ކައިރި އެހެން ތަންތަނަށް މީހުން އުފުލާ ކުދި ލޯންޗުފަހަރާއި ޑިންގީތައް ވެސް އެ ބީޗަށް ކައިރި ކުރެ އެވެ. ލޯންޗުފަހަރު އެ ދިމާލަށް ވަދެގެން އަންނަން ފެށީމާ މޫދުގައި ތިބޭ ފަތުރުވެރިން އެއްފަރާތަކަށް ޖެހިލަނީ އެވެ.

ހުރިހާ އެއްޗަކީ "ބޯޖެހި ފައިސާއެއް ނޫން"

ތުލުސްދޫއަކީ މުޅި ރާއްޖެއަށް ބެއްޔަސް އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ އެއް ރަށެވެ. މި ރަށުގައި މިހާރުވެސް 32 ގެސްޓުހައުސް ހިންގަމުން ދެއެވެ. އޭގެތެރެއިން ހުރިހާ ގެސްޓުހައުސްއެއް ވެސް މިވަގުތު ހުރީ މުޅިންހެން ފުރިފަ އެވެ.

އެހައި ގިނަ އަދަދަކަށް ފަތުރުވެރިން މިރަށަށް ޒިޔާރަތް ކުރާއިރު ވެސް އެކަށީގެންވާ ވަރުގެ އުސޫލުތަކަކާއި ގަވާއިދުތަކެއް އެރަށުގައި ހެދިފައެއް ނެތެވެ. މީސްކޮޅު މަދު މިރަށުގައި ހުރި މައްސަލަތަކުގެ 90 އިންސައްތަ ގޮސް ގުޅެނީ ގެސްޓުންނަށް ހާއްސަކޮށްފައި އޮންނަ އަރައްކަލުގެ ހާއްޔާ އެވެ.

"އަސްލު ގެސްޓުހައުސްތަކުން އެބަޖެހޭ އަންގަން ގެސްޓުންނަށް [މޫދަށް އެރިގެން] ދެވޭނެ ހިސާބާއި އުޅެވޭނެ ސަރަހައްދު، ބޭރަށް ނުކުންނަންޏާ ގައިޑެއް ނަގަންޖެހޭނެ ކަން، އުސޫލެއް އޮންނަން ޖެހޭނެ،" ފާއިތުވި ދެއަހަރު ތުލުސްދޫގައި ފަތުރުވެރިންނަށް ހިދުމަތް ކުރުމުގައި ހޭދަކޮށްފައިވާ އަލީ ރުހުޝާން ބުންޏެވެ.

އޭނާ ބުނީ ގެސްޓުހައުސްތަކުން ގިނަފަހަރު ފަތުރުވެރިންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށް ނުދޭ ކަމަށާއި އެކަމުގެ ފަހަތުގައި ވެސް ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.

"މި ރަށުގެ ހުރިހާ ގެސްޓުހައުސްތަކެއްގައި ހެން ވެސް މިތިބެނީ ބިދޭސީ މުވައްޒަފުން، އެމީހުންނަކަށް އެކަށީގެންވާ ވަރަކަށް ބްރީފިންއެއް ނުދެވޭ، ސަބަބަކީ އޮއިވަރާއި ކަނޑަކީ ކޮންކަހަލަ ތަނެއްކަން ޚުދު އެމީހުންނަށް ވެސް ނޭނގުން،" ރުހުޝާން ބުންޏެވެ.

އެއްގަމަށް އަރައި ހިނގާލުމުން އަހަރުމެންނަށް ވެސް އެކަން ޔަގީން ކުރެވުނެވެ. އެންމެ ދެތިން ގެސްޓުހައުސް ފިޔަވައި ހުރިހާ ތަންތަނެއްގެ 100 އިންސައްތަ މުވައްޒަފުންނަކީ ބަންގުލަދޭޝް ރައްޔިތުންނެވެ.

މިރަށުގައި ގެސްޓުހައުސްއެއް ހިންގުމާ ހަވާލުވެ ހުރި މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ގެސްޓުހައުސްތަކުގައި ބިދޭސީން ގެންގުޅެނީ ހަރަދު ކުޑަ ކުރުމުގެ ވިސްނުމުގައި ކަމަށެވެ.

"މިސާލަކަށް ތިޔަހަރަ މީހާ މިތަނުގައި ލިނަން އެއްޗެހި ދޮންނާނީ ވެސް ބެޑުތައް އަޅާނީ ވެސް މުޅި މިސަރަހައްދު ކުނި ކަހާނީ ވެސް އަދި ނުވިތާކަށް ގެސްޓުންނަށް ކައްކާ ކާންދޭނީ ވެސް،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އެ ބިދޭސީ މީހާއަށް ދޭ މުސާރައަކީ އެންމެ 300 ޑޮލަރު ކަމަށެވެ. އެ އަގުގައި ދިވެއްސަކު އެ މަސައްކަތް ނުކުރާނެތީ ބިދޭސީން ގެންގުޅުމުގެ ވިސްނުން ގެސްޓުހައުސްތަކުގެ ވެރިން ގެންގުޅެނީ ކަމަށް އޭނާ ބުންޏެވެ.

ހަރަދު ކުޑަ ކުރުމުގެ ވިސްނުމުގައިވިޔަސް ގެސްޓުހައުސްތަކުގައި ގެންގުޅޭ ބިދޭސީންނަށް މޫދާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ރުހުޝާން ބުންޏެވެ.

"އެމީހުން ހަމައެކަނި ބުނާނީ މިއީ މޫދޭ، މިއޮތީ މާސްކޭ، ބިކިނީގައި ރަށުތެރެއަށް ނުދާށޭ، އެކަހަލަ ވާހަކަތަކެއް ދައްކާފައި ގެސްޓުން ދޫކޮށްލާނީ، އެމީހުން ނުބަލާނެ ގެސްޓުން ކުރަނީ ކޮން ކަމެއްތޯ ވެސް،" ރުހުޝާން ބުންޏެވެ.

"ގެސްޓުހައުސްތަކުން ހަމައެކަނި ކުރަންޖެހޭ ކަމަކީ ޕާސްޕޯޓު ނަގާފައި ރޫމް ދެއްކުމެއް ނޫން، އެމީހުންނަށް އެބަޖެހޭ މޫދަކީ ކިހިނެތްވާ ތަނެއްކަން ކިޔައިދޭން،"

ބިކިނީ ބީޗު ސަރަހައްދުން އެކްސްކާޝަނަށް ދާން ފަތުރުވެރިން ލޯންޗަކަށް އަރުވަނީ -- ފޮތޯ: މިރާން ނާޝިމް / އަދަދު
ބިކިނީ ބީޗު ސަރަހައްދުން އެކްސްކާޝަނަށް ދާން ފަތުރުވެރިން ލޯންޗަކަށް އަރުވަނީ -- ފޮތޯ: މިރާން ނާޝިމް / އަދަދު

ބިކިނީ ބީޗު ސަރަހައްދުން އެކްސްކާޝަނަށް ދާން ފަތުރުވެރިން ލޯންޗަކަށް އަރުވަނީ -- ފޮތޯ: މިރާން ނާޝިމް / އަދަދު

ރުހުޝާން ބުނީ ބައެއް މީހުންނަށް ހުރިހާ ވެސް އެއްޗަކީ ޑޮލަރު ކަމަށާއި މިހާރު އެރަށުގައި ކަން ހިނގާ މަގުން ކުރިއަށް ގެންގޮސްގެން ކުރިއަށް އޮތް ތަނުގައި ނުކުމެދާނެ ނަތީޖާއަކާ މެދު ވިޔަފާރިވެރިން ނުވިސްނާ ކަމަށެވެ.

"ދިވެހިންނަށް އެކަށީގެންވާ މުސާރަ ދީފައި ދިވެހިންނަށް ވަޒީފާތައް ދީބަލަ، އޭރުން އެމީހުން ގެސްޓުން ގޮވައިގެން ސްނޯކުލިން އަށް ވެސް ދާނެ، އެކްސްކާޝަނަށް ވެސް ދާނެ،" ކުރިމަގުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރަމުން ރުހުޝާން ބުންޏެވެ.

އާބާދީގައި 1500 އެއްހައި މީހުން ތިބޭ މިރަށުގެ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އެކަށީގެންވާ މިންވަރަށް ވަޒީފާ ނުލިބޭކަން ތުލުސްދޫ ކައުންސިލްގެ ރައީސް، އަސްލަމް މޫސާ ވެސް ފާހަގަ ކުރި އެވެ.

އަސްލަމް ވިދާޅުވީ އެރަށުގެ ޒުވާނުންގެ ތެރެއިން ގިނަ ކުދިން އެ ދާއިރާއަށް ޝައުގުވެރިކަން ހުރި ނަމަވެސް ގެސްޓުހައުސްތަކުގައި މަސައްކަތް ނުކުރަނީ އެކުދިންނަށް އެކަށީގެންވާ ވަރުގެ މުސާރައެއް އެތަންތަނުން ނުދޭތީ ކަމަށެވެ.

"އެ ދެނީ ހަމަ ބިދޭސީއަކަށް ވެސް ދޭ މުސާރަ، 200 ޑޮލަރު ނުވަތަ 300 ޑޮލަރު، އެވަރުން އެ ކުދިން ކޮފީ ބޯލައިހައި ވެސް ނުވާނެ ނޫންތޯ؟،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ބުނީ ގެސްޓުހައުސްތަކުގައި ބިދޭސީން ގުންގުޅުމަކީ އެކަމާ ކައުންސިލުން ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި، ކޮންމެ ގެސްޓުހައުސްއެއްގެ 30 އިންސައްތައަކީ ދިވެހިންނަށް ހެދުމަށް ގެސްޓުހައުސްތަކަށް މިހާރު އަންގާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމައެއް ލަމައެއް ނެތް، ޒިންމާ ނަގާނީ ކާކު؟

މި ރިޕޯޓަށް ކުރިން މައުލޫމާތު ދިން ސަލީމް ބުނީ ކޮންމެ ދުވަހަކު ވެސް ބިކިނީ ބީޗު ސަރަހައްދުން ދެތިން މީހުން ގެނބިގެން ނުވަތަ އޮޔާ ދަމައިގެން ސަލާމަތް ކުރާ ކަމަށެވެ. އެއީ ފަރުދީ ޒިންމާގެ ދަށުން އެމީހުން ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"މިތަނުގައި އަހަރުމެން ނުތިބޭނަމަ މިހާރު ސާޅީހަކަށް ފަންސާހަކަށް މީހުން މަރުވެދާނެ، އެހެނެއް ނޫން ދޯ، ކައުންސިލުން ނޫނީ ގެސްޓުހައުސްތަކުން ޖެހޭނެ މިތަނުގައި ބައިތިއްބަން ލައިފްގާޑުން،" ސަލީމް ބުންޏެވެ.

އޭގެއިތުރުން ގެސްޓުހައުސްތަކުގައި ގެންގުޅޭ މުވައްޒަފުންނަށް ވެސް ފަތަން ދަސްކޮށްދޭ ކޯހާއި ލައިފްގާޑު ކޯސްތައް ހިންގައި ތަމްރީނު ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން ކައުންސިލުގެ ފަރާތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ގެސްޓުހައުސްތަކާ އެކު މަޝްވަރާ ކުރެވުނު ކަމަށާއި އެ މަޝްވަރާތަކުން މައްސަލައަށް ހައްލެއް ލިބޭ ގޮތް ނުވި ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލުގެ ފަރާތުން އެދެފިން ހުރިހާ ގެސްޓުހައުސްތައް އެކުވެގެންވިޔަސް ހަމަޖައްސައިދޭށޭ ލައިފްގާޑުން ބޭތިއްބޭ ވަރުގެ ބަޖެޓެއް، އެކަމަކު އެކަމަށް އެމީހުން އިޖާބައެއް ނުދިން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެރަށުގައި މިހާރު ހިންގަމުންދަ އެއްވެސް ގެސްޓުހައުސްއަކުން ކައުންސިލަކަށް ފައިސާއެއް ދައްކާކަށް ނުޖެހެ އެވެ. އެހެންކަމުން ހަމައެކަނި ލައިފްގާޑުން ބައިތިއްބަން ދާ ހަރަދު ބަލަހައްޓައިދިނުން އެއީ އެންމެ ކުޑަމިނުން އެމީހުން ކުރަންޖެހޭނެ ކަމެއް ކަމަށް އަސްލަމް ގަބޫލު ކުރެ އެވެ.

ލައިފްގާޑުންގެ އިތުރަށް ބިކިނީ ބީޗު ސަރަހައްދުގައި ކަނޑާފައި އެ ހުންނަ ނެރަކީ ވެސް އެތަނަށް މޫދަށް އެރި އުޅޭ މީހުންނަށް އޮތް ނުރައްކަލެކެވެ. އެތަނަށް އިރުކޮޅުކޮޅުން ކުދި ލޯންޗުފަހަރާއި ޑިންގީތައް ވަދެ ނުކުމެވުން އެއީ އެ ސަރަހައްދުގައި އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިނގުމަށް މަގުފަހި ވާނެ ކަމަށް ސަލީމް ވެސް ގަބޫލު ކުރެ އެވެ.

"މި ނެރު އެބަޖެހޭ ބަންދު ކުރަން، އެއީ މި ކަނޑުއޮޅިއަކީ ވަރަށް އޮއި ބާރު ކަނޑުއޮޅިއެއް ވީމަ،" ސަލީމް ބުންޏެވެ.

އެހެނަސް އެކަން ކުރެވެން އޮތީ އެކްސްކާޝަންތަކަށް ބޭނުން ކުރާ ލޯންޗުފަހަރު ގާތް ކުރާނެ އެހެން ސަރަހައްދެއް ދައްކައިގެން ކަމަށް މި ރިޕޯޓަށް މައުލޫމާތު ދިން ގިނަ މީހުން ގަބޫލު ކުރެ އެވެ. ސަބަބަކީ ލަފާފުރުމަށް ބޭނުން ކުރަން އޮތް ބަނދަރުގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ކަންކަން ފަހިވެފައި ނެތުމެވެ.

"ބަނދަރުގައި އެހުރީ އެންމެ ސިޑިއެއް ބޭނުން ކުރެވޭ، ދެން ބަނދަރު ބޭނުން ކުރަންޏާ އެތަން ހުސްގަޑިއެއް ބަލާފައި އެކަން ކުރެވެން އޮތީ، އެހެނެއް ނުކުރެވޭނެ ދޯ މިކަމެއް؟،" ރުހުޝާން ބުންޏެވެ.

އޭނާ ބުނީ ކައުންސިލުން އަވަސް، ރަނގަޅު ފިޔަވަޅުތަކެއް ޒިންމާދާރު ކަމާއެކު އަޅައިގެން ނޫނީ އެ މައްސަލައަށް ހައްލެއް ލިބުމަކީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ. ރުހުޝާން އެވާހަކަ ދައްކަމުންދިޔަ ވަގުތު ވެސް އެދިމާ ނެރުމަތީގައި ފަތުރުވެރިޔަކު ފީނަމުން ދިޔަ އެވެ.

"މިސާލަކަށް ތިއޮތް މީހާ، މިހާރު އެހެން އެއްޗެއް އަޔަސް ނުފެންނާނެ ދުއްވަން ހުންނަ މީހަކަށް އޭނާއެއް، ބޭރުގައި ބާނި ހުރިވަރު އެހުރީ، ލޯންޗުޑިންގީ ވެސް އަންނާނީ އަތްދަށުން ބާނި ބޮޑުވީމަ ރަށުގެ ނިވަލަށް ވަންނަންވެގެން،" ރުހުޝާންގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އެކްސްކާޝަނަށް ދިޔުމަށްފަހު ފަތުރުވެރިން ގޮވައިގެން އެނބުރި ރަށަށް އަި ލޯންޗެއް ބިކިނީ ބީޗު ސަރަހައްދަށް ވަންނަ އިރު ފަތުރުވެރިޔަކު ނެރުމަތިން އެއްފަރާތަށް ޖެހެނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު
އެކްސްކާޝަނަށް ދިޔުމަށްފަހު ފަތުރުވެރިން ގޮވައިގެން އެނބުރި ރަށަށް އަި ލޯންޗެއް ބިކިނީ ބީޗު ސަރަހައްދަށް ވަންނަ އިރު ފަތުރުވެރިޔަކު ނެރުމަތިން އެއްފަރާތަށް ޖެހެނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެކްސްކާޝަނަށް ދިޔުމަށްފަހު ފަތުރުވެރިން ގޮވައިގެން އެނބުރި ރަށަށް އަި ލޯންޗެއް ބިކިނީ ބީޗު ސަރަހައްދަށް ވަންނަ އިރު ފަތުރުވެރިޔަކު ނެރުމަތިން އެއްފަރާތަށް ޖެހެނީ -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އެ ސަރަހައްދުގައި ހަރުގެ ޖަހައިގެން ތިބި ހުރިހާ އެންމެންގެ ވެސް އެދުމަކީ އެސަރަހައްދުގެ ބޭރުގައި ބޮއި ފައްޗެއް އަޅައިދިނުމެވެ. އެއަށްފަހު ގެސްޓުހައުސްތަކަށް ޒިންމާދާރުވުމަށް މަޖުބޫރު ކުރުވުމެވެ. އެވާހަކަތަކުގެ ފުރަގަހުގައި ވަނީ ކަންބޮޑުވުމާއި ހާސްކަމެވެ.

އެމީހުން ބުނި ގޮތުގައި އެ ނެރާ ދިމާލުގައި އަޅާފައި އޮތް ރަތް ކުލައިގެ ބޮޔަކީވެސް އެމީހުން އަމިއްލައަށް އަޅާފައި އޮތް އެއްޗެކެވެ. އަދި، ނެރުން ވަންނައިރު ވާތް ފަރާތުން ފެންނަން ހުރި ދަގަނޑު ދެ ހޮޅިއަކީ ވެސް ބޭރުގެ އޮއިބާރުކަން އަންގައިދޭން އެމީހުން އަމިއްލަ އިސްނެގުމުގެ މަތިން ޖަހާފައި ހުރި އިންޒާރުގެ ބޯޑެއް ހަރުކޮށްފައި ހުރި ދެ ހޮޅި ކަމަށެވެ.

"މިތަނުގައި ތިން ފަހަރު އަހަރުމެން އަމިއްލައަށް ބޮއި ޖަހައިފިން، މިހާރު ފެންނަން އެހުރި ރަތް ބޮއި އެއީ އެންމެ ފަހުން ޖަހާފައި ހުރި ބޮއި، ދެން ފެންނަން އެހުރި ދަގަނޑު ހޮޅިއަކީ އެތަނަކީ އޮއި ބާރު ތަނެއްކަން އަންގައިދޭން ޖަހާފައި ހުރި އިންޒާރު ބޯޑު، ގެސްޓުން ހަމަ ހަލާކު ކޮށްލަނީ، މީގެ ކުރިން ވެސް ތޮށި މަތީގައި ޖެހި އިންޒާރު ބޯޑު ހަމަ އެމީހުން ހަލާކު ކޮށްލީ،" ރުހުޝާން ބުންޏެވެ.

ހަމައެއް ލަމައެއް ނެތި ފަތުރުވެރިން އެތަނުގައި އުޅެމުންދަނީ ތަބާވާންޖެހޭ އެއްވެސް އުސޫލެއް ނެތީމާ ކަމަށް އެރަށުގެ ރައްޔިތުން ވެސް ގަބޫލު ކުރެ އެވެ. އެމީހުން ބުނާގޮތުން އެތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ރަނގަޅަށް ނެތުމުގެ އަސަރު އެމީހުންނަށް ވެސް ކުރެ އެވެ.

"އަހަރުމެންނަށް ނެތް މިހާރު ދަރިން ގޮވައިގެން އެއްވެސް ދިމާލަކަށް މޫދަށް ވެސް އެރިލެވޭކަށް، ރަށުތެރޭގައި ގެސްޓުން އުޅެނީ ނިވާކަން ކުޑަ ހެދުން ލައިގެން، ހުރިހާ ދިމާލެއްގައި ވެސް ގެސްޓުން އުޅޭ ބިކިނީ ލައިގެން،" ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށުން ވާހަކަދެއްކި އަންހެނަކު ބުންޏެވެ.

އޭނާ ބުނީ އެކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ކައުންސިލާއި ގެސްޓުހައުސްތަކުން ކަމަށެވެ. ގެސްޓުންނަށް ދޭންޖެހޭ ވަރަށް މައުލޫމާތު ދީފައި ނުހުންނަކަން އޭނާ ވެސް ފާހަގަ ކުރި އެވެ.

"ބައެއް މީހުންނާ ދިމާވީމަ، ތިއީ މަނާ ކަމެކޭ، ރަށު ތެރޭގައި ބިކިނީ ލައިގެން ނޫޅެވޭނެޔޭ ބުނީމާ އެމީހުން ބަސް ގަބޫލު ކުރޭ، އެމީހުންނަށް އެކަންކަން އޮންނަ ގޮތް ކިޔައި ނުދެވޭތީ އަސްލު އެހެން ވާން ޖެހެނީ،" އޭނާ ބުންޏެވެ.

އިތުރަށް އޭނާ ބުނީ އާންމު ސަރަހައްދުތަކަށް ފަތުރުވެރިން ގޮސް މޫދަށް އެރެނީ ހަމައެކަނި އެ ސަބަބާ ހުރެ އެއް ނޫން ކަމަށެވެ. ބިކިނީ ބީޗު ސަރަހައްދަށް ގާތްކުރާ ލޯންޗުފަހަރާއި އެތަނުގައި އަޅާފައި ހުންނަ ޑިންގީތަކުގެ ސަބަބުން އެތަނަކީ އެންމެ ރައްކާތެރި ތަނެއް ކަމަށް ފަތުރުވެރިންނަށް ގަބޫލު ނުކުރެވެނީ ކަމަށް އޭނާ ބުންޏެވެ.

ކޮންމެއަކަސް މި މައްސަލަ މިހައި ބޮޑުވެފައި އޮތީ ކައުންސިލުން އެކަށީގެންވާ ވަރުގެ އުސޫލުތަކެއް މިއަދާ ހަމައަށް ވެސް ހެދިފައި ނެތުމުން ކަމަށް ކައުންސިލުގެ ރައީސް އަސްލަމް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ކައުންސިލުން އަދި މިހާތަނަށް އުސޫލުތަކެއް ކަނޑައެޅިފައި ނެތީ، އަޅުގަނޑުވެސް ގަބޫލުކުރަން އުސޫލުތަކެއް ހެދިގެން ކަމަށް ކުރިއަށް ދާން ޖެހޭނީ، މިއަހަރުގެ މެދެއްހައި ހިސާބުގައި އެ އުސޫލުތައް ކަނޑައަޅާނަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިކިނީ ބީޗު ސަރަހައްދުގައި ހުރި ނެރު ވެސް ބަންދު ކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގައި އެއްވެސް ލޯންޗެއް ޑިންގީއެއް އަޅާފައި ނުބޭއްވޭނެ ކަމަށެވެ. އޭގެއިތުރުން އެތަނުގައި ހަރުގެތައް ޖަހައިގެން ތިބޭ މީހުންނަށް ވެސް މިހާރަށް ވުރެ ފަހި، ރަނގަޅު ގޮތްތަކެއް ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ހަގީގަތުގައި އެ ސަރަހައްދުގައި ހަރުގެ ޖަހައިގެން އެތިބޭ ކުދިންނަށް ޝުކުރު ހައްގު ކަމަށާއި ހިތާމަވެރި ހާދިސާއެއް ނުހިނގައި ގިނަފަހަރު ދަނީ އެމީހުންގެ ފަރުދީ ޒިންމާ އެމީހުން އަދާކުރާލެއް ފުރިހަމަ ކަމުން ކަމަށެވެ.

މިއީ އާދީއްތަ ދުވަހުގެ ހިތާމަވެރި ހާދިސާއިން ފިލާވަޅު ލިބިގަނެ ރަށުގައި ހުރި މައްސަލަތައް ހައްލު ކުރަންޖެހޭ ވަގުތު ކަމަށް މި ރަށުން ވާހަކަދެއްކި ހުރިހާ އެންމެން ވެސް އިއްތިފާގު ވެއެވެ. މިރަށަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދޮރަކީ ފަތުރުވެރިކަން ކަމުގައި ވީއިރު، އެ ދޮރު ބަންދުވާން މިރަށުގެ އެއްވެސް ރައްޔިތަކު ނޭދެ އެވެ.

ނަމަވެސް އެކަން ވާން އޮތީ ކައުންސިލާއި ގެސްޓުހައުސްތަކާއި ރަށުގެ ރައްޔިތުން އެއްބަސް ކިޔައި އެކަތިގަނޑަކަށް ވެގެންނެވެ. އެހެން ނޫންނަމަ މިވަގުތު ލިބިފައި އޮތް ނަސީބު އަތުން ބީވެ ހިނގައިދާނެ އެވެ.

މިކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރުން ހުއްޓާލައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަންވީ ވަގުތަކީ މިއީ އެވެ. އެހެން ނޫންނަމަ އަރައްކަލުގެ އެ ހާލީގައި އަދިވެސް އެތައް ބަޔަކު މަރުވެގެން ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރަށު ރައްޔިތުންނާއި ކައުންސިލުން އެއްބަސް ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox