ލަންޑަން (ފެބްރުއަރީ 3) - މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބުން 815 މިލިއަން ޕައުންޑް (1 ބިލިއަން ޑޮލަރު) ހަރަދުކޮށްފައިވާއިރު، މިއީ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން އެންމެ ބޮޑު ހޭދައެއް ކުރި ފަހަރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީގެ ކުރިން ޖެނުއަރީގެ ޓްރާންސްފާ މާކެޓެއްގައި ޕްރިމިއާ ލީގުގެ ކްލަބްތަކުން އެންމެ ބޮޑު ހަރަދެއް ކުރީ 2018 ވަނަ އަހަރު އެވެ. އެ ފަހަރު ޕްރިމިއާ ލީގުގެ ކްލަބްތަކުން ކުރި ހަރަދު އެރީ، 430 މިލިއަން ޕައުންޑް (525 މިލިއަން ޑޮލަރު) އަށެވެ. އެ އަށް ބަލާއިރު، މި ފަހަރުގެ ހަރަދު މި ވަނީ 90 އިންސައްތަ މަތިވެފަ އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓާއި މިދިޔަ މަހުގެ ޓްރާންސްފާ ބާޒާރާ އެކު، ޖުމްލަ ހަރަދަށް ބަލާނަމަ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ 2.8 ބިލިއަން ޕައުންޑް (3.4 ބިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ. މިއީ ސީޒަނެއްގައި މިހާތަނަށް އާ ކުޅުންތެރިންނަށް ޕްރިމިއާ ލީގުގެ ޓީމުތަކުން އެންމެ ބޮޑަށް ހަރަދުކުރި ފަހަރެވެ.
ޖެނުއަރީ މަހުގައި ޗެލްސީން އެކަނި ވެސް ވަނީ އަށް ކުުޅުންތެރިން ގަންނަން 350 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ ތެެރެއިން ދެ ޓްރާންސްފާއެއްގެ އަގު އުޅެނީ 100 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ. އެއީ ޝަކްޓާ ޑޮނެސްކަށް 108 މިލިއަން ޑޮލަރު ދީފައި ގެނައީ ޔޫކްރެއިންގެ ވިންގް، މިކައިލޯ މުޑްރިކް އާއި ޕޯޗުގަލްގެ ބެންފީކާ އަށް 130 މިލިއަން ޑޮލަރު ދޭން ނިންމުމަށް ފަހު ގެނައި އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސް އެވެ.
ޖެނުއަރީ މަހުގައި ޔޫރަޕްގެ ހުރިހާ ގައުމެއްގެ ޓްރާންސްފާ ތަކަށް ބަލާއިރު، 79 ޕަސެންޓަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ޓްރާންސްފާ އެެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ހަތަރު ލީގުން އެއްކޮށް އާ ކުޅުންތެރިންނަށް ކުރި ހޭދައަށް ވުރެ ޗެލްސީގެ އެކަނި ހަރަދުތައް ގިނަ އެވެ.












