އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ހޮވި ކެންޑިޑޭޓާ ދެކޮޅަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ދީފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީން އަންނަ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓް ހުރީ ކަނޑައެޅިފައި ކަމަށާއި، ބަދަލު ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
"ޕާޓީގެ ކެންޑިޑޭޓާ އިދިކޮޅަކަށް މަސައްކަތެއް ނުކުރައްވާނެއޭ އަޅުގަނޑު މިދަންނަވަނީ. ނުކުރައްވާނެ ޕާޓީގެ ރައީސްއެއް," އިބުރޭ ވިދާޅުވި އެވެ.
އިބުރޭ ވިދާޅުވި ގޮތުގައި، ޕާޓީ ތެރޭގައި ގޮފިތައް ހައްދަވައިގެން ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އެއީ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް ކުރައްވާ މަސައްކަތެއް ނޫނެވެ.
އިބުރޭގެ އިތުރުން އިންތިހަބީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަނަސް އަބްދުއްސައްތާރު ވެސް ވިދާޅުވީ އެމްޑީޕީގެ ރައީސް، ނަޝީދު ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީ ތެރޭގައި ހުރި އިންތިޒާމުތައް ބޭނުންކޮށްގެން ދެ ރައީސުންނަށް ވެސް އަމިއްލަ ފިކުރު ދިރުވުމުގެ ފުރުސަތު އެބަ އޮތް ނަމަވެސް އެ އިންތިޒާމުތައް ބޭނުންކޮށްގެން ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

އަނަސް ވިދާޅުވީ ޕާޓީގެ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރާނަމަ، ފިޔަވަޅު އެޅޭނެ ގޮތްތައް އަސާސީ ގަވައިދުން ފަހިކޮށްދީފައިވާ ކަމަށެވެ.
"..އަސާސީ ގަވައިދުގައި ހުރި މަރުހަލާތަކެއް ވެސް އެބަހުރި. އަޅުގަނޑު މި ދަންނަވަނީ އެ ހިސާބަށް ދާން ވެސް އެބަހުއްޓޭ ޕާޓީގެ އަސާސީ ގަވައިދުގެ ތެރޭގައި ޕްލެޓްފޯމްތަކެއް، އިންތިޒާމުތަކެއް ހަމަޖެހިފައި. ކަމަކާ އިދިކޮޅަށް އަމަލުކުރާ ކަމުގައި ވަންޏާވެސް އެކަމާމެދު ވެސް އެޅޭނެ ފިޔަވަޅުތަކެއް ވެސް، އެކަމެއް އައިމަ ދެން އަމަލު ކުރަންވީ ގޮތްތަކެއް ވެސް އެބަހުރި ވަރަށް ސާފުކޮށް ބަޔާންކޮށްފައި," އަނަސް ވިދާޅުވި އެވެ.
އަނަސް އިތުރަށް ވިދާޅުވީ ޕްރައިމަރީގައި އެންމެ މަގުބޫލު ދެ ޝަހްސިއްޔަތުން ވާދަކުރެއްވުމުގެ ސަބަބުން، އިންތިހާބުގެ ނަތީޖާއާމެދު ފުރަތަމަ ކޮޅުގައި ހިތްނުތަވަސްކަމެއް އަދި ގަބޫލުކުރަން ދަތިކަމެއް ހުރެދާނެ ކަމަށެވެ. ނަމަވެސް ފަހުން އެކުގައި ނިކުމެ، އެކަތިގަނޑެއްހެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު، ކެންޑިޑޭޓާ ދެކޮޅަށް ނިކުންނަވައި މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތް ނަމަވެސް ނަޝީދު ވަނީ ފާޅުގައި، ރައީސް ސޯލިހާއެކު އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި، މޮޅުވެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ސޯލިހާއެކު ކުރިއަށް ވަޑައިގެން މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ 'ފިކުރެއްގެ ދިރުން' ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް ކުރިއަށް ގެންދަވާނެކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އަދި އެ ފެކްޝަނުން ތާއީދު ކުރާނެ ރިޔާސީ ކެންޑިޑޭޓެއް ފަހުން އިއުލާނު ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ މިއަދު އިއުލާންކޮށްފައިވާއިރު، 24566 ވޯޓާއެކު ރައީސް ސޯލިހު ވަނީ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާފަ އެވެ. އެ ޓިކެޓް މި މަސް ތެރޭގައި އެމަނިކުފާނަސް އަރުވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އިންތިހާބުން ނާކާމިޔާބުވި ނަޝީދަށް ލިބިވަޑައިގެންނެވީ 15641 ވޯޓެވެ.












