އަނެއްކާވެސް މިއޮތީ އިންތިޚާބީ އަހަރެއް ފެށިފަ އެވެ. މާލޭ މަގެއްގައި ހަނދުވަރުމައްޗަށް ފިނިބުރެއް ޖަހާލަން ނިކުތް ކޮންމެ މީހަކަށްމެ މިކަމުގެ އަލާމާތްތައް ފެންނާނެ އެވެ. އެއްބަޔަކު ވެރިއެއްގެ ތާރީފުގައި ތަރިބާލާދޭއިރު، އަނެއް ބަޔަކު ހައްޔަރުކޮށްފައި ހުރި ވެރިއެއްގެ މިނިވަން ކަމަށް ގޮވާލާނެ އެވެ. ސިޔާސީ އެކި މަންސަތަކުގައި އެއް ލީޑަރަކު ވަޢުދެއްވުމާ އެކު، އެ ވަޢުދު މަސައްކަތާއި ބަޖެޓައް ފައްތާނޭ ގޮތެއް ފެނޭތޯ ސިވިލް ސަރވަންޓުން ބޯގޮއްވަން ފަށާނެ އެވެ. އެ މަސައްކަތް ހުއްޓުވަން އިދިކޮޅުން ކުރެވުނު ކަމެއް ކުރާނެ އެވެ. އެއްތަށިން ނޫނީ ނުކައި އުޅުނު އެތައް ރަޙުމަތްތެރިންނެއްގެ ގުޅުން ކެނޑި، ހަތުރުން މިތުރުންނަށްވެ ރައްޔިތުން ގުނބޯހެއްދުމަށްޓަކައި އެއްގަލަކަށް އަރާފާނެ އެވެ.
މި މޫސުމަކީ އަންނަ ފަސް އަހަރަށް ތިމާގެ ވަޒީފާ ކަށަވަރުކުރަން އެއްބަޔަކު ބުރަ މަސައްކަތްތަކެއް ކުރާ މޫސުމެކެވެ. ސިޔާސީ މަޤާމެއްގެ ލުއިފަސޭހަ މުސާރަވެރިޔަކަށް ވުމަށް، ލީޑަރުންނަށް ގުލާނުކޮށްދީ ޘަނާ ކިޔާ ދުވަސްވަރެވެ. އަންނަ ފަސްއަހަރަށް މުސާރަ ކަށަވަރުކުރުމުގެ ބޭނުމުގައި ތެދާއި ނަޒާހަތްތެރިކަމުގައި މަކަރުގެ ހެދުމެއް އަޅުވައިގެން ބޭންޖަހާ ދުވަސްވަރެވެ. އެ މަޤާމު ލިބޭ ހިނދުން ހިނދަށް، ވުޒާރާތަކާއި މުވައްސަސާތަކުގައި ތިބި ޤާބިލު، ފަންނީ، އިޚުލާސްތެރިންގެ މައްޗަށް ބަސްބުނެ، ރޯނުއެދުރު ހެދިގެން، ޤައުމާ ކުޅުމުހެ އުއްމީދުގައި ސިޔާސަވެލާ ދުވަސްވަރެވެ.
މި މޫސުމަކީ ލީޑަރުންގެ އަޑު ގަދަވާ މޫސުމެވެ. ސިޔާސީ ބުރަދަން ހުރި މައްސަލަތަކަށް އިންސާފު ލިބޭ މޫސުމެވެ. ނިސްބަތުން ކުދި، ސިޔާސީ މަންފާ ނެތް ރައްޔިތުންގެ ޙައްޤުތައް ހަވާސާކުރާ މޫސުމެވެ. ކޯޓުތަކުގައި ހުރި މައްސަލަތައް ސިޔާސީ ކައްޓާއަކުން މިނެގެން، ބޮޑެތި މައްސަލަތަކަށް އަވަސް ޙައްލު އަންނަ މޫސުމެވެ. ތިން ބާރުތައް މުސްތަޤިއްލުކަމާއި މުވައްސަސާތަކުގެ މިނިވަންކަން "ފްލެކްސް"ކުރާ މޫސުމެވެ. ކޮވިޑްގެގައި "ގައިކޮޅުގައިގައިދުރު" ކިޔަމުން ފިލި ދިވެހިރައްޔިތުން ލީޑަރުންގެ ހަށިގަނޑުގައި ބޮސްދީ، ވެކްސިން ހަމަނުވާ ދަރިފުޅު އެ ލީޑަރުން އުރާ ބޮސްދޭން ދޭ މޫސުމެވެ.
މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ޖަދަލުކުރާ މޫސުމެވެ. މީޑިޔާ ސްޓޭޝަންތަކަށް ބޮޑެތި "އިންވެސްޓްމަންޓް"ތައް ލިބޭ މޫސުމެވެ. ނޫސްވެރިންނަށް ހަދިޔާބަދިޔާ އޮހޭ މޫސުމެވެ. ޢަބުރުކަތިލުމާއި ފަސްބައި ކިލަނބުކުރުމުގެ ވިޔަފާރިން އެންމެ ފައިދާ ލިބޭ މޫސުމެވެ. މިނިވަން ނޫސްވެރިންނޭ ކިޔައި ދައުވާކުރާ މީހުންގެ ނަޒާހާތްތެރިކަން ވަޒަންކުރެވޭ ދުވަސްވަރެވެ. ވިކިފައިވާ މީޑިޔާތަކާއި އެ ގަނެފައިވާ ލީޑަރުން އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރުކަމުގައިވާ މޫސުމެވެ.
ފިނިއަށިތަކާއި ކޮފީ މޭޒުތަކުގައި ލަދެއްނެތި ކިޔާއަޑު އިވެން ފަށައިފި އެވެ. "މަގޭ ވޯޓު ދޭނީ ފަސްހާސް ރުފިޔާ ދޭ މީހާއަށެވެ". އެހެން މީހަކު ބުނާނެއެވެ. "ލާރިކޮޅު އަތުލާފައި މަ ބޭނުން މީހަކަށް ވޯޓު އެޅީމާ ވީ ނޫންހެއްޔެވެ." ދެން ހުރި މީހާ ބުނާނެ އެވެ. "ލާރިކޮޅު އަތުލާފައި ވޯޓު ކަރުދާހަށް ހައްޕުނޑުޖެހިޔަސް މާ ރަނގަޅު ވާނެ އެވެ."
ޕޯޑިއަމްތަކުގައި ރާއްޖޭގެ ތަޞައްވަރު ކުރަހަން ފަށާނެ އެވެ. ޚުދު އެޓްލާންޓިސްވެސް އެއްޗަކަށް ނުވާނެ އެވެ. ތަކެތީގެ އަގު ހެޔޮކުރާ ވާހަކަ އެވެ. ރުފިޔާގެ އަގު އުފުލައިދޭނޭ ވާހަކަ އެވެ. ހަވާސާކޮށްފައިވާ އާބާދީތަކަށް ފުރުޞަތު ދޭނޭ ވާހަކަ އެވެ. ސުލްޙަ މަސަލަސްކަން ކަށަވަރުކުރާނޭ ވާހަކަ އެވެ. ޚިޔާނާތްތެރިކަމާއި މަކަރާއި ޙީލަތައް ޖާގަ ނޯންނާނޭ ވާހަކަ އެވެ. ޢަދުލު އިންސާފު އިސްކުރާނޭ ވާހަކަ އެވެ. ޙައްޤުތަކަށް ރައްކާތެރިވާނޭ ވާހަކަ އެވެ. ލާމަރުކަޒުކޮށްދޭނޭ ވާހަކަ އެވެ. ބޯހިޔާވަހިކަން ހޯދައިދޭނޭ ވާހަކަ އެވެ. ހުސް ފޮލަ އެވެ. ވައިގައި އަޅައި ބޮޑެތި، ނަލަ ގަނޑުވަރުތަކެވެ.
އާ ވާހަކަތަކެއް ނޫނެވެ. އާ މަންޒަރެއްވެސް ނުމެނޫންމެ އެވެ. ރައްޔިތުން ތިބީ އެއްގޯސްވެފަ އެވެ. ސިޔާސީ ނާޗަރަންގީގެ "ރިޕީޓު ޕްރޮގުރާމް" ބަލަން ފޫހިވެފަ އެވެ. ހަނދާނަށް އަންނަނީ މަޝްހޫރު ޅެންވެރިޔާ ޢަބްދުﷲ ޞާދިޤު "މިނިވަންކަމަށް ވޭބާ؟" މި ނަމުގައި ހައްދަވާފައިވާ ޅެމެއްގެ ދެތިން ބައިތެކެވެ.








