އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ފަހަތަށް ޖައްސާލައި ރަން މެޑަލް ހޯދި ސްރީ ލަންކާގެ ދުވުންތެރިޔާ ހިމޭޝާ އީޝަން މަނާ ބޭހަށް ޕޮޒިޓިވްވެ އޭނާ އަށް ކޮށްފައިވާ ސަސްޕެންޝަން އިތުރުކޮށްފި އެވެ.
ސަރަހައްދީ 100 މީޓަރު ދުވުމުގެ ރެކޯޑު ކުރިން އޮތް، ސްރީ ލަންކާގެ ހިމާޝާ އަކީ އެ ގައުމުގެ އެންމެ ކާމިޔާބު އެއް ސްޕްރިންޓަރެވެ. އޭނާ މަނާ ބޭހަށް ޕޮޒިޓިވްވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަންކާގައި ހެދި ރެންޑަމް ޓެސްޓްތަކަކުންނެވެ. މަނާ ބޭހަށް ޕޮޒިޓިވްވެ ހިމާޝާ ފުރަތަމަ ސަސްޕެންޑް ކުރީ 2025 އާ ހަމައަށެވެ. ނަމަވެސް ސްރީ ލަންކާގެ އެންޓި-ޑޯޕިން އޭޖެންސީ އިން ވަނީ އޭނާގެ މައްސަލަ ބެލުމަށްފަހު ސަސްޕެންޝަން 2027 އަށް އިތުރުކޮށްފަ އެވެ.
މިހާރު، އުމުރުން 28 އަހަރުގެ ހިމާޝާގެ ސަސްޕެންޝަން ނިމޭއިރު އޭނާގެ އުމުރަކަށްވާނީ 32 އަހަރެވެ. އެހެންކަމުން، އޭނާ އަށް އެނބުރި ގައުމީ ޓީމުން ޖާގަ ލިބުމުގެ ފުރުސަތު ކުޑަކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
ހިމޭޝާ ވަނީ މީގެ ކުރިން 2012 ގައި ވެސް މަނާ ބޭހަކަށް ޕޮޒިޓިވްވެފަ އެވެ. އޭރު، 17 އަހަރުގެ ހިމާޝާ އަށް އެ ފަހަރު އައީ 2 އަހަރުގެ ސަސްޕެންޝަނެކަވެ. އޭގެ އެއް އަހަރު ފަހުން އޭނާގެ އުމުރަށް ރިއާޔަތްކޮށް 1 އަހަރުގެ ސަސްޕެންޝަން މައާފް ކޮށްދިނެވެ. ސަސްޕެންޝަނަށް ފަހު، އެނބުރި އައިސް 2016ގެ ސައުތު އޭޝިއަން ގޭމްސް އިން އޭނާ ރަން މެޑަލް ހޯދި އެވެ.
އެ ފަހަރު، 2016ގެ ގޭމްސްގައި 10.22 ސިކުންތުން ދުވެ ގޭމްސްގެ ރެކޯޑާ އެކު ހިމޭޝާ، ރަން މެޑަލް ހޯދީ ރާއްޖޭގެ ސާއިދު ފަހަތަށް ޖައްސާލާފަ އެވެ. އެކަމަކު، ސާއިދު ވަނީ 2019ގައި ހިމޭޝާ 0.01 ސިކުންތުން ފަހަތަށް ޖައްސާލައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފަ އެވެ.
ހިމާޝާ ވަނީ ސްރި ލަންކާގެ ގައުމީ މުބާރާތުގެ އެންމެ ބާރު ދުވުންތެރިޔާގެ މަގާމް ހަތް ފަހަރު ހޯދައިފަ އެވެ. ހިމާޝާ ހަދާފައި އޮތް 100 މީޓަރުގެ ގައުމީ ރެކޯޑު އެހެން އެތުލީޓަކަށް މުގުރޭލަވޭވަރުވީ 2020 ވަނަ އަހަރުގަ އެވެ. އޭނާ ވަނީ ޒުވާން އުމުރުގައި ސްޕްރިންޓް ޓްރެއިނިން އަށް ހާއްސަ ޖެމެއިކާގައި ވަރުގަދަ ތަމްރީންތަކެއް ހަދާފަ އެވެ.
ޖޫނިއާ އުމުރުގައި އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ހޯދި ރިހި މެޑައްޔާ އެކު ހިމާޝާއާ މެދު ލަންކާ އިން ގިނަ އުއްމީދުތަކެއް ކުރި އެވެ. ނަމަވެސް މާނާ ބޭސް ބޭނުންކުރުމުގެ މައްސަލަ ކެރިއަރުގެ ކުރީކޮޅު ފެންމަތިވެ އޭނާ އަށް އެންމެ ބޭނުންވާ ހިސާބަށް ވާސިލްވުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.










