މެޑްރިޑް (ޖެނުއަރީ 31) - ޓީމުގެ ހާލަތު ދަށް ވިޔަސް މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ބުނިތާ ތިން ދުވަސް ފަހުން، ސްޕެއިނުގެ ވެލެންސިއާގެ އިޓަލީ ކޯޗު ޖެނާރޯ ގަޓޫސޯ، އެ ޓީމު ދޫކޮށްލައިފި އެވެ.
ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ކުއާޓާ ފައިނަލުގައި އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އަތުން 3-1 އިން ބަލިވެ ވެލެންސިއާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ މެޗަށް ފަހު، ގަޓޫސޯ، ވެލެންސިއާގެ ކޯޗުކަމުން އިސްތިއުފާ ދޭން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެކަމަކު، ގަޓޫސޯ ވަނީ އެ ވާހަކަތައް ދޮގުކޮށް، މަގާމުން ވަކިވެގެން ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ.
އެހެން ނަމަވެސް އިސްތިއުފާ ނުދޭނެ ކަމަށް ބުނި ގަޓޫސޯ، ޓީމާ ވަކިވާން އެއްބަސްވެފައިވާ ކަމަށް ރޭ ވެލެންސިއާ އިން ވަނީ އިއުލާނުކޮށްފަ އެވެ. ގަޓޫސޯ، ޓީމު ދޫކޮށްލަން ނިންމީ ލީގުގައި އާދިއްތަ ދުވަހުގެރޭ ރެއާލް ވަލޮޑޮލިޑް އަތުން ވެލެންސިއާ ބަލިވުމުންނެވެ.
"މިއީ އަހަރެން ޒިންމާވާން ޖެހޭ ކަމެއް، ނަތީޖާގެ ޒިންމާ ނަގާނީ ކޯޗު،" ވަލޮޑޮލިޑް އަތުން ބަލިވި މެޗަށް ފަހު ގަޓޫސޯ ބުންޏެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގަޓޫސޯ، ވެލެންސިއާ ދޫކޮށްލަން ނިންމީ އެ ކްލަބުން، މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދައިދޭނެ ކަމުގެ ޔަގީންކަމެއް ނުދިނުމުންނެވެ.
ގަޓޫސޯ، ކޯޗިން ކެރިއަރު ފެށީ 2013 ވަނަ އަހަރު ސްވިޒަލެންޑްގެ ސިއޯން އިންނެވެ. ގަޓޫސޯ ވަނީ އޭނާ ކެރިއަރުގައި ކުޅުނު، އޭސީ މިލާންގެ ކޯޗަކަށް 2015-2017 އަށް ހުރެފަ އެވެ. އޭގެ ފަހުން، 2019 ޑިސެމްބަރުން، 2021 ގެ މެއި މަހާ ހަމައަށް ނަޕޯލީގެ ކޯޗަކަށް މަސައްކަތްކުރި އެވެ. ނަޕޯލީ އަށް 2020 ވަނަ އަހަރުގެ ކޮޕަ އިޓާލިއާ ހޯދައިިދިނެވެ.
ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑުމަތިން ފާހަގަވާ ގަޓޫސޯ ކޯޗިންގައި ވެސް ނިންމުންތައް ނިންމުމުގައި ޖެހިލުން ކުޑަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު ފިއޮރެންޓީނާގެ ކޯޗަކަށް ވާން އެއްބަސްވި ގަޓޫސޯ އެ ޓީމުގައި ރަނގަޅަށް މަސައްކަތް ނުފަށައި ވަޒީފާ ދޫކޮށްލި އެވެ. އެއީ އެ ކްލަބްގެ ވެރިން އެއްބަސްވި ގޮތަށް ކަންތައް ނުކުރާ ކަމަށް ބުނެ އެވެ.
ވެލެންސިއާގެ ކޯޗުކަމާ މިދިޔަ ޖޫން މަހު ހަވާލުވި ގަޓޫސޯ ވަނީ އެ ޓީމާ އެކު 22 މެޗަށް ނުކުމެފަ އެވެ. ހަތް މެޗުން މޮޅުވިއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ. އަދި ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.












