މިއުނިކް (ޖެނުއަރީ 31) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގީސް ފުލްބެކް، ޔާއޯ ކަންސޭލޯ ޖަރުމަނުގެ ބަޔާން މިއުނިކަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވެއްޖެ އެވެ.
ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކަންސޭލޯ، 28، ބަޔާނަށް ބަދަލުވިއިރު، މި ސީޒަން ނިންމާފައި ބަޔާނުން ބޭނުންވެއްޖެނަމަ 70 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު، ކަންސޭލޯ ދާއިމީ ކޮންޓްރެކްޓެއްގައި މަޑުކުރެވޭނެ އެވެ.
މީގެ ތިން އަހަރެއްހާ ދުވަސްކުރިން، ޔުވެންޓަސްގައި ކަންސޭލޯ ހުއްޓައި، ސިޓީން އޭނާގެ ސޮއިހޯދީ އެހެން ޑީލެއްގެ ތެރެއިންނެވެ. އެއީ ސިޓީ އަށް އޭރު ކުޅެމުން އައި ފުލްބެކް، ބްރެޒިލްގެ ޑަނީލޯ، ޔުވެންޓަސް އަށް ދޭ ގޮތަށް، 40 މިލިއަން ޑޮލަރުގެ ފީއަކާ އެކުގަ އެވެ.
މިދިޔަ އަހަރުތަކުގައި ސިޓީ ޓީމުގައި ގަވާއިދުން ކުޅެމުން އައި ކަންސޭލޯ ވަނީ އެ ޓީމަށް ޕްރިމިއާ ލީގުގައި 98 މެޗު ކުޅެދީފަ އެވެ. ސިޓީ އަށް ކުޅެމުން ކަންސޭލޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރާއި އިނގިރޭސި ލީގު ކަޕް ދެ ފަހަރު ހޯދައިފަ އެވެ.
ސިޓީން މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމުގައި ކަންސޭލޯ އިސް ރޯލެއް ކުޅުނެވެ. އިނގިރޭސި ފުޓްބޯޅައިން ހޮވި ޑްރީމް ޓީމުގައި ވެސް ކަންސޭލޯ ހިމެނެ އެވެ. މި ސީޒަނުގެ ކުރީކޮޅުގައި ސިޓީ ޓީމުގައި ގަވާއިދުން ކަންސޭލޯ ކުޅުނު ނަމަވެސް، ފީފާ ވޯލްޑް ކަޕަށް ފަހު އަލުން ސީޒަން ފަށައިގެން މިހާތަަނަށް އައިއިރު، ކަންސޭލޯ ކުޅުނީ ދެ މެޗުގަ އެވެ. އެއީ ލީގު ކަޕްގައި ސައުތެމްޓަން އަތުން ބަލިވި މެޗާއި ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗުގަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ކަންސޭލޯ ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސިޓީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެކަމަކު، ފަހަކަށް އައިސް ފެންނަ މަންޒަރުތަކަށް ބަލާއިރު، ކުރިން ވެލެންސިއާ އާއި ބެންފީކާ އަދި އިންޓަ މިލާނަށް ކުޅުނު ކަންސޭލޯ، މި ސީޒަނަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގައި ސިޓީ ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.












