މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން 53 މައްސަލައެއް، އެ ޕްރައިމަރީގައި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅައިފި އެވެ.
އެ ޕްރައިމަރީން ނަޝީދަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 39 އިންސައްތަ އެވެ. އިންތިހާބު ކާމިޔާބުކުރެއްވި، އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 61 އިންސައްތަ އެވެ.
ނަޝީދުގެ ކެމްޕޭނުން ގެންދިޔައީ ޕްރައިމަރީ ގަޑުބަޑުކޮށް އޮޅުވާލުމަށް، ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން މަސައްކަތް ކުރަމުން އައި ކަމަށް ތުހުމަތު ކުރަމުންނެވެ. ރައީސް ނަޝީދު ވެސް ވަނީ "އޮޅުވާލާފައިވާ ވޯޓުތައް" އުނިކޮށްފިނަމަ، ރައީސް ސޯލިހަށް ކުރި ލިބޭނީ ކުޑަ ފަރަގަކުން ކަމަށް ވެސް ވިދާޅުވެފަ އެވެ.
ނަޝީދުގެ ކެމްޕޭންގެ ފަރާތުން ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ފަރާތުން ހުށަހެޅި 53 މައްސަލައަކީ ވެސް ޕްރައިމަރީގެ ނަތީޖާއަށް ބަދަލު އައިސްދާނެ ވަރުގެ މައްސަލަތަކެއް ކަމަށެވެ.
ހުށަހެޅި މައްސަލަތަކުގެ ބާވަތްތައް؛
- ނަޝީދުގެ މަންދޫބުންގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލަ
- ވޯޓު ލާން އަންނަ މީހުނަށް ވޯޓުލުމަށް ހުރަސް އަޅާފައިވާ މައްސަލަ
- ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން ވޯޓު އަނބުރާލަން މަސައްކަތްކޮށްފައިވާ މައްސަލަ
- ބިރުދައްކަމުން އަންނަ މައްސަލަ
- ވަޒީފާ އުފައްދައި، ވަޒީފާގެ ބިރު ދައްކައިގެން ވޯޓު ހޯދަން އުޅެފައިވާ މައްސަލަ
- ވޯޓާސް ލިސްޓު ފެންނަން ނެތް މައްސަލަ
- ވޯޓާސް ލިސްޓުތައް ދިމާނުވާ މައްސަލަ
- ވޯޓާސް ލިސްޓުތަކަށް އުނިއިތުރު ގެންނަމުން ދިޔަ މައްސަލަ
- ނަތީޖާ ޝީޓްތައް ދިމާނުވާ މައްސަލަ
- އޮފިޝަލުންނަށް ވޯޓު ކަރުދާސް ދައްކަން މަޖުބޫރު ކުރުމާއި ދައްކާ މައްސަލަ
- އިންތިހާބީ އޮފިޝަލުން ވަކި ކެންޑިޑޭޓަކަށް ބުރަވެ ހުންނަ މައްސަލަ
- ނަޝީދުގެ މަންދޫބުން އިންތިހާބީ މަރުކަޒުތަކުން ނެރެފައިވާ މައްސަލަ
- ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލާފައިވާ މައްސަލަ
- ހެޔޮ ހާލުގައި ތިބޭ މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލާފައިވާ މައްސަލަ
- ކަނޑައަޅާފައިވާ ގަޑިއަށް ވޯޓުލާން ފަށާފައިނުވާ މައްސަލަ
- ވޯޓު ކަރުދާސް ހުސްވެގެން ވޯޓުލާން ކިއޫގައި ތިބި މީހުން ވޯޓު ނުދެވިގެން ދިޔަ މައްސަލަ
- ރައީސްގެ ކެމްޕޭން ރަމްޒުކޮށްދޭ ޓީޝާޓްތައް ލައިގެން އައިސް ވޯޓު ލާފައިވާ މައްސަލަ
- ވޯޓު މަރުކަޒު ތެރޭގައި ކެމްޕޭން ކޮށްފައިވާ މައްސަލަ
- އައިޑީކާޑު ގަންނަ މައްސަލަ
- އޮބްޒާވް ކުރުމަށް އުނދަގޫވާ ގޮތަށް ބައެއް މަރުކަޒުތައް ބެހެއްޓުން
- އިލެކްޝަން މަންދޫބުން ނައިސްގެން ވޯޓުލުން ނުފެށި ލަސްކުރަމުން ދިޔަ މައްސަލަ
- ވޯޓު ފޮށީގައިވާ ކަރުދާސްތައް ވައްޓާލުމާއި، އެއްވެސް އުސޫލެއް ނެތި ވޯޓު ފޮށިތަކަށް ކަރުދާސް އެޅުމާއި އެ ވޯޓުތައް ގުނުން
- ވޯޓު ލާފައިވާ ގޮތް ކަށަވަރު ކުރުމަށް ތަފާތު ނިޝާންތައް ވޯޓު ކަރުދާހުގައި ކުރަހާފައިވާ މައްސަލަ އެވެ.
މިއަދު މެންދުރު ފަހު ކެމްޕެއިނު ޓީމުތަކާ ބައްދަލުކުރައްވައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއިން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ.













