ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލަ ބަލަން ފަށާފައި ވަަނީ މައްސަލައެއްގެ އަޑުއެހުންތައް ނިންމާލައި، މައްސަލައިގެ ހުކުމް ނުކޮށް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިގު ދަންމާލާފައިވާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ.
މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދެ ވަނަ ޖަލްސާގަ އެވެ. މި މައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ފައްޔާޒް ޝާތިރު ސިވިލް ކޯޓު ގާޒީއަކަށް އައްޔަންކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ފައްޔާޒް ޝާތިރަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އަންޑަސެކްރެޓަރީ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.














