އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ނަދީމް ޒަހަވީގެ މައްސަލައެއް ފާހަގަވެ، އޭނާ އެ މަގާމުން ވަކިކޮށްފި އެވެ.
ބޮޑު ވަޒީރުގެ އެތިކްސް އެޑްވައިޒަރު ކުރި ތަހުގީގުން އެނގުނު ގޮތުގައި ޒަހަވީގެ ޓެކްސް މައްސަލައެއް ބަލަމުންދާކަން އޭނާ ޕާޓީއަށް އަންގަވާފައެއް ނުވެ އެވެ.
ބޮޑު ވަޒީރު ރިޝީ ސުނަކް ވިދާޅުވީ އެޑްވައިޒަރު ސާ ލޯރީ މެގްނަސްގެ ތަހުގީގުން އެނގުނު ގޮތުގައި ޒަހަވީ ވަނީ އުސޫލާ ހިލާފަށް އަމަލު ކުރައްވައިފަ އެވެ.

ޒަހަވީގެ މައްސަލަ ބަލައިދިނުމަށް ސުނަކް އެދިވަޑައިގެންނެވީ ޓެކްސް ނުދެއްކުމުން ޖޫރިމަނާ އަދާކުރަން އޭނާއަށް ޖެހިވަޑައިގެންނެވި ކަމަށް ރިޕޯޓުތައް ފެތުރުމުންނެވެ.
ސާ ލޯރީގެ ތަހުގިގުގައި ބުނީ ޓެކްސް މައްސަލައިގައި ހަގީގަތް ހާމަކުރަން ޒަހަވީއަށް ގިނަ ފުރުސަތުތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ތަހުގީގު ރިޕޯޓު ނިމުމާ އެކު ސުނަކް ނިންމެވީ ސަރުކާރުގައި ޒަހަވީ އަދާކުރައްވަމުން ދިޔަ މަސްއޫލިއްޔަތުން ވަކިކުރެއްވުމަށެވެ. ރައްދުގައި ޒަހަވީ ބޮޑު ވަޒީރަށް ޝުކުރު ދެންނެވި ނަމަވެސް، އުސޫލާ ހިލާފުވުމުން މައާފަށް އެދިވަޑައިނުގަންނަވަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި "ފަހަތު ސީޓުގައި އިނދެ ބޮޑު ވަޒީރަށް އެއްބާރުލުން ދޭނެ" ކަމަށް ޒަހަވީ ވަައުދުވެވަޑައިގެންނެވި އެވެ.










