ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވާދަވެރިކަން ބޮޑު ރިޔާސީ ޕްރައިމަރީގައި ވޯޓުލާން ނުކުތީ އެ ޕާޓީގެ 71.41 ޕަސެންޓު މެމްބަރުންކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައި ވާއިރު، އެއީ ވޯޓުގެ 61.1 ޕަސެންޓު ވޯޓެވެ. ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ ވޯޓުގެ 38.9 އިންސައްތަ އެވެ.
އިއްޔެ މުޅި ރާއްޖޭގައި ބޭއްވި ޕްރައިމަރީގެ ވޯޓާސް ލިސްޓުގައި 57،257 މެމްބަރުންނަށް ހިމެނޭއިރު، ވޯޓު ލާފައިވަނީ 40،887 މެމްބަރުންނެވެ. އެއީ 71.41 ޕަސެންޓެވެ.
މުޅި ރާއްޖޭގައި 244 ވޯޓު ފޮށި ބަހެއްޓެއިރު، އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ލީޑަޝިޕްގައި އެންމެ އިސްކޮށް އުޅުއްވާ، އަދި ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވައި، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދަށް ކުރި ހޯދިފައިވަނީ އެންމެ 44 ފޮށިންނެވެ.

ނަޝީދަށް މެޖޯރިޓީ ލިބުނު ފޮށިތައް
- ހއ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 16)
- ހދ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 16)
- ށ. އަތޮޅު: ނެތް (ޖުމުލަ ފޮށި: 16)
- ނ. އަތޮޅު: 2 ފޮށި (ޖުމުލަ ފޮށި: 15)
- ރ. އަތޮޅު: 4 ފޮށި (ޖުމުލަ ފޮށި: 17)
- ބ. އަތޮޅު: 4 ފޮށި (ޖުމުލަ ފޮށި: 15)
- ޅ. އަތޮޅު: ނެތް (ޖުމުލަ ފޮށި: 6)
- ކ. އަތޮޅު: ނެތް (ޖުމުލަ ފޮށި: 10)
- އއ. އަތޮޅު: ނެތް (ޖުމުލަ ފޮށި: 8)
- އދ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 11)
- ވ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 6)
- މ. އަތޮޅު: ނެތް (ޖުމުލަ ފޮށި: 8)
- ފ. އަތޮޅު: ނެތް (ޖުމުލަ ފޮށި: 6)
- ދ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 6)
- ތ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 16)
- ލ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 16)
- ގއ. އަތޮޅު: 5 ފޮށި (ޖުމުލަ ފޮށި: 12)
- ގދ. އަތޮޅު: 1 ފޮށި (ޖުމުލަ ފޮށި: 13)
- ފުވައްމުލައް: 1 ފޮށި (ޖުމުލަ ފޮށި: 5)
- އައްޑޫ: 7 ފޮށި (ޖުމުލަ ފޮށި: 12)
- މާލެ: 8 ފޮށި (ޖުމުލަ ފޮށި: 15)
ހުރިހާ އަތޮޅެއްގެ މެޖޯރިޓީ ރައީސް ސޯލިހަށް
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހުރިހާ އަތޮޅެއްގެ ވޯޓުގެ މެޖޯރިޓީ ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވެ އެވެ.
އިންތިހާބުގެ ނަތީޖާ ސާފުވުމުން، ކާމިޔާބީ ފާހަގަ ކުރެއްވުމަށް ދަނޑިކޮށި ޖަގަހައިގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރައްވާނީ ހުރިހާ ބޭފުޅުންނާ ގުޅިގެން ކަމަށެވެ.
"ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިންވައިޓް ކުރާނަން [އެކުގައި މަސައްކަތް ކުރަން]،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕްރައިމަރީއަށް ވުރެ "މާ ފަސޭހަކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން," އޮތް ކަމަށެވެ.
އިއްޔެގެ އިންތިހާބުގައި ވޯޓު އޮޅުވާލަން ބަޔަކު މަސައްކަތް ކުރި ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނުގެ ބައެއް މަންދޫބުން އަދި ސަޕޯޓަރުން ނުހައްގުން ހައްޔަރު ކުރި ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.













