މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޮމާންކަމާ އެކު ވޯޓުލާ ނިންމުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިލްތިމާސްކުރައްވައިފި އެވެ.
ފައްޔާޒު "އަދަދު" އަށް ވިދާޅުވީ ވޯޓުލުމުގެ ތެރޭން މިހާތަނަށް ކުރިމަތިވެފައިވަނީ ކުދިކުދި މައްސަލަ ކަމަށާއި ބޮޑެތި މައްސަލަތައް މިހާތަނަށް ދިމާވެފައިނުވާ ކަމަށެވެ.
ޕްރައިމަރީގެ ވޯޓުލުން މިއަދު ހެދުނު 9:00 ގައި ފެށިގެން ކުރިއަށްދާއިރު ވޯޓާސް ލިސްޓުގެ ސަބަބުން އެކި ރަށްރަށާއި އަދި މާލޭގެ އެކި މަރުކަޒުތަކުގައި މައްސަލަޖެހި ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވެ އެވެ.
އެގޮތުން މާލޭގައި ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮށި އަދި ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގއ. ވިލިނގިލި ދާއިރާގެ ވޯޓު ފޮއްޓައް ލިސްޓުގައި ނެތް ބަޔަކު ވޯޓުލުމާ ގުޅިގެން އެ ފޮށިތަކަށް ވޯޓުލުން ވަގުތީ ގޮތުން ހުއްޓާލި އެވެ. ނަމަވެސް މިހާރު ވަނީ އެ ދެ ފޮށީގެ ވޯޓުލުން ވެސް އަލުން ފަށައިފަ އެވެ.
މީގެއިތުރުން ގދ. ގައްދޫގައި ހުރި ގދ. ގައްދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކައިރީގައި މަޝްރަހު ހޫނުވެ, އެ ތަނުގައި ހުރި ވޯޓު ކަރުދާސްތައް އުކާލައި ވޯޓާސް ލިސްޓް ވެސް ވަނީ ވީދާލާފަ އެވެ. ނަމަވެސް އެ ރަށުގައި ވެސް މިހާރު ވަނީ ވޯޓުލުން ފައްޓާފަ އެވެ.

ވޯޓުލުން މިއަދު ހަވީރު 5:00 ގައި ނިންމުމަށް ހަމަޖެހިފައިވާއިރު ހަމަނުޖެހުން ހިނގި ފޮށިތަކުގެ ވޯޓުލާ ގަޑި އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.













