މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާއިރު ކުރިން ލަފާ ކުރެވުނު ގޮތަށް ވޯޓާސް ލިސްޓުގައި ހުރި ބައެއް މައްސަލަތައް ފެންމަތިވެ، ބައެއް އިންތިހާބީ މަރުކަޒުތައް ކައިރީ ހަމަނުޖެހުން ހިނގައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާ މި އިންތިހާބުގައި 57،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭއިރު، ފެންނަ ފެނުމަށް މިހާތަނަށް ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ވޯޓުލާން ނިކުމެފަ އެވެ.
ވޯޓާސް ޓާންއައުޓްގެ ރަސްމީ ތަފާސްހިސާބު އެމްޑީޕީން ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މުޅި ރާއްޖޭގައި 243 ފޮށި ބަހައްޓައިގެން ކުރިއަށްގެންދާ މި އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓުގެ މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. އެއީ އިލެކްޝަންސްގެ ކޮމިޝަނުގެ ލިސްޓުގައި ތިބި މެމްބަރުންނަށް އެކަނި ވޯޓުލެވޭ ގޮތަށް ހަމަޖެއްސުމުންނެވެ.
މިއަދު ވެސް އެންމެ ގިނައިން ޖެހެނީ ވޯޓާސް ލިސްޓުގައި ނަން ނެތް މައްސަލަ އެވެ. އެގޮތުން އެ މައްސަލައިގައި ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލްގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި އެވެ. އަދި, ގދ. ގައްދޫގައި ވެސް ހަމަނުޖެހުމެއް ހިނގި އެވެ.

ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު ދާއިރާގެ ފޮއްޓަށް ވޯޓުލާން ދިޔަ މީހެއްގެ ނަން ލިސްޓުގައި ނެތް ކަމަށް ބުނެ އޭނާ ވަނީ އެތަނުގައި ހަމަނުޖެހުން ހިންގައިފަ އެވެ. ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލި މައްސަލައެއް ތާޖުއްދީން ސްކޫލުގައި ހޫނުވެ، ވޯޓުލުން ވެސް މެދުކަނޑާލި އެވެ.
ގައްދޫގައި ވެސް ހަމަ ވޯޓާސް ލިސްޓުގައި މައްސަލަ ޖެހި ވޯޓު ފޮއްޓަށް ބަޔަކު ވަނީ ހަމަލާދީފަ އެވެ. އެރަށުން ނަގާފައި ހުރި ބައެއް ވީޑިއޯތަކުން ވޯޓު ކަރުދާސްތަކެއް ބަޔަކު ވީދާލާ މަންޒަރު ވެސް ފެނެ އެވެ. ވީޑިއޯތަކުން ފެންނަނީ ވޯޓު ފޮށި ވެސް ބިންމަތީގައި އޮއްވަ އެވެ.
އެ ރަށުން ވާހަކަ ދެއްކި އިންތިހާބީ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ވޯޓު ފޮއްޓަށް ހަމަލާދިން ވަގުތު ބަޔަކު މީހުން އޭގެ ތެރެއަށް ފެން އަޅައި ވަރަށް ގިނަ ވޯޓު ހަލާކުކޮށްލާފައިވާ ކަމަށެވެ. އެކަމަކު އެ ރަށުގައި ވެސް މިހާރު ވަނީ ވޯޓުލާން ފަށައިފަ އެވެ.
ތާޖުއްދީން ސްކޫލްގައި ޖެހުނު މައްސަލައަކީ ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލި މައްސަލަ އެވެ. އެކަން ހިނގާފައިވާކަން ފޮއްޓާ ހަވާލުވެ ހުރި އިންތިހާބީ އޮފިޝަލުން ވެސް ވަނީ ބުނެފަ އެވެ. އެ ވަގުތު އެތަނަށް ވަޑައިގެން ވޯޓުލުން ކުރިއަށް ގެންދިއުމަށް އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވަނީ އަންގަވައިފަ އެވެ. އަދި އެ މައްސަލަ ފަހުން ހައްލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.












