ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ހަރަކާތްތައް ފޯރީގައި އިއްޔެ ނިންމައިލި އެވެ.
މިއަދު އޮންނަ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ދެ ވަނަ ދައުރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ރައީސް ކަން ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިއީ ދައުލަތުގެ ދެ ބާރެއްގެ ވެރިޔަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދުގެ ކެމްޕެއިނު ނިންމުމަށް ބޭއްވި ހިނގާލުން ފަށާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން ފަށައިގެން ހިނގާލުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން ގޮސް ވެސްޓު ޕާކު ވަށާލައި، މަޖީދީ މަގުން އަނބުރާ އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެފަ އެވެ.
މި ހިނގާލުމުގައި ނަޝީދަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ. ހިނގާލުން ނިންމާލުމުގެ ގޮތުން ހަރުގެ ސަރަހައްދުގައި ކެމްޕެއިނު ޓީމުން ވަނީ ހާއްސަ ދުއާ އެއް ވެސް ކޮށްފަ އެވެ.
ރައީސް ސޯލިހުގެ ކެމްޕެއިނު ނިންމާލުމުގެ ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ރުއްގަނޑުގަ އެވެ. ރައީސް ސޯލިހަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެންބަރުން އެ ސަރަހައްދަށް ޖަމާވިއިރު، އެ މަނިކުފާނު ވަނީ ޕްރައިމަރީއަށް ފަހު ޕާޓީގެ އަމާޒުތައް ބައްޓަން ކުރަންވީ ގޮތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިން ޖަލްސާތަކުގައި ތަކުރާރުކޮށް ވިދާޅުވެފައިވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ބައެއް މުހިންމު ހަބަރު
- ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމުމާ އެކު މާޒީ އެކަހެރިކޮށް އެކުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެ ޕާޓީގެ މެމްބަރުންގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނެއްކާ ވެސް އެދިވަޑައިގަތެވެ.
- ތުއްތު ކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރެޖިސްޓްރީ ނުކޮށް ވިއްކާ މައްސަލަ ބޮޑުވެ، އެފަދަ ފަރާތްތަކުގެ ނަން އާންމު ކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
- ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ފަރާތުން 238.7 މިިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި ކަމަށް ރިޕޯޓުކުރި އެވެ.
- އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހަންކެޑެ ސަރަހައްދުގައި 1041 ކޮޓަރި ތަރައްގީ ކުރުމުގެ މަޝްރޫއު އިއްޔެ އިއުލާންކުރި އެވެ.
ދުވަހު ކޯޓޭޝަން
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން އިއްޔެ ވާހަކަ ދައްކަވަމުން ވިދާޅުވީ؛
"[ކުރަންވީ ކަމަކީ] މި މަސައްކަތް ނިމުމާ އެކު މާޒީ އެކަހެރިކޮށް އެކީގައި މަސައްކަތް ކުރަން ނުކުތުން. އެކުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެކައްޗެއްގެ ގޮތުގައި މަސައްކަތް ފެށުން. އެކަން ކުރެވިއްޖެނަމަ ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރާނެ،"
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯލް މުބާރާތުގައި ވެމްކޯ އާއި ކްލަބު ވޮލީބޯލް ރޭ ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު











