ލަންޑަން (ޖެނުއަރީ 27) - އާސެނަލުން މިހާރު އެ ހޯދަމުން އަންނަ ކާމިޔާބީ އަކީ އެ ކްލަބުން މިކޭލް އާޓެޓާ ކޯޗަކަށް ބަހައްޓައިގެން ކުރި އިތުބާރުގެ "އިނާމު" ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އާސެނަލްގެ ކޯޗުކަމާ 2019 ވަނަ އަހަރު ފަހުކޮޅު ހަވާލުވުމުގެ ކުރިން، އާޓެޓާ ވަނީ، މެންޗެސްޓާ ސިޓީގައި ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ތިން އަހަރާއި ބައި މަސައްކަތްކޮށްފަ އެވެ. އާސެނަލް ކޯޗަކަށް ހުރެ ފުރަތަމަ އަހަރު ތެރޭ، އާޓެޓާ ވަނީ އެފްއޭ ކަޕާއި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ.
އެކަމަކު، އޭގެ ފަހުން، އައި ތިން ވަރަކަށް ސީޒަނުގައި އާސެނަލްގެ ނަތީޖާތަށް ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ދަނޑިވަޅުގައި އާޓެޓާ މަގާމުގައި ބަހައްޓަން އާސެނަލްގެ ބޯޑުން ނިންމި އެވެ. އެ ދުވަސްވަރު ވެސް ގާޑިއޯލާ ވަނީ އާޓެޓާގެ މަސައްކަތަށް އިތުބާރު ކުރަން އާސެނަލަށް ގޮވާލައިފަ އެވެ. އާސެނަލްގައި އާޓެޓާ ކުރަމުން އައި މަސައްކަތަށް، ހޯސޭ މޮރީނިއޯ ވެސް ތައުރީފުކުރި އެވެ.
އާސެނަލް، މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ، އެއް މެޗު މަދުން ކުޅުނު ނަމަވެސް ފަސް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. ނަވާރަ އަހަރަށް ފަހު، އާސެނަލަށް ލީގު ހޯދައިދޭން އާޓެޓާ މަސައްކަތް ކުރަމުން އަންނައިރު، އެފްއޭ ކަޕްގައި މިރޭ ސިޓީއާ ދެކޮޅަށް އާސެނަލުން ކުޅޭނެ އެވެ.
އެ މެޗުގެ ކުރިން އާޓެޓާ ވެސް ވަނީ މީޑިއާގައި ގާޑިއޯލާއާ ބެހޭގޮތުން ވާހަަކަ ދައްކައިފަ އެވެ. އަދި ގާޑިއޯލާ ވަނީ އާޓެޓާ އަށް ތައުރީފުކޮށްފަ އެވެ.
"އަހަރެން އަބަދުވެސް އާޓެޓާގެ ކޯޗިން ފެންވަރަށް އިތުބާރު ކުރަން. އޭނަ އާސެނަލަށް ދިޔައީ ވެސް ޔަގީންކަމާ އެކު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އިތުބާރު އޮތުމުން، އެހެންވެ، އަހަންނަށް އޮތް އޭނައާ މެދު ޔަގީންކަން،" އެފްއޭ ކަޕްގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
"ކޮންމެ ރަނގަޅު މަސައްކަތެއް ކުރަން، ވަގުތު ބޭނުންވޭ، މިހާރުގެ ފުޓްބޯޅައިގައި ކޯޗުންނަށް އެކަށީގެންވާ ވަގުތު ނުލިބޭ ވާހަކަ ދައްކާ މިންވަރު ގިނަ. އެކަމަކު، އާސެނަލުން މި ވަނީ އެންމެ އުނދަގޫ ދަނޑިވަޅުގައި ވެސް އާޓެޓާ އަށް އިތުބާރުކޮށް މަގާމުގައި ބަހައްޓާފައި، މިހާރު އެ ޓީމުން އެ ހޯދަމުން އަންނަ ކާމިޔާބީ އަކީ އޭރު އެގޮތަށް ނިންމުމުގެ އިނާމު،"

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ސިޓީ އާއި އާސެނަލުން ކުޅުނު މެޗުގެ ތެރެއިން ގާޑިއޯލާ (މ) އާއި އާޓެޓާ.
ގާޑިއޯލާ ބުނީ ސިޓީގެ ކޯޗިން ސްޓާފެއްގެ ގޮތުގައި އާޓެޓާ ހުރިއިރު، ސިޓީން އާސެނަލާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އެ ޓީމު ކޮޅަށް ގޯލެއް ޖެހި ކަމުގައި ވިޔަސް އާޓެޓާ އުފާފާޅުނުކުރާ ކަމަށެވެ.
މި ސީޒަނުގެ ބާކީ ބައިގައި އާސެނަލާއި ސިޓީގެ ތިން ކުރިމަތިލުމެއް އެބައޮތެވެ. އެއީ، މިރޭ ކުޅޭ އެފްއޭ ކަޕްގެ މެޗުގެ އިތުރުން، 15 ފެބްރުއަރީ އާއި 26 އޭޕްރީލްގައި ކުޅެން ޝެޑިއުލްކޮށްފައިވާ ޕްރިމިއާ ލީގުގެ މެޗުތަކެވެ.
ގާޑިއޯލާ ބުނީ މި ވަގުތު އާސެނަލް އޮތް ލެވަލަށް ބަލާއިރު، އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭ ކޮންމެ މެޗަކީ ވެސް "ޗެލެންޖް ބޮޑުވާނެ" ކުރިމަތިލުމެއް ކަމަށެވެ.
ސިޓީގައި ގާޑިއޯލާއާ އެކު މަސައްކަތްކުރިއިރު، އާޓެޓާ ވަނީ އެ ކްލަބާ އެކު، ދެ ޕްރިމިއާ ލީގާއި ދެ ލީގު ކަޕާއި އެއް އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
ގާޑިއޯލާ ބުނީ އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ ހާފް ސީޒަނެއްގައި 50 ޕޮއިންޓް ހަމަކޮށްފައިވާއިރު، މިއީ އަގުވަޒަންކުރަން ޖެހޭ ކަމެއް ކަމަށެވެ. އާސެނަލްގައި ހުރެ ދެމެހެއްޓެނިވި ގޮތެއްގައި އާޓެޓާ އަށް ކާމިޔާބު ހޯދޭނެ މަގަކީ، ތަށި ހޯދުމުގެ "އާދައެއް" އެ ޓީމުގައި އަށަގެންނެވުން ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ސިޓީ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު އެވެ.












