އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރެއްވި މަހެއްހާ ދުވަހުގެ ވާދަވެރި އަދި ފޯރިގަދަ ކެމްޕެއިނަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހޮނިހިރު ދުވަހުގެ ވޯޓުގެ ކުރިން ބާއްވާ ފަހު ޖަލްސާތައް މިރޭ ބާއްވާނެ އެވެ.
ރައީސް ސޯލިހު މިވަގުތު ހުންނެވީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގަ އެވެ. އެމަނިކުފާނުގެ ފަހު ޖަލްސާ އޮންނާނީ އެ ސިޓީގެ ބާޒާރު ސަރަހައްދުގަ އެވެ. ރައީސާ ދެކޮޅަށް ނުކުންނަވާ ހުންނެވި އެމްޑީޕީގެ ރައީސް ނަޝީދު ހުންނެވީ ވެރިކަންކުރާ ރަށް މާލޭގަ އެވެ. އެމަނިކުފާނުގެ ފަހު ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގަ އެވެ.
އެ ދެ ޖަލްސާ ވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ.
ރައީސް ސޯލިހުގެ ކެމްޕޭން ރިކެޕް
ރައީސް ސޯލިހު ޕްރައިމަރީގެ ކެމްޕެއިނުން ފެނިގެންދިޔައީ ނަޝީދުގެ ފުރަތަމަ ޖަލްސާއަށް ހަފުތާއެއްހާ ދުވަސްވީ ފަހުން ޖެނުއަރީ 4، ގަ އެވެ. އެމްޑީޕީގެ މައި ހަރުގޭގައި އޮތް އެ ޖަލްސާގައި ރައީސް ދެއްވީ، މިހާތަނަށް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ދެއްވި އެންމެ ޖޯރު ގަދަ ސްޕީޗެވެ. ނަޝީދަށް ރައްދު ދެއްވީ އެމަނިކުފާނުގެ ފަރާތްޕުޅުން އޭގެ ކުރިން ނުފެންނަ ޖޯޝަކާއެކު އެވެ. ފެށުނީއްސުރެން އެކުގައި އުޅުއްވި ނަޝީދަށް ގޮންޖައްސަވާ ރައީސް ވިދާޅުވީ އެމަނިކުފާނަށް ވޯޓުލާން ޖެހޭ ސަބަބަކީ ނަޝީދުގ ސިޔާސީ ނާކާމިޔާބު ކަމަށެވެ.
"އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާ އަޅުގަނޑަށް އެނގޭ. ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު. އެއްވެސް ޝައްކެއް ނުކުރަން ބޮޑުތަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން. ޕްރައިމަރީވެސް ބޮޑުތަނުން ކާމިޔާބު ކުރާނަން،" އެ ރޭގެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ފުރަތަމަ ކެމްޕެއިނު ދަތުރުގައި ދެން ވަޑައިގަތީ އުތުރުގެ ބައެއް އަތޮޅުތަކަށެވެ. އެގޮތުން ރ.، ނ.، ޅ. އަދި ބ. އަތޮޅަށް ވަޑައިގަތެވެ. ރައީސް ސޯލިހު ކެމްޕެއިނުގެ ފުރަތަމަ ބޮޑު އިވެންޓު ނުވަތަ ޖަލްސާ ފެނިގެންދިޔައީ ނ. ވެލިދޫއިންނެވެ. ސަރުކާރުގެ ގިނަ ވަޒީރުންނާއި މަޖިލީހުގެ ގިނަ މެންބަރުންނާއެކު އެރޭ ރައީސް ވަނީ މަތިފަޑީގައި އެމަނިކުފާނަށް އޮތް ބާރު ދައްކާލައްވާފަ އެވެ.
"ސުވާލަކީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ދާނީތޯ ނުވަތަ ސުލްހަވެރިކަމާއެކު ގައުމައިގެން ކުރިއަށް ދާނީތޯ؟ އެއްވެސް މީހަކު ނޭދޭނެ އެ ބިރުވެރިކަމަށް އަނބުރާ ދާކަށް،" އެރޭގެ ޖަލްސާގައި ރައީސް މިހެން ވިދާޅުވެ ސިފަ ކުރެއްވީ ނަޝީދަށް ޓިކެޓު ލިބިއްޖެ ނަމަ ބޮޑު އިންތިހާބު ނާކާމިޔާބުވެ، އެމްޑިޕީ އަނެއްކާ ވެސް މަގުމެތިވެދާނެ ހާލަަތަކަށެވެ.
ދެ ރައީސުންގެ ބަހުގެ ހަމަލާތައް އިތުރުވެ ރައީސް ސޯލިހު ވަނީ އެންމެ ފަހުން ނަޝީދު އަބަދުވެސް ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ގިނަ އަތޮޅުތަކަށް ދަތުރުކޮށް އެތައް ވާހަކައެއް ދެއްކެވި ނަމަވެސް މައިގަނޑުގޮތެއްގައި ފާހަގަވި ނުކުތާތަކަކީ:
- ކޯލިޝަނަކާއ ނުލައި ވެރިކަމަށް ނާދެވޭނެ ކަމަށާއި ކޯލިޝަނަކާއެކު ބޮޑު އިންތިހާބު އެއް ބުރުން ކާމިޔާބުކުރާނެ ގޮތުގެ ފޯމިއުލާ އެބައޮތް ކަމަށް ވިދާޅުވުން
- މެންބަރުންގެ އަރިހުން އެއްސެވީ ތަރައްގީއައިގެން ކުރިއަށް ދާނީތޯ ނުވަތަ ނަޝީދުގެ ވެރިކަމުގައި ވީހެން މަގުމަތިވާނީ ތޯ އެވެ.
- ވައުދު ނުފުއްދޭ ކަމަށް ނަޝީދު ވިދާޅުވިޔަސް ނިމިފައިހުރި ކަންކަމުގެ ލިސްޓު މާދިގު ކަމަށް ވިދާޅުވުން
- އެމްޑީޕީގައި މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ އެހެން މީހަކު ނެތް ކަމަށް ވިދާޅުވުން
- އެމްޑީޕީއަށްޓަކާ ގުރުބާންވީ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެ ޕާޓީއަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ވިދާޅުވުން
- ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވި
- 2023 ކާމިޔާބު ނުކޮށް އެމްޑީޕީއަށް ކުރިއަށް ހުރި އިންތިހާބުތަކެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވި
ނަޝީދުގެ ކެމްޕޭން ރިކެޕް
ނަޝީދުގެ ކެމްޕޭން ފެއްޓެވީ ވެސް އެމްޑީޕީ މެންބަރުންގެ ހަނދާންތަކާއި ހިތާ ކުޅެމުންނެވެ. ސަލްޓަން ޕާކުގައި ބޭއްވި ކެމްޕޭނު ފެށި ޖަލްސާގައި ޖޯޝާއި ފޯރި ހުއްޓެވެ. އެމްޑީޕީގެ ރަން ރީނދޫ ފޯރި އެ ޕާކުން ފެނިދިޔަ އެވެ.
ޑިސެމްބަރު 28، ގައި ބޭއްވި އެ ޖަލްސާގައި ނަޝީދު ވަނީ ރައީސް ސޯލިހަށް މަލާމާތްކުރައްވާ 'ރިއެކްޓު' ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"ވެށިފަހި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް، އެއް ދަންފަޅީގެ މަދަރުސާތަކަށް ވެސް ނެތޭ ރިއެކްޝަނެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިއަދު މާލޭގައި ކެމްޕޭނު ނިންމާލާއިރު، އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެން 70 އަށްވުރެ ގިނަ ރަށްރަށަށް ވަޑައިގަތެވެ. ކެމްޕޭނުގައި ނަޝީދު ހުރިހާ ރަށެއްގައިހެން ވެސް ދެއްކެވީ މައިގަނޑު އެއް ވާހަކަތަކެކެވެ.
އެގޮތުން މައިގަނޑުގޮތެއްގައި ފާހަގަވި ނުކުތާތަކަކީ:
- ޕްރައިމަރީގައި ވާދަކުރަން މަޖުބޫރުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބޭނެ ވޯޓު މަދުވެދާނެ ކަމަށް ވިދާޅުވުން
- މިދިޔަ އަހަރުގެ މެއި މަހު އެމްޑީޕީއިން ވަކިކުރި 39،000 މެންބަރުންގެ ސަބަބުން ސަރުކާރަށް 70،000 ވޯޓު ގެެއްލޭނެ ކަމަށް ވިދާޅުވުން
- ރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެން ރައީސް ސޯލިހު ކެމްޕެއިނު ކުރެއްވި ކަމަށް ތުހުމަތުކުރެއްވުން
- ވެރިޔެއްގެ ތައްޕާހުން ވަޒީފާ ހޯދައިގެން ދިރިއުޅޭ ގޮތަށް ވޯޓު ނުދޭން އެދިލެއްވި
- ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް ތަންފީޒު ނުކުރުމުން ކަމަށް ވިދާޅުވި
- ރައީސް ސޯލިހަށްވުރެ ޔާމީން ގާބިލުކަމަށް ވިދާޅުވި
- މަސްވެރިންނަށް މަސް ކިރޭ އަގު 25 ރުފިޔާއިން މަތިކުރާނެ ކަމަށް ވިދާޅުވި
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އަދި ޕާޓީއެއްގެ ކުރިމަގާމެދު ވޯޓަކުން މިހާބޮޑު ނިންމުމެއް ނިންމާ މަންޒަރު ފެންނަ ފުރަތަމަ ފަހަރެވެ.
މިރޭގެ ޖަލްސާތަކުގައި ވެސް ބަހުގެ ހަމަލާތައް ރައްދުކުރާނެ އެވެ. "ފިކުރެއްގެ ދިރުން" ނޫނި "އެމްޑީޕީ ކުރިއަށް" ތޯ، ރައީސް ސޯލިހު ނުވަތަ ރައީސް ނަޝީދުތޯ، ކޯލިޝަނެއް ނުވަތަ ވަކީންތޯ ނިންމާނީ ހަމަ އެމްޑީޕީގެ މެންބަރުންނެވެ.













