މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް "އަދަދު" ނޫހުން ހުޅުވައިލި ޕޯލުން ދައްކައިފި އެވެ.
މިމަހުގެ 11 ވަނަ ދުވަހު ހުޅުވާލި ޕޯލުގެ ސުންގަނޑި ރޭ 23:59 އަށް ހަމަވިއިރު، ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް 56 ޕަސެންޓް މީހުން ގަބޫލުކުރާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ގަބޫލު ކުރަނީ 44 ޕަސެންޓު މީހުންނެވެ.
އަދަދު ޕޯލުގައި ދީފައިވާ ޖުމުލަ ވޯޓުގެ އަދަދަކީ 1975 އެވެ. މި ޕޯލަށް ވޯޓު ދެވޭނީ ފޯނު ނަންބަރު، ފޭސްބުކު ނުވަތަ ޓްވިޓާއިން ލޮގިންވެގެން އެއް ފަހަރު އެވެ. އަދި، ވޯޓު ދިނުމަށް ފަހު ވޯޓު ބަދަލެއް ނުކުރެވޭނެ އެވެ.
ޕްރައިމަރީ ކާމިޔާބު ކުރާނީ ރައީސް ސޯލިހު ކަމަށް މި ޕޯލުން ދައްކާއިރު، ނަޝީދު ވިދާޅުވަނީ ޕްރައިމަރީ އަށް ފަހު، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ވެސް އެ މަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ކޯލިޝަނަކާ ނުލާ އެއްވެސް ޕާޓީއަކަށް މިހާތަނަކަށް ވެރިކަމަށް އާދެވިފައި ނެތުމުންނާއި، މިހާރު އޮތް ވެރިކަމަކީ ވެސް ކޯލިޝަން ވެރިކަމެއްކަމުންް ރައީސް ސޯލިހް އަދިވެސް ގަބޫލުކުރައްވަނީ ކޯލިޝަން ސަރުކާރެވެ. މިއީ ރައީސް ސޯލިހަށް ވެރިކަން ކާމިޔާބުކުރެވޭނެ އެންމެ ބޮޑު ސަބަބު ކަމަށްވެސް އެފަރާތްތަކުން ގަބޫލުކުރެ އެވެ. މިއާާ ހިލާފަށް ރައީސް ނަޝީދު އަންނަނީ ކޯލިޝަން ހެއްދެވުމުންް އެއީ އެމްޑީޕީގެ ވެރިކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.












