ޑޯޓްމުންޑް (ޖެނުއަރީ 23) - ޖަރުމަނު ލީގުގައި މި ފަހަރު، ސެބަސްޓެއަން އަލެއާ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅުނު ފުރަތަމަ މެޗުން އެ ޓީމުން އޮއުސްބާގް އަތުން، 4-3 ގެ ނަތީޖާ އަކުން މޮޅުވެއްޖެ އެވެ.
އޮއުސްބާގް އަތުން ޑޯޓްމުންޑް އުނދަގޫ މޮޅެއް ހޯދިއިރު އެ ޓީމު އޮތީ ލީގު ތާވަލްގެ ހަ ވަނައިގައި 28 ޕޮއިންޓާ އެކުގަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައިވާ ޑޯޓްމުންޑާއި އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އެއް ވަނައިގައި ބަޔާން އޮތީ 16 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ ޖަރުމަން ލީގުގައި ޑޯޓްމުންޑް ކުޅުނު މެޗު އެންމެ ހާއްސަވީ އެ ޓީމުގެ ފޯވާޑް އަލެއާ އަށެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުންދިޔަ އަލެއާ ކުޅުމުގެ ތެރެއަށް އެނބުރި އައިސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.
ހަތްދިހަ ދެ ދުވަސް ފަހުން ރަސްމީ މެޗަކަށް ނުކުތް ޑޯޓްމުންޑްގެ ފުރަތަމަ ގޯލު ޖަހައިދިނީ، އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ. މިއީ މި ސީޒަންގައި އޭނާ ޑޯޓްމުންޑަށް ޖަހައިދިން 10 ވަނަ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ތިން ގޯލު ފެނުނެވެ. އެ ގޮތުން، 40 ވަނަ މިނެޓުގައި އާން މައިއާ އޮއުސްބާގަށް އެއްވަރުކޮށްދިން ނަމަވެސް ޑޯޓްމުންޑުން ދެ ވަނަ ފަހަރަށް ލީޑު ނެގީ ނިކޯ ޝްލޮޓާބެކް ޖަހައިދިން ގޯލުންނެވެ. އޭގެ ތިން މިނެޓު ފަހުން އަނެއްކާވެސް އޮއުސްބާގުން އެއްވަރުކުރި އެވެ. މި ގޯލު ޖަހައިދިނީ ބޮސްނިއާގެ ފޯވާޑް އާމަދިން ޑެމިރޮވިޗް އެވެ.
މެޗުގައި ޑޯޓްމުންޑުން ތިން ވަނަ ފަހަރަށް ލީޑު ނެގީ އިންގްލެންޑްގެ ޒުވާން ކުޅުންތެރިޔާ ޖެމީ ބައިނޯ-ގިޓެންސް އޭރިއާ ބޭރުގައި ހުރެ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މި ގޯލު ޖެހިތާ މިނެޓެއް ފަހުން އަނެއްކާވެސް އޮއުސްބާގުން އެއްވަރުކުރި އެވެ. މި ފަހަރު ކެލްވިން ޔެބޮއާ ފޮނުވާލި ބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލަށް ވައްދާލީ ޑޭވިޑް ކޮލީނާ އެވެ.
ޑޯޓްމުންޓް މެޗުން މޮޅުވީ ޖިއޮވާނީ ރޭނާ ޖެހި މޮޅު ގޯލުންނެވެ. މިއީ އޭރިއާ ކަނާ ދިމާލުގައި ހުރެފައި ލިބުނު ބޯޅައެއް ކީޕަރު ބޯ މަތިން ގޯލުގެ ކަނަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.
ޖަރުމަނު ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ވާދަކުރީ ބަޔާ ލެވަކޫސެން އާއި ބޮރޫޝިއާ މުންޗެންގްލަޑްބަކް އެވެ. ފޯރިގަދަ މި މެޗު 3-2 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ލެވަކޫސެން އެވެ. މެޗުގެ ފުރަތަމަ ތިން ގޯލު ޖަހައި ލެވަކޫސަން ކުރީގައި އޮތްއިރު، ފަހު ދިހަ މިނެޓުގައި ދެ ގޯލު ޖަހައި މުންޗެންގްލަޑްބަކް އިން ފަރަގު ކުޑަކުރި އެވެ. ލެވަކޫސެންގެ ގޯލުތައް ޖަހައިދިނީ މިޗެލް ބަކާ، އަމީން އަދްލީ އަދި ނަދީމް އަމީރީ އެވެ. މުންޗެންގްލަޑްބަކްގެ ދެ ގޯލުވެސް ޖަހައިދިނީ ލާސް ސްޓިންޑްލް އެވެ.
ޖަރުމަނު ލީގުގައި ޑޯޓްމުންޑް ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ މައިންޒާ ދެކޮޅަށެވެ. ލީގުގެ ނުވަ ވަނައިގައި އޮތް ލެވަކޫސަން ނުކުންނާނީ ބޮކުމްއާ ދެކޮޅަށެވެ.












