ގިނަ ސަރުކާރުތައް އުފައްދައި ޔުނިޓަރީ ދައުލަތުގެ އަސާސް ރޫޅާލުމުގެ ވާހަކަ؛ ނުރައްކާތެރި ވިސްނުމެއް!

ގިނަ ސަރުކާރުތައް އުފައްދައި ޔުނިޓަރީ ދައުލަތުގެ އަސާސް ރޫޅާލުމުގެ ވާހަކަ؛ ނުރައްކާތެރި ވިސްނުމެއް!

'ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ.'

މިއީ ރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ މާއްދާގެ އިބާރާތެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ ރާއްޖެއަކީ އެއް ވެރިކަމެއް ކުރާ، އެއް ދައުލަތެއްގެ ގޮތުގައި ހިނގަމުން އަންނަ ދައުލަތެކެވެ. އެ ސިފަ ނައްތާލައި، ވަކި ސަރުކާރެއް އުފެއްދުމަށް ބަޔަކު މަސައްކަތްކުޅަ ކޮންމެ ފަހަރަކު ރާއްޖެ ތަޖުރިބާކުރީ ލޭއޮހޮރުވުމެވެ.

މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ވެރިކަމުގައިވެސް ބަޔަކު މި ސަކަރާތެއް ޖަހާ ވާހަކަ ދައްކައި، ވަކިވެގަންނަން މަސައްކަތްކުރިކަން ތާރީހުން އެނގެން އެބައޮތެވެ. ހަވަރުގައި ހިމެނޭ 'އޮޅިމެދު' ބެހިފައިވާ ހަނގުކަމާ، ވަރުހަނގުކަމާ، އައްތާރަފަނިކަމާ، އަސްކަރުކަމުގެ ތެރެއިން، އަސްކަރުންނޭ ކިޔެނީ ބައެއް ރަށްރަށު މީހުން ނުކިޔަމަންތެރިވެގެން އެކަން ހަމަޖައްސަވާން، ހަވަރުގެ ތެރެއިން އެކިބައިމީހުން އެކި ރަށްރަށަށް ފޮނުއްވިއިރު އުތުރުގެ ރަށްރަށަށް ފޮނުއްވި ލަޝްކަރުގައިި ހިމެނުނު މީހުންނަށެވެ. މިއީ، މިކަހަލަ ނުކިޔަމަންތެރިކަމާއި ދައުލަތާ ވަކިވެގަތުމުގެ ވިސްނުމުގެ ދިގު ތާރީހު ސާބިތުކޮށްދޭ ކަމެކެވެ.

Advertisement

އުތުރު ގަޑުބަޑުގެ ސަބަބުތަކާއި، އެމީހުން ތަހައްމަލުކުރާން ޖެހުނު އަނިޔާތަކާއި، ސުވާދީބު ސަރުކާރު އުފެދުމާއި ނިމިގެންދިޔަ ގޮތަކީ ރާއްޖޭގެ ތާރީހުގެ އެންމެ ކަޅު ސަފުހާތަކެވެ. އެ ސަފުހާތަކަށް އަޅުގަނޑުމެންގެ ލޯ ދިއްކޮށްލަނީ ބަލާން ނުބަލާން ތިބެ އެވެ. ކުރެހިގެން އަންނަ މަންޒަރުތަކުގައި ދައްކާން ހުރި ވާހަކައަށް ވުރެ ގިނައީ ދައްކައިގެން ނުވާނޭ ނުވަތަ ދެއްކެން ނެތް ވާހަކަތަކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ މުހައްމަދު ނަޝީދު ހުވަދު އަތޮޅު ވިލިނގިއްޔަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަނެއްކާވެސް މި ބާވަތުގެ ވާހަކަފުޅެއް ދައްކަވައި، ޒަމާންވީ ޒަހަމުތަކުގައި ކޮށައި ތާޒާކުރައްވަން މަސައްކަތް ކުރައްވައިފި އެވެ. ހަމައެކަނި ސިޔާސީ ބޭނުންފުޅެއްގަ އެވެ.

އެ ރަށުގައި ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މިސްރާބަކީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ވާހަކަ އެވެ. އެ ވާހަކައިގެ ތެރެއިން ހަމަ ކުއްލިއަކަށް އެ ވިދާޅުވީ އެކަން ކުރެވޭނީ ފެޑެރަލް ނިޒާމަކަށް ރާއްޖެ ބަދަލުކޮށްގެން ކަމަށެވެ.

ފެޑެރަލް ނިޒާމޭ އެ ކިޔަނީ، އެންމެ ތިލަކޮށް ދަންނަވާނަމަ، އެއް ދައުލަތެއްގެ ގޮތުގައި އޮންނަ ގައުމެއްގެ އެކި ސަރައްހަދުތަކުގައި ވަކި ސަރުކާރުތަކެއް އުފައްދައި، ސަރަހައްދީ ގާނޫނުތަކުގެ ތެރެއިން އެ ސަރަހައްދެއްގެ ކަންކަން އެ ސަރުކާރަކުން ހިންގާ ގޮތަށް އޮންނަ ނިޒާމަށެވެ.

އެ ނިޒާމުގައި ވެސް ހުރިހާ ސަރުކާރުތަކަކުން ތަބާވާނޭ މައިގަނޑު އަސާސްތަކެއް ނުވަތަ ފެޑެރަލް ގާނޫނުތަކެއް ހުންނާނެވެ. އެހެންނަމަވެސް ކޮންމެ ސަރަހައްދެއްގައި އޮންނާނީ އެ ސަރަހައްދަކުން އިންތިހާބުކުރާ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހެކެވެ. އެ ނިޒާމު ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމުން ވެރިކަން ކުރާ ގައުމެއްގައި ވެސް ހިންގަފާނެ އެވެ. ފެޑެރަލް ބަރުލަމާނީ ނިޒާމުގެ މިސާލަކީ އިންޑިއާ އެވެ. ފެޑެރަލް ރިޔާސީ ނިޒާމުގެ މިސާލަކީ އެމެރިކާ އެވެ.

ނިކަން ފައްކާ ގޮތެއް ކަމަށް އެ ވިދާޅުވާ އުސޫލުން ވެރިކަން ހިންގަނީ މުޅި ދުނިޔޭގައި ވެސް އެންމެ ފަންސަވީސް ގައުމުގަ އެވެ. އެ ގައުމުތަކަކީ ވެސް އެތައް މިލިޔަނުގެ އާބާދީ އޮތް، ރާއްޖެއާ ވަރުން ނޭޅުވޭ ވަރު ބޮޑެތި ގައުމުތަކެވެ. ރާއްޖެއަށް މި ވީހާ ދުވަހެއްގައި މި ދައުލަތުގައި ބައިވަރު ސަރުކާރުތައް ނުއުފައްދައި އަޅުގަނޑުމެން މިތިބީ އެއީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫންކަން އަޅުގަނޑުމެން ދެކި ތަޖުރިބާކޮށްފައި ވާތީ އެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގޭނީ ފެޑެރަލް ނިޒާމަކަށް ބަދަލުކޮށްގެން ކަމަށް އެ ވިދާޅުވަނީ ކަނޑައެޅިގެން ގޯހުންނެވެ. ފެޑެރަލް ނިޒާމަށް ހިންގާ ގައުމުތަކުގައި ވެސް ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުން އޮވެ އެވެ. އެހެންވީމާ ފެޑެރަލް ނިޒާމަކީ ލާމަރުކަޒީ ނިޒާމު ނުހިންގިގެން ހޯދާ ހައްލެއް ނޫންކަން ސާފުކޮށް އެބަ އެނގެ އެވެ.

ވަކިވަކި ސަރުކާރުތައް އުފެއްދުމުގެ ވާހަކައަކީ މީހުންގެ ލޭ ކައްކުވާލައި ޖޯޝެއް އުފައްދާނޭ ކަހަލަ ވާހަކައެކެވެ. އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ހުވަދު އަތޮޅުގައި ހުންނަވައި އެ ވާހަކަ އެ ދެއްކެވީ މީހުން ކައްކުވާލާނަމޭ ހިތްތަވަ އެވެ. އެއީ އޭގެ ނަތީޖާއަށް އެއްވެސް ވަރަކަށް ވިސްނެވުމެއް ނެތި ދެއްކެވި ވާހަކަފުޅެކެވެ. އެ ހުންނަނީ އެކަމުން އުފެދޭ ސިޔާސީ ފޯރިއާއި، ހަމަނުޖެހުން ދެކި ބަޔަކަށް އެކަމުން އުފާ ލިބޭނޭތީ ކޮށްލަން ހެޔޮވާވަރު ކަންކަމެއް ނޫނެވެ.

ކޮންމެ އަތޮޅަކަށް ނުވަތަ ދެތިން އަތޮޅު އެއްކޮށްލައި ސަރުކާރެއް އުފައްދާނަމަ، ރާއްޖެފަދަ ގައުމަކަށް ވެގެންދާނީ ތަސައްވުރުކޮށްލަންވެސް ދަތި އުނދަގޫ ގޮތްތަކެކެވެ. ފެޑެރަލް ނިޒާމަށް ވެރިކަން ހިންގާ ގައުމުތަކުގައި ސެންޓްރަލް ސަރުކާރާއި، ސަރަހައްދީ ސަރުކާރުތަކުގެ ކޯޅުންތައް ބަލައި ކިޔައިފި ކޮންމެ މީހަކަށް މިކަމުގެ މިސާލުތައް އެހުރީ ފެންނާށެވެ. އެގައުމުތަކުގައި އެ މައްސަލަތައް ހައްލުވެގެން ދަނީ، ޑިމޮކްރެސީ ހިންގުމުގެ ތަޖުރިބާއާއި އެ ނިޒާމުތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އޮތް މިންވަރާއިއެކު ވެސް، ނިކަން އުނދަގުލާއި ގެއްލުންތައް ތަހައްމަލުކުރުވާފަ އެވެ.

ގިނަ ސަރުކާރުތަކެއް އުފެއްދުމުގެ ވާހަކަ ޖޯޝާއެކު ވިދާޅުވީތީ، އެކަން ކުރާނޭ ގޮތުގެ ތަސައްވުރަކީ ކޮބައިތޯ އެހުމުން އެކަމުގައި ނަޝީދުގެ ސާފު ޖަވާބެއް ނެތެވެ. ހުވަދޫ ދަތުރުފުޅަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުން ސާފުވީ އެ ވިސްނުންފުޅަކީ ތަސައްވުރެއް އޮވެގެން ނުވަތަ 'ވިޝަން އެއް' އޮވެގެން ދެއްކެވި ވާހަކަފުޅެއް ނޫން ކަމެވެ. ޖަވާބު ދެއްވުމުގެ ބަދަލުގައި މުޅީންވެސް އުޅުއްވީ ހަވާސާގަ އެވެ. ވިދާޅުވީ ފެޑެރަލް ނިޒާމު ގެނައުމާ ގުޅޭ ގޮތުން ޖެހޭނީ ގިނަ ބަޔަކާ މަޝްވަރާ ކުރައްވަން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅު ވާނީ ގިނަ ބަޔަކު ބޭނުންވާ ގޮތެއް ކަމަށެވެ.

ޔުނިޓަރީ ދައުލަތަކަސް ފެޑެރަލް ދައުލަތަކަސް، ކައުންސިލްތަކުގެ ބައިވެރިވުން އޮވެގެން ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގޭނެ އެވެ. އެ ނިޒާމުގައި ފެޑެރަލް ސިފަ ޖައްސާ ވާހަކަ އެ ދައްކާ ބަޔަކު ދައްކަނީ މުޅީން އެހެން ބޭނުމެއްގަ އެވެ. ރާއްޖޭގެ އެއް ދައުލަތުގެ ސިފަ ގެއްލުވާލާ ވާހަކައަކީ އޭގެ ޒާތުގައިވެސް ފިތުނަވެރި ވާހަކައެކެވެ. ކެމްޕޭނެއްގައި ވިޔަސް، ދައްކަން ކަމުނުދާކަހަލަ ވާހަކަ ހުންނާނެ އެވެ. އެއީ އެކަހަލަ ވާހަކައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox