މިއުނިކް (ޖެނުއަރީ 22) - ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، ޖަރުމަނު ލީގުގެ ކުޅުން ފެށި ހަފްތާގައި، ލީގުގެ އެއް ވަނައިގައި އޮތް ބަޔާން މިއުނިކާ ގާތަށް ޖެހިލަން ލިބުނު ފުރުސަތުގެ ފްރައިބާގުން ނަގާލައިފި އެވެ.
ބަޔާނުން ހުކުރު ދުވަހުގެރޭ އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިރޭ ފްރައިބާގް މޮޅުގެން، ބަޔާނާ ތިން ޕޮއިންޓަށް ގާތަށް ޖެހިލެވެން އޮތެވެ. އެކަމަކު، ފްރައިބާގް ވަނީ ވުލްފްސްބާގް އަތުން 6-0 އިން ބަލިވެފަ އެވެ.
ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ، ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 16 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ފްރޭންކްފާޓާއި ތިން ވަނައިގައި އޮތް ޔޫނިއަން ބާލިން އަދި ހަތަރެއްގައި އޮތް ފްރައިބާގަށް ވަނީ 16 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.
ޔޫނިއަން ބާލިން އިން މިރޭ ހޮފެންހައިމް އަތުން 3-1 އިން މޮޅުވިއިރު، ފްރޭންްކްފާޓް ވަނީ 3-0 އިން ޝާލްކާގެ މައްޗަށް ކުރިހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ވުލްފްސްބާގުން ވަނީ މިރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޕެޓްރިކް ވިމާ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ފްރައިބާގަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހުނީ، ނުވަ މިނިޓް ތެރޭ ވުލްފްސްބާގްގެ ޑެންމާކްގެ ފޯވާޑް ޖޮނަސް ވިންޑް ދެ ގޯލު ޖެހުމުންނެވެ.
ދެ ވަނަ ހާފްގައި ވެސް ރަނގަޅު އެޓޭކިން ގޭމެއް ކުޅެ، ވުލްފްސްބާގުން އިތުރު ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ، ޔަނިކް ގޭހާޑްޓް، ރިޑްލް ބަކޫ އަދި އިތުރު ވަގުތުގައި ޕެނަލްޓީ އަކުން، ލޫކަ ވަލްޝިމިޑްޓް އެވެ.
ބަލިނުވެ، 10 މެޗު ހަމަކޮށްފައިވާ ވުލްފްްސްބާގުން މި ވަނީ ލީގުގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވެފަ އެވެ. ވުލްފްސްބާގުގެ ކޯޗަކަށް ހުރީ ބަޔާންގެ ކުރީގެ ކޯޗު ނިކޯ ކޮވަޗް އެވެ. ލީގުގައި މި ފަހަރު، ވުލްފްސްބާގުން ފުރަތަމަ ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ނަމަވެސް، ފަހަކަށް އައިސް ކޮވަޗް މި ވަނީ އެ ޓީމުގެ ފޯމު ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ.
ލީގުގެ ހަ ވަނައިގައި މި ވަގުތު އޮތް ވުލްފްްސްބާގަށް ވަނީ 16 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަަނައިގައި އޮތް ލައިޕްޒިގްގެ އޮތީ 16 މެޗުން 29 ޕޮއިންޓެވެ.












